ހެލްތު އެކްސްޕޯ 2024 ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުހައްމަދު ލަތީފް ހުޅުއްވާދެއްވައިފިއެވެ.
ހެލްތު އެކްސްޕޯއަކީ ދުޅަހެޔޮ މުޖްތަމަޢެއް ބިނާކުރުމާއި، ސިއްޙީ ދާއިރާއިން ކުރަމުން އަންނަ މަސައްކަތްތަކާއި، ސިއްޙީ ގޮތުން ދުޅަހެޔޮ އާދަތަކަށް ހޭލުންތެރިކުރުމާއި ގުޅޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ”ފުރިހަމަ ސިއްޙަތަކަށް މުޅި ޤައުމު އެކުގައި“ ގެ ނަމުގައި ބާއްވާ އެކްސްޕޯއެކެވެ.
މި އެކްސްޕޯގެ މައިގަނޑު މަޤްސަދަކީ ދުޅަހެޔޮ މުޖްތަމަޢެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތައް ދެއްކުމާއި، ސިއްޙީގޮތުން ދުޅަހެޔޮ އާދަތަކަށް ހޭލުންތެރިކޮށް މަޢުލޫމާތު ފޯރުކޮށް ދިނުމެވެ. ހެލްތު އެކްސްޕޯ ހުޅުއްވާދެއްވުމުގެ ރަސްމިއްޔާތުގައި ޞިއްޙީ ދާއިރާގެ ހަފްތާ 52ގެ މަސައްކަތާ ގުޅޭ ފޮތް ނައިބު ރައީސްވަނީ ނެރުއްވާދެއްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ހެލްތު އެކްސްޕޯ 2024 ގައި އާންމުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، އެ ސްޓޯލްތައް ބައްލަވާލައްވާފައެވެ.
ހެލްތު އެކްސްޕޯ 2024ގައި، ޞިއްޙީ ދާއިރާގެ އެކިއެކި ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި، ކްލިނިކްތަކާއި ޖަމިއްޔާ ޖަމާއަތްތަކާއެކު މި އެކްސްޕޯގައި ގާއިމުކޮށްފައިވާ 50 ސްޓޯލަކުން، އާންމުންނަށް މައުލޫމާތު ލިބޭނެ އިންތިޒާމު، ޞިއްޙަތާބެހޭ ވުޒާރާއިން ވަނީ ހަމަޖައްސަވައިދެއްވާފައެވެ.

