ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮކްޓޫބަރު މަހުގައި ކާބޯތަކެތީގެ އަގުތައް އިތުރުވެއްޖެ: އެފްއޭއޯ

ކެއިންބުއިމުގެ ބާވަތްތައް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ކާބޯތަކެތީގެ އަގުތައް މައްޗަށް ދިއުމާ ގުޅޭގޮތުން އދ. ގެ ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން (އެފްއޭއޯ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ދުނިޔޭގައި ހިނގަމުންދާ ގިނަ ހަނގުރާމަތަކާއެކު، ކާބޯތަކެތީގެ ދަތިކަން ކުރިމަތިވުމުގެ ފުރުސަތު އޮތްކަމަށް އެކި ފަރާތްތަކުން ފާހަގަކުރަމުންދެއެވެ. ޚާއްޞަކޮށް ތެލުގެ މާކެޓަށް އައިސްފައިވާ ބޮޑެތި ބަދަލުތަކާއި، އިތުރު ބަދަލުތައް އައުމުގެ ފުރުސަތު ބޮޑުވުމާ ގުޅިގެން މި ކަންބޮޑުވުންތައް އިތުރުވަމުންދާކަމަށް މި ދާއިރާ ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

އެފްއޭއޯ އިން ހާމަކޮށްފައިވާ ގޮތުގައި، އޮކްޓޯބަރު މަހުގެ ތެރޭގައި ދުނިޔޭގެ ކާބޯތަކެތީގެ އަގުތައް ވަނީ މައްޗަށް ގޮސްފައެވެ. މިއީ ވޭތުވެދިޔަ 18 މަސްދުވަހުގެ ތެރޭގައިވެސް އެންމެ މަތީ އަގުތައް ރެކޯޑުކުރެވުނު ދުވަސްވަރެވެ. އެންމެ ބޮޑަށް އަގު މައްޗަށް ގޮސްފައިވަނީ ކެއްކުމަށް ބޭނުންކުރާ ތެޔޮ ބާވަތްތަކުގެބާވަތްތަކުގެ އެވެ. މި މަޢުލޫމާތު އާންމުކޮށްފައިވަނީ ނޮވެމްބަރު 8 ވަނަ ދުވަހުއެވެ. އަދި ސެޕްޓެމްބަރު މަހާ އަޅާބަލާއިރު، އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ އަގު 2 އިންސައްތައިން މައްޗަށް ގޮސްފައިވާކަމަށް ވެއެވެ.

ބައެއް ރިޕޯޓުތަކުގައިވާ ގޮތުން، މި ކަމުގެ އަސަރުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނަމުންދެއެވެ. ޚާއްޞަކޮށް ކާބޯތަކެތީގެ ބޭނުން ފުއްދުމަށް އިމްޕޯޓަށް ބަރޯސާވާ ޤައުމުތަކުގައި މިފަދަ ދަތިތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުކަން އެކި ފަރާތްތަކުން ޝާއިޢުކޮށްފައިވާ މަޢުލޫމާތުތަކުން އެނގެއެވެ..

އެ ޖަމްޢިއްޔާއިން ބުނާ ގޮތުގައި، އޮކްޓޯބަރު މަހުގެ ތެރޭގައި އަގުތައް ހުރީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން މިހާތަނަށް އެންމެ މަތިން ފާހަގަކުރެވޭ މިންވަރުގައެވެ. އެހެންނަމަވެސް، މިހާތަނަށް އެންމެ ބޮޑަށް އަގު މައްޗަށް ދިޔަ ދުވަސްވަރަކީ 2022 ވަނަ އަހަރުގެ މާރިޗު މަހެވެ. 2023 ގެ އޮކްޓޯބަރު މަހުގައި ކާބޯތަކެތީގެ އަގުތައް ހުރީ މި ދުވަސްވަރާ އަޅާބަލާއިރު 20.5 އިންސައްތަ ދަށުގައެވެ. އޭރު އަގުތައް އިންތިހާއަށް ބޮޑުވެގެން ދިޔައީ ދަނޑުވެރިކަމުގެ ދާއިރާގައި ދުނިޔޭގެ އެންމެ އުފެއްދުންތެރި އެއް ޤައުމު ކަމަށްވާ ޔުކްރެއިނަށް ރަޝިޔާއިން ހަމަލާދޭން ފެށުމާ ގުޅިގެންނެވެ.

ވެޖިޓަބަލް އޮއިލްގެ އަގުތައް އޮކްޓޯބަރު މަހުގެ ތެރޭގައި 7.3 އިންސައްތައިން މައްޗަށް ގޮސްފައިވެއެވެ. މިއީ ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އެންމެ މައްޗަށް ދިޔަ މިންވަރެވެ. މީގެ މައިގަނޑު އެއް ސަބަބަކީ މި ބާވަތްތައް އުފައްދާ މިންވަރު ދަށްވުމެވެ. ހަކުރުގެ އަގުވެސް 2.6 އިންސައްތައިން މައްޗަށް ގޮސްފައިވާކަމަށް އެފްއޭއޯގެ މަޢުލޫމާތުތަކުން ދައްކައެވެ. މީގެ އިތުރުން، ކިރުގެ ބާވަތްތައް 2.5 އިންސައްތައިން އަދި ސީރިއަލްގެ ގޮތުގައި ކަނޑައެޅިފައިވާ ތަކެތި 0.8 އިންސައްތައިން މައްޗަށް ގޮސްފައިވެއެވެ.

އަގު ދަށަށް ދިޔައީ ހަމައެކަނި އެއްގަމު މަހުގެ ބާވަތްތަކުންނެވެ. މި ބާވަތްތަކުގެ އަގު 0.3 އިންސައްތައިން ދަށަށް ގޮސްފައިވާކަމަށް އެފްއޭއޯ އިން ހާމަކޮށްފައިވެއެވެ.

ކާބޯތަކެތީގެ އަގުތައް މައްޗަށް ދިއުމާއި ތެލުގެ ބާޒާރަށް ބޮޑެތި ބަދަލުތައް އަންނަމުންދާތީ، ގިނަ ކުރިއަރަމުންދާ ޤައުމުތަކުން މި ނުރައްކަލުން އަރައިގަތުމަށްޓަކައި އަމިއްލަ ޤައުމަށް ބޭނުންވާ ކާބޯތަކެތި އުފެއްދޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދެއެވެ. ދިވެހިރާއްޖެއަކީވެސް މި ލިސްޓުގައި ހިމެނޭ ޤައުމެކެވެ. ރާއްޖޭގައިވެސް ދަނޑުވެރިކަމުގެ ސިޔާސަތުގެ ދަށުން ބޮޑެތި މަސައްކަތްތަކެއް ކުރުމަށް ވަނީ ކަނޑައެޅިފައެވެ. މީގެ ތެރޭގައި ވާޓިކަލް ފާމިންގ އަދި ރާއްޖެއަށް ބޭނުންވާ ކުކުޅު ބިސް އުފެއްދުމަށް ކުރެވޭ މަސައްކަތްތައް ހިމެނެއެވެ.

މި ހާލަތުގައި، ކާބޯތަކެތީގެ ރައްކާތެރިކަމާއި އަމިއްލަ ފުދުންތެރިކަން ޤައުމީ އިސްކަމެއްގެ ގޮތުގައި ބެލުމަކީ މުހިންމު ކަމެކެވެ. އަދި ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އުސޫލުތަކަށް އަހުލުވެރިވެ، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ކާބޯތަކެތި އުފެއްދުމަށް އިސްކަންދިނުމަކީ މުހިންމު ކަމެކެވެ. މިގޮތުން، ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ކާބޯތަކެތީގެ އުފެއްދުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމަކީ މުޅި ޤައުމަށް ފައިދާހުރި ކަމަކަށް ވެގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: