ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމުގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ހިނގަނީ ކެންސަރު ބައްޔަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާޢު ވިދާޅުވެއްޖެއެވެ.
2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރެއްވުމުގައި މެންބަރު ފާހަގަކުރެއްވި ގޮތުގައި، ޞިއްޙީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން އިތުރު ހޮސްޕިޓަލެއް ރާއްޖޭގައި ޤާއިމުކުރުމަށް ނިންމާފައިވާކަމީ ރައްޔިތުންނަށް ލިބޭ އުފާވެރި ޚަބަރެކެވެ. އަދި ޞިއްޙީ ނިޒާމުގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ހިނގަނީ ކެންސަރު ބައްޔަށް ކަމަށާއި، މި ބަލީގެ ސަބަބުން ވޭނުގައި އުޅޭ ގިނަ ރައްޔިތުންތަކެއް ރާއްޖޭގައި ތިބިކަން މެންބަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިހާތަނަށްވެސް ރައްޔިތުން މި ބަލީގެ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާންޖެހޭ ނަމަވެސް، އާސަންދައާއި އެންސްޕާގެ ދަށުން އެ ޚިދުމަތްތައް ފުރިހަމައަށް ލިބެން ނެތްކަން މެންބަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، އަމިއްލަ ޤައުމުގައި ތިބެގެން މިފަދަ ބަލިތަކުގެ ޝިފާ ލިބުމުގެ މަގު ފަހިވެގެން ދިއުމަކީ ރައްޔިތުންގެ އުންމީދެއްކަމުގައި މެންބަރު ވިދާޅުވިއެވެ.
“ ރާއްޖެއިން ފަރުވާ ނުކުރެވިގެން ރާއްޖެއިން ބޭރަށް ފުރަފުރާގެން ދާންޖެހޭ އިރުގައި، އަޅުގަނޑުމެންގެ ސިއްޙީ ނިޒާމުގެ ތެރެއިން ދެވެންހުރި ފައިދާތަކުގެ ތެރެއިން އާސަންދައާއި އެންސްޕާގެ ތެރެއިން މިކަންކަން ފުރިހަމަ ކުރެވޭކަން ނެތް، އަމިއްލަ ވަޒަނުގައި ތިބެގެން އަޅުގަނޑުމެންގެ ޤައުމުގައި އާއިލާއާއެކު ތިބެގެން، ވޭންދެނިވި ބަލިތަކުގައި އެ ބަލިތަކުގެ ޝިފާ ލިބޭނެ މަގު ފެނިގެން ދިއުމަކީ ކޮންމެ ރައްޔިތެއްގެވެސް ހުވަފެނެއް“ މެމްބަރ ވިދާޅުވިއެވެ.
ތެލެސީމިއާ ކުދިންގެ ބޯންމެރޯ ހެދުމުގެ ޙިދުމަތް ރާއްޖޭއިން ލިބުމަކީ އެތައް ބެލެނިވެރިންގެ ހުވަފެނެއް ކަމަށާއި އެކަން ހަޤީޤަތަކަށް ހަދައިދެއްވާނީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށް މެމްބަރ ވިދާޅުވިއެވެ. ރާއްޖޭގައި ހުރި އިޖްތިމާއީ ކަންކަން ހައްލު ކުރުމަށްޓަކައި އެފަދަ އެތައް ކަމެއް ބަޖެޓުގައި ހިމަނައިފައިވާ ކަމަށް މެމްބަރ ވިދާޅުވިއެވެ.
2025 ވަނަ އަހަރުގެ ބަޖެޓުގައި ސިއްހީ ނިޒާމަށް ބޭނުންވާ މުހިންމު މަޝްރޫއުތަކެއް ވަނީ ހިމަނައިފައެވެ. އޭގެ ތެރޭގައި ކެންސަރުގެ ފަރުވާއަށް ހާއްސަ ހޮސްޕިޓަލަކާއި މެންޓަލް ހޮސްޕިޓަލެއް ގާއިމު ކުރުން ހިމެނެއެވެ. އަދި އެކި ރަށްތަކުގައި ހެލްތް ސެންޓަރުތަކާއި ހޮސްޕިޓަލްތަކުން ލިބޭ ހިދުމަތްތައް ފުޅާ ކުރުމާއި އެކު އެ ތަންތަން ތަރައްގީ ކުރުމަށް ބަޖެޓުގައި ވަނީ އިސްކަން ދެއްވައިފައެވެ.

