ބަރަހަނާ މަންޒަރުތައް ދައްކާ ޙަފްލާތައް ބޭއްވުމަކީ މުސްލިމުން ކޮށްގެންވާނެ ކަމެއްނޫންކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބަރަހަނާ މަންޒަރުތައް ދައްކާ ޙަފްލާތައް ބޭއްވުމަކީ މުސްލިމުން ކޮށްގެންވާނެ ކަމެއްނޫން ކަމަށެވެ.
އޭގެ އިިތުރުން، ޤައުމުގެ އިޖްތިމާޢީ ކަރާމަތު ނަގަހައްޓައި އިސްލާމީ ސަޤާފަތު ރައްކާތެރި ކުރަންޖެހޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޤުރުއާން ބާވައިލެއްވުނީ ހިދާޔަތެއްގެ ގޮތުގައިކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރ އެހެން ވިދާޅުވެފައިވަނީ ބޮޑީ ބިލްޑިންގ މުބާރާތުގައި އާންމު އިޖުތިމާއީ މިންގަނޑަށް ނުފެތޭ މަންޒަރުތައް ފެނިފައިވާތީ އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ޤުރުއާނުގެ ބަރަކާތުން ފެށި މި ޙަފްލާގައި ދެޖިންސު ގުޅިގެން ބޮޑީ ބިލްޑިންގއާ ގުޅޭ މަންޒަރުތައް ދައްކުވައިދީފައިވެއެވެ.
އޭގެ އިތުރުން، މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ “މިސް ޔުނިވާސް” މުބާރާތުގައި ދިވެއްސަކު ބައިވެރިވާތީ، އެއީ ރާއްޖެ ތަމްސީލު ކުރަން ދިވެހި ސަރުކާރުގެ ބައިވެރިވުމެއް އޮތްކަމެއްކަމަށް ދޭހަވާގޮތަށް ޚަބަރުތައް ދައުރުވަމުންދާތީ އެކަން ސަރުކާރުން ވަނީ ކުށްވެރިވެސް ކޮށްފައެވެ.

