2025 ވަނަ އަހަރު އެންމެ މުހިންމު ކަމެއް ގޮތުގައި ކޯޗުން ތަމްރީނު ކުރުމުގެ ޕްރޮގުރާމްތައް ފެށިގެންދާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް އަހަރެއް ފުރުމާއި ގުޅިގެން ސަންގު ޓީވީއަށް ދެއްވި އިންޓަވިއުގައި ވަޒީރު ވިދާޅުވީ، އެ ވުޒާރާގެ ލޯގް ޕްލޭންގެ ދަށުން 2025 ވަނަ އަހަރު ފެށިގެންދާއިރު، އެންމެ ފުރަތަމަ ކަމަކަށް ކޯޗުން ތަމްރީނު ކުރެވިގެންދާނެ ކަމަށެވެ. ކުޅިވަރުގެ ދާއިރާއަށް ޝައުގުވެރިވާ ކުދިން އެ ދާއިރާއިން އިތުރަށް ކުރިއެރުވުމަށް، ކޯޗުން ތަމްރީނު ކުރުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
“ އަޅުގަނޑުމެންގެ ލޯގުޓާމް ޕްލޭންގެ ދަށުން، މިއަންނަ އަހަރު ފެށިގެން ދާއިރުގައި ފުރަތަމަ ކަމަކަށްވެސް ކޯޗުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް އެންމެ ފުރަތަމަވެސް އެންމެ މުހިންމު ކަމަކަށް އަޅުގަނޑުމެން ދެކެނީ، ކުޅިވަރު ކުޅޭ ކުދިން އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި އެންމެ މުހިންމު އެއް ކަމެއް ގޮތުގައި އަޅުގަނޑުމެން ދެކެނީ ކޯޗުން ތަމްރީނު ކުރުން“ މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ފުޓު ބޯޅައިގެ ދާއިރާ އޮތީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ސަބަބަކީ ސަރުކާރާއި ހަވާލުވިއިރު އެފްއޭއެމްގެ މައްސަލަ ބޮޑުވެފައި އޮތުން ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގައި ފުޓުބޯޅައިގެ ކުރިމު ގިނަ ރައްޔިތުންނަށް ސާފު ނުވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އެހެން ނަމަވެސް ސަރުކާރުން ކުރެއްވި މަސައްކަތުން، ނޮމަލައިޒް ކޮމެޓީއެއް ޤާއިމުކުރެވި، އެ މަސައްކަތް ކުރެވިގެންދާ ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ. އަދި މިހާތަނަށް ރާއްޖެއިން ބޭރަށް 5 ޓީމެއް ފޮނުވައިފައިވާ ކަމަށާއި އަދި ފަސްޓް ޑިވިޝަންގެ މުބާރާތްތައް 2025 ވަނަ އަހަރު ޖެނުއަރީ މަހު ކުރިއަށް ގެންދެވޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ނަމަވެސް ޓީމުތަކަށް މާލީ ގޮތުން ދިމާވެފައިވާ ދަތިކަމަކީ ވަރަށް ބޮޑު ދަތިކަމެއް ކަމަށާއި އެކަމަށްޓަކައި އޭއެފްސީ އާއި ފީފާގެ ފަރާތުން ލިބެންޖެހޭ މާލީ އެހީ ތެރިކަން އެފްއޭއެމްއަށް ނުލިބުމުން ކުރިއަށް ދާން މިވަގުތު ވަނީ ދަތިވެފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ އުންމީދަކީ ސަރުކާރުން ކުރަމުންދާ މަސައްކަތް ބަލައިގަނެ، އޭއެފްސީ އާއި ފީފާގެ ފަރާތުން އެފްއޭއެމްއަށް ލިބެންޖެހޭ މާލީ އެހީ ތެރިކަން ލިބުން ކަމަށެވެ.
ފީފާއިން ވަނީ އެފްއޭއެމްއަށް މީގެ ކުރިންވެސް އެހީތެރިވެފައެވެ. އެހެން ނަމަވެސް މާލީ ދަތިތަކުން އަރައިގަތުމަށް ފީފާ މެދުވެރިކޮށް ފުޓްބޯލް އެސޯސިއޭޝަނުން ނެގި ލޯނު ފައިސާއަށް އެފްއޭމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ދެ އެޕާޓްމަންޓެއް ގަނެފައިވާ މައްސަލަ ފެންމަތިވެ ކޮރަޕްޝަންގެ އަމަލު ހިންގާފައިވާ ކަމަަށް ވަނީ ތުހުމަތު ކޮށްފައެވެ.

