މީގެކުރިން ރައްޔިތުންގެ މަޖިލީހަށް އޭރުގެ ސަރުކާރަކުން ހުށަހަޅާފައި ހުރީ ހިޔާލީ އަދަދުތަކެއް ހިމަނާފައި ހުރި ބަޖެޓެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓު ބަހުސްގައި އައިފާނު ވަނީ ސަރުކާރުން 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ހުށައެޅުމުގައި ގާނޫނާއި ހިލާފަށް އަމަލުކޮށްފައިވާކަމަށް އެމްޑީޕީއިން ކުރާ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ. އައިފާން ވިދާޅުވީ އެމްޑީޕީއަކީ ތެދު ބަހުން ވާހަކަ ދެއްކެން އޮތް ތަނެއްގައި ވެސް ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރާނެ ބައެއްކަން ދިވެހި ރައްޔިތުންނަށް މިހާރު އެނގޭނެ ކަމަށެވެ.
މީގެ ކުރީގެ އަހަރުތަކުގައި ބަޖެޓުތައް ހުށަހަޅަމުން އައިސްފައި ވަނީ، އެއްވެސް މިންވަރަށް ބެލުމެއް ނެތި ދިރާސާއެއް ނުކޮށްކަމަށެވެ. އެކަން ސާބިތުކޮށް ދެނީ ބައެއް ޕްރޮޖެކްޓުތަކަށް ޖަހާފައި ހުރި އަދަދުތަކަށް ބަލައިކަމަށާއި، މަޝްރޫއުތައް ކުރިޔަށް ގެންދިއުމަށް އެކަށީގެންވާ ފައިސާތައް ބަޖެޓުގައި ޖަހާފައި ނުހުރުމަކީ ދިމާވާ އެންމެ ބޮޑު މައްސަލަކަމަށް އައިފާން ވިދާޅުވި އެވެ.
މީގެ ކުރީގައި 2019 ވަނަ އަހަރުގެ ބަޖެޓަށް ބަލާލިކަމުގައި ވިޔަސް.. 2020 ވަނަ އަހަރުގެ ބަޖެޓަށް ބަލާލިކަމުގައި ވިޔަސް އަދި.. 2023 ގެ ބަޖެޓަށް ބަލާލިކަމުގައި ވިޔަސް އެއް ޕްރޮޖެކްޓެއް 19 ވަނަ އަހަރުން ފެށިގެން ގޮސް، 2023 ވަނަ އަހަރަށް އަދި ކީއްކުރަން 2024 ވަނަ އަހަރަށް، އަޅުގަނޑުމެން ވެރިކަމަށް އައިސް ހަވާލުވިއިރު ވެސް އެއް ޕްރޮޖެކްޓުތަކެއް ޖަހާފައި.. އެއީ މި ބުނާ ބަޖެޓުގެ ކަންކަން ރިއަލިސްޓިކް ނޫން ގިނަ ކަންކަން ހިނގާފައި ހުރި
56.6 ބިލިއަން ރުފިޔާގެ ބަޖެޓަކީ ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ދެވޭނެ ބަޖެޓެއްކަން ފާހަގަކުރައްވައި އައިފާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގާނޫނާއި ހިލާފު އަމަލުތަކެއް ނުހިންގަވާނެކަން ޔަގީން ކުރާކަމަށެވެ. އަދި ވިދާޅުވީ ޕީއެންސީން ކަންކަން ތަންފީޒު ކުރާނީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންކަމަށާއި އެމްޑީޕީ ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވައި ބަޖެޓުގެ ތަފްސީލުތަކެއް ނެތްކަމަށް ބުނި ނަމަވެސް މަޖިލީހަށް ވަޑައިގެން ސީދާ އެ ހުރިހާ މައުލޫމާތެއް ދެއްވީ ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ކަމަށެވެ.
އައިފާނު ވިދާޅުވީ، ތަފްސީލުތައް ހުންނާނީ ގަނޑުކޮށް ބަޔާންކޮށްފައިކަމަށާއި، ހުރިހާކަމެއްގައި އެމްޑީޕީގެ މަގުން ހިނގައި އެގޮތަށް އަމަލު ކުރަން ނުޖެހޭ ކަމަށެވެ. އަދި އެމްޑީޕީ ހިތް ރުއްސަން ސަރުކާރުން މަސައްކަތް ކުރާކަށް ނުޖެހޭކަމަށް ވެސް ވިދަޅުވި އެވެ.
ސަރުކާރުން ބޭނުން ވަނީ ރައްޔިތުންނަށްވި ވައުދުތައް ފުއްދަންކަމަށް ފާހަގަކޮށް އައިފާން ވިދާޅުވީ، އެ ވައުދުތައް ފުއްދޭނެ ގޮތުގެ ތަސައްވުރެއް ރައީސް މުއިއްޒުގެ އެބައޮތްކަމަށެވެ. އެހެންކަމުން މީގެ ކުރީގެ ސަރުކާރުންތަކުން ކަންކޮށްފައިވާ ގޮތަށް ރައްޔިތުންނަށް އޮޅުވާލަން އެމަނިކުފާނުގެ ވިސްނުންފުޅެއް ނެތްކަމަށް ވިދާޅުވި އެވެ. އެއީ ރައްޔިތުންނަށް ވައުދުވެ، އެ ވައުދު ފުއްދައިދިން ފުރަތަމަ ވެރިޔާއަށް ވުމަށް ބޭނުންފުޅުވާތީކަމަށް އައިފާން ވިދާޅުވި އެވެ.

