ރާއްޖޭގެ ތިމާވެށްޓާއި ގުދުރަތީ ވަސީލަތްތައް ދެމެހެއްޓުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކުނި އެކަށީގެންވާ ގޮތެއްގައި މެނޭޖް ނުކުރެވުމެވެ. އެހެނިހެން އަސާސީ ޚިދުމަތްތަކާ ޚިލާފަށް، ކުނީގެ މައްސަލަ މުހިންމު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވެން ފެށީ 2004 ގެ ސުނާމީއަށް ފަހުގައެވެ. އެހެންކަމުން، މި ދާއިރާގެ އަސާސީ ވަސީލަތްތަކާއި އިންސާނީ ވަސީލަތްތައް އެކަށީގެންވާ މިންވަރަށް ގާއިމުކުރެވިފައެއް ނުވެއެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ރާއްޖޭގެ 99 ރަށެއްގައި ކުނިކޮށި ގާއިމުކުރެވިފައިވީ ނަމަވެސް، އޭގެ ތެރެއިން 18 ރަށެއްގައި އެކަނި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ފޯރުކޮށްދެވެމުން ދިޔައެވެ. އެހެން ރަށްތަކުގައި އެކި ސަބަބުތަކާ ހުރެ، ޚާއްޞަކޮށް ބޭނުންވާ އިކުއިޕްމަންޓާއި ކުނި އުފުލާނެ ވެހިކަލް ނެތުމުގެ ސަބަބުން، ކުނިކޮށީގެ ބޭނުން އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

ކުނި މެނޭޖުކުރާ ސަރަޙައްދީ 3 މަރުކަޒުގެ އަމަލީ މަސައްކަތް ފެށިފައިވީ ނަމަވެސް، އެއްވެސް ތަނެއް ޚިދުމަތް ދެވޭ މިންވަރަށް ތައްޔާރުކުރެވިފައެއް ނުވެއެވެ. ރ. ވަންދޫގައި ކުނިން ހަކަތަ އުފައްދާ މަރުކަޒެއް ގާއިމުކޮށް ވެމްކޯއާ ހަވާލުކުރެވުނު ނަމަވެސް، އެކި ސަބަބުތަކާ ހުރެ އެ ތަން ފުރިހަމައަށް ހިންގޭ ހާލަތަކަށް ގެނެވިފައެއް ނުވެއެވެ. އައްޑޫ ސިޓީގެ ހިތަދޫގައި ގާއިމުކުރަމުންދާ ސަރަޙައްދީ މަރުކަޒާއި ތިލަފުށީގައި ގާއިމުކުރަމުންދާ މަރުކަޒުގެ އަމަލީ މަސައްކަތް އޭރު ކުރިއަށް ދިޔައެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، ”މަގޭ ސާފު ރާއްޖެ“ ނަމުގައި ކުނި މެނޭޖުކުރުމުގެ ޤައުމީ މަޝްރޫޢެއް އެކުލަވާލައި ތަންފީޒުކުރަން ފަށާފައިވެއެވެ. މި މަޝްރޫޢުގެ ދަށުން، 17 ރަށެއްގައި ކުނިކޮށި އަޅައި، އެ ރަށްރަށުގެ ކައުންސިލްތަކާ ހަވާލުކުރެވިފައިވެއެވެ. އަދި 3 ރަށަކަށް ކޮންޓްރެކްޓަރުން މޮބިލައިޒްކުރެވި، އިތުރު 3 ރަށަކަށް މޮބިލައިޒްކުރުމުގެ މަސައްކަތް ފެށިފައިވެއެވެ.
22 ރަށަކަށް ކުނި މެނޭޖުކުރާ އިކުއިޕްމަންޓް ގެންގޮސް، އިންސްޓޯލްކޮށް، ކޮމިޝަންކުރުމަށްފަހު، މި އިކުއިޕްމަންޓް އޮޕަރޭޓްކުރާނެ ގޮތުގެ ތަމްރީނު އެ ރަށްރަށުގެ ކައުންސިލްތަކަށް ފޯރުކޮށްދެވިފައިވެއެވެ. އިއިތުރު 50 ރަށަކަށް ބޭނުންވާ އިކުއިޕްމަންޓް ރާއްޖެ ގެނެސް، ރަށްރަށަށް ގެންދިއުމުގެ މަސައްކަތް ފެށިފައިވެއެވެ. މީގެއިތުރުން، 3 ސަރަޙައްދީ މަރުކަޒަށް ބޭނުންވާ އިންޑަސްޓްރިއަލް ސްކޭލްގެ ގްލާސް ކްރަޝަރ ރާއްޖެ އްޖެ ގެނެސް، ވެމްކޯއާ ހަވާލުކުރެވިފައިވެއެވެ.
ރަށްރަށުގައި ކުނި އުފުލުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ރަށު ކައުންސިލްތަކަށް އެހީތެރިވެދިނުމުގެ ގޮތުން، ކުނި އުފުލާ ވެހިކަލް ރާއްޖެ އެތެރެކުރުމަށްފަހު 99 ރަށުގެ ކައުންސިލްތަކާ ހަވާލުކުރެވިފައިވެއެވެ. މި މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ ގިނަ ރަށްރަށުގައި ކުނި މެނޭޖުކުރުމުގެ ނިޒާމު ހަރުދަނާވެ، ތިމާވެށި ރައްކާތެރިކުރުމަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.
މި މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތްތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމުގެ ނިޒާމެއް ގާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ. ނަމަވެސް، މި މަސައްކަތް ކާމިޔާބުކުރުމަށްޓަކައި ސަރުކާރުގެ މަސައްކަތާއެކު ރައްޔިތުންގެ އެއްބާރުލުމާއި ހޭލުންތެރިކަން އިތުރުކުރުމަކީވެސް ކޮންމެހެން މުހިންމު ކަމެކެވެ.
ކުރިއަށް އޮތް ތަނުގައި، ކުނި މަދުކުރުމާއި، އަލުން ބޭނުންކުރުމާއި، ރީސައިކަލްކުރުމުގެ އުސޫލުތައް (3R – Reduce, Reuse, Recycle) ރާއްޖޭގައި އިތުރަށް ކުރިއެރުވުމަށް މަސައްކަތްކުރަންޖެހެއެވެ. އަދި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންހިފައިގެން ކުނިން ހަކަތަ އުފެއްދުމާއި، ކުނިން އަގުހުރި ބާވަތްތައް އުފެއްދުމުގެ މަސައްކަތްތައް ފުޅާކުރަންޖެހެއެވެ.

މާލެ ސަރަހައްދުގައި ކުނި މެނޭޖްކުރުމުގެ ފުރިހަމަ ނިޒާމެއް ގާއިމުކުރުމަށްޓަކައި، އެންވަޔަރަންމަންޓް މިނިސްޓްރީން މާލެ އާއި ވިލިމާލޭގައި ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކެއް ގާއިމުކޮށް، އޭގެ އޮޕަރޭޝަން ވެމްކޯއާ ހަވާލުކޮށްފައިވެއެވެ. މި ސްޓޭޝަންތަކުގެ އޮޕަރޭޝަން ފެށުމާއެކު، މާލެ އާއި ވިލިމާލެއިން ތިލަފުށްޓަށް ކުނި ގެންދެވެނީ ކޮންޓެއިނަރުތަކުގައި ބަންދުކުރެވި، ކަނޑަށް ކުނި ނޭޅޭނެހެން ރައްކާތެރި ގޮތުގައެވެ. މީގެ ސަބަބުން ވެމްކޯގެ މަސައްކަތަށް ލުޔެއް ލިބި، މާލޭގައި ކުނި އުފުލުމުގެ ޚިދުމަތް ފޯރުކޮށްދޭ އަމިއްލަ ފަރާތްތަކަށްވެސް ބޮޑެތި ފަސޭހަތަކެއް ލިބިފައިވެއެވެ.
ހުޅުމާލޭގައިވެސް މިފަދަ ވޭސްޓް ޓްރާންސްފަރ ސްޓޭޝަނެއް ގާއިމުކުރުމަށް ބޭނުންވާ ބިން ހަމަޖެހި، އަވަސް މުސްތަޤުބަލެއްގައި ސްޓޭޝަން އެޅުމުގެ އަމަލީ މަސައްކަތް ޓެންޑަރ އުސޫލުން ބަޔަކާ ހަވާލުކުރެވޭނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ. ގްރޭޓަރ މާލެ ސަރަހައްދުގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުންނާއި ހުޅުމާލެ ވެމްކޯ ސައިޓުން ޚިދުމަތް ހޯދާ އާންމު ފަރާތްތަކާއި، ކުދި ވިޔަފާރިތަކާއި އަދި ވިޔަފާރި އުސޫލުން ކުނި އުފުލުމުގެ ޚިދުމަތް ފޯރުކޮށްދޭ އަމިއްލަ ފަރާތްތަކުން ގެންނަ ކުންޏަށް ނަގަމުންދިޔަ ޓަނޭޖް ފީ 500 ރުފިޔާއަށް ކުޑަކޮށްފައިވެއެވެ. މިކަމުގެ ސަބަބުން އާންމު ފަރުދުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
އައްޑޫ ސިޓީގައި ގާއިމުކުރަމުންދާ ދެކުނުގެ އަތޮޅުތަކުގެ ސަރަހައްދީ ކުނި މެނޭޖުކުރާ މަރުކަޒުގެ ވޭސްޓް ޓު އެނަރޖީ ޕްލާންޓުގެ މަސައްކަތް ނިމި، ކޮމިޝަނިންގ އެންޑް ޓެސްޓިންގ މަސައްކަތްވެސް ވަނީ ނިމިފައެވެ. މި ޕްލާންޓުން ދުވާލަކު 50 ޓަނު ކުނި އެންދުމުގެ އަދި 1.5 މެގަވޮޓް ކަރަންޓު އުފެއްދުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ. މި މަޝްރޫޢުގެ 2 ވަނަ މަރުހަލާއަށް ބޭނުންވާ 14 މިލިއަން ޑޮލަރު ޑޯނަރ އޭޖެންސީގެ އެހީގައި ހަމަޖެހި، އެ މަސައްކަތް ފެށުމަށް ބޭނުންވާ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް އެކުލަވާލާފައިވެއެވެ.
ތިލަފުށީގައި ގާއިމުކުރަމުންދާ ސަރަހައްދީ ކުނި މެނޭޖުކުރާ މަރުކަޒުގެ ދުވާލަކު 500 ޓަނު އެންދޭ އިންސިނެރޭޓަރުގެ 2 ލައިންގެ މެކޭނިކަލް ޕާޓްސް ސައިޓަށް ޑެލިވަރކޮށް، އެ ޕްލާންޓުގެ ސިވިލް ވަރކްސް މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އެހެންނަމަވެސް ތިލަފުށްޓަށް ބަލާއިރު މި އަދަދު މިހާރު ވަނީ އިތުރުކުރަންޖެހިފައެވެ. އެހެންކަމުން އިތުރު 250 ޓަނުގެ ޕްލާންޓެއް ބެހެއްޓުމަށް ބޭނުންވާ ފައިނޭންސް ހޯދުމަށްޓަކައި ދިވެހި ސަރުކާރާއި އޭ.ޑީ.ބީ އާއެކު މަޝްވަރާތައް ވަނީ ފަށާފައެވެ.
ރަށްރަށުގައި އުފައްދާ ކުނީގެ ތެރެއިން މެނޭޖްކުރުމަށް އެންމެ އުނދަގޫ ކުންޏަކީ ބަދިގެ ކުންޏާއި އެނޫންވެސް އޯގަނިކް ކުންޏެވެ. މި ކަމަށް ހައްލެއް ހޯދުމަށް، ކުރިން މަސައްކަތް ކުރަމުން އައީ މެނުއަލް ކޮމްޕޯސްޓިންގ އުސޫލުންނެވެ. ނަމަވެސް މި ކަމުގައި ކުރަންޖެހޭ މަސައްކަތް ބޮޑުވުމާއި، ބޭނުންވާ އިންސާނީ ވަސީލަތްތައް ހުރިގޮތުންނާއި އަދި މިފަދަ މަސައްކަތަށް ބޭނުންވާ ޖާގަ ނުލިބުމުގެ ސަބަބުން ކާމިޔާބުކަމާއެކު މި މަސައްކަތް ވަނީ ކުރިއަށް ނުގެންދެވިފައެވެ.

އެހެންކަމުން މިނިސްޓްރީން މިހާރު ވަނީ މެކޭނިކަލް ކޮމްޕޯސްޓިންގ ރާއްޖޭގައި ޓެސްޓްކުރަން ފަށާފައެވެ. އެގޮތުން މީގެ ޕައިލެޓް ޕްރޮޖެކްޓެއް ރާއްޖޭގެ 4 ރަށެއްގައި މިހާރު ވަނީ ފަށާފައެވެ. މިކަން ކާމިޔާބުވެއްޖެނަމަ ރާއްޖޭގެ މީހުން ދިރިއުޅޭ އެހެން ރަށްތަކުގައިވެސް ފަނާވާ ޒާތުގެ ކުނި މެކޭނިކަލް ކޮމްޕޯސްޓިންގ ބޭނުންކޮށްގެން މެނޭޖްކުރަން ފެށޭނެއެވެ. މީގެ ސަބަބުން ރަށްރަށުގައި އުފައްދާ ކުނީގެ ގާތ ގާތްގަނޑަކަށް 60 އިންސައްތަ ކުނި ފަސޭހަކަމާއެކު މެނޭޖްކުރެވިގެންދާނެއެވެ.
ވެމްކޯގެ ކުނި މެނޭޖްކުރުމުގެ ޚިދުމަތްތައް ކ. މާފުށި، ގދ. ތިނަދޫ، އަދި ހދ. ކުޅުދުއްފުށީގައި ވަނީ ފަށާފައެވެ. 62 ރަށަކަށް ވަނީ ކުނި މެނޭޖްކުރުމުގެ ރަށު ފެންވަރުގެ ތަމްރީން ފޯރުކޮށްދީފައެވެ. އިތުރު 7 ރަށެއްގެ 14 ފަރާތަކަށް ރާއްޖެއިން ބޭރުން ވަނީ ތަމްރީނު ދެވިފައެވެ.
މީގެއިތުރުން، ކުނި މެނޭޖްކުރުމުގެ ޤައުމީ ސިޔާސަތު އެކުލަވާލައި ތަންފީޒުކުރަން ވަނީ ފަށާފައެވެ. މި ސިޔާސަތުގައި ހިމެނޭ މުހިންމު އެއްކަމަކީ ކުނި މެނޭޖްކުރުމުގެ ބައެއް ޚިދުމަތްދިނުން ޕްރައިވެޓް ސެކްޓަރއަށް ރަސްމީކޮށް ހުޅުވާލުމެވެ. އަދި ވިޔަފާރި އުސޫލުން މިކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. މީގެއިތުރުން ވިޔަފާރިވެރިންނަށް ރީސައިކަލްކުރުމުގެ ފުރުޞަތު ހުޅުވާލުމަކީވެސް މި ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެހެންކަމުން، އެކަމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު މިނިސްޓްރީން މިހާރު ވަނީ އެކުލަވާލާފައެވެ.

