ލ އަތޮޅު ހުޅިމެންދޫގައި ފަސް ތަރީގެ ޓްރެއިނިންގ ރިސޯޓެއް ތަރައްގީ ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ މޯލްޑިވްސް ނޭޝަނަލް ޔުނިޔާސިޓީ (އެމްއެންޔޫ) ގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ފައިސަލް އިބްރާހީމެވެ. އެމްއެންޔޫގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ.
މި އެއްބަސްވުމާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ފައިސަލް ވިދާޅުވީ، މިއީ ވޯލްޑް ލީޑިންގ ޑެސްޓިނޭޝަންގެ ގޮތުގައި ދެމި އޮންނަން ބޭނުންވާތީ ފަހި ކޮށްދޭ ފުރުސަތުތަކެއްކަމަށެވެ. 53 އަހަރުގެ ސިނާއަތް މިހާރަށްވުރެ ހަރުދަނާ ކުރުމަކީ މި މަސައްކަތުގެ އަމާޒުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި މަސައްކަތުގެ ދަށުން މި ސިނާއަތުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ތައުލީމު އުގެނުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ރަނުގެ ފުރުސަތެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ސަރުކާރުން މިހާރު އެންމެ އިސްކަން ދެނީ ޓޫރިޒަމް ސިނާއަތުގެ ތެރެއިން ދިވެހިންނަށް މަންފާ ހޯދައިދިނުމަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ސަރުކާރުގެ ވިސްނުމަކީ ޓޫރިޒަމް ނެތް ސަރަހައްދުތަކުގައި، ޓޫރިޒަމް ފުޅާ ކުރުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި މަސައްކަތުގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާގެ އަމަލީ ތަޖުރިބާ ހޯދުމަށް ދަރިވަރުންނަށް ފަހިވެގެންދާނެކަމަށް ފާހަގަކުރެއެވެ.

