ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”އެކޯސް އޮފް ސަަވައިވަލް“؛ ކޮވިޑްގެ ތެރޭގައި އައި ހިޔާލުތައް ފޮތެއްގެ ސިފައިގައި!

ހައްވާ ލީޝާ ލިޔެފައިވާ "އެކޯސް އޮފް ސަވައިވަލް" ފޮތް ލޯންޗުކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑްގެ ތެރޭގައި އައި ހިޔާލުތައް ލިޔަމުންއައިސް ”އެކޯސް އޮފް ސަވައިވަލް“ ގެ ނަމުގައި ނަފްސާނީ ދުޅަހެޔޮކަމަށް ހައްވާ ލީޝާ ލިޔުނު ފޮތުގައި އިނގިރޭސި އެތައް ޅެންތަކެއް ހުރި އިރު އޭނާގެ މަގްސަދަކީ ދިވެހި ފަންނު ކުރިއެރުވުމެވެ.

ސަންގު ޓީވީއަށް މައުލޫމާތު ދެމުން ލީޝް ބުނެފައިވަނީ ”އެކޯސް އޮފް ސަވައިވަލް“ އަކީ ކޮވިޑްގެ ތެރޭގައި ގޭގައި ހުންނަ ޖެހުމާއި އަދި ކޮވިޑްގެ ތެރޭގައި ދިމާވި ނުތަނަވަސް ކަމުގެ ސަބަބުން އޭރު ފޯނުގެ ނޯޓުގައި ލިޔަން ފެށި ވާހަކަތަކެއް ކަމަށެވެ. އެހެން ނަމަވެސް އޭރު އެ ވާހަކަތައް ލިޔަން ފެށީ ފޮތެއް ނެރުމުގެ މަގްސަދުގައި ނޫން ކަމަށް ލީޝް ބުންޏެވެ. ލީޝް ބުނެފައިވަނީ ކޮވިޑްގެ ހާލަތަކީ ވަރަށް ބައިވަރު އުނދަގޫތަކެއް ގެނުވި ދުވަސްތަކެއް ކަމަށެވެ.

”އަޅުގަނޑު ހަމަ އޭރު ބޮލަށްއައި ހިޔާލުތައް ލިޔަން ފެށީ، ފޮތެއްގެ ޒަރީއާއެއްގައެއްވެސް ނޫން. ހަމަ ފޯނުގައި ލިޔަންފެށީ. ގަނޑަކާްި ގަލަމަކާއި ފެނުނީމަ ހަމަ ލިޔަން ފެށީ. އެކިގޮތްގޮތަށް ލިޔަން ފެށީ“

ލީޝް ބުނީ ދިވެހިންގެ ލިޔުންތެރިކަމަށް ބަލާއިރު ކޮންމެވެސް ވަރަށް މިހާރު ޅެންވެރިކަން ފެންނަ ކަމަށާއި އަދި އިނގިރޭސިބަހުންވެސް ޅެންވެރިކަން ފެންނަ ކަމަށެވެ. ލީޝް ބުނީ ނަފްސާނީގޮތުން ދުޅަހެޔޮ މީހަކަށް ވުމަށްޓަކައި ރިއާޔަތް ކުރަންޖެހޭނީ ހަމައެކަނި ޑޮކްޓަރީ ފަރުވާއަކަށް ނޫން ކަމަށާއި، ޑޮކްޓަރީ ފަރުވާގެ އިތުރަށް ތެރެޕީ ނެގުމާއި އަދި ކަންކަން ދިމާ ވުމުން އަމިއްލާ މީހާ ކޯޕް ކުރާނެ ގޮތްގޮތް ހޯދާ ބަލަންޖެހޭ ކަމަށެވެ.

“ އެކޯސް އޮފް ސަވައިވަލް“ ލޯންޗިން އިވެންޓުގެ ތެރެއިން

ލީޝް ބުނީ 2021 ވަނަ އަހަރު އޭނާގެ ފުރަތަމަ ފޮތެއްގެ ގޮތުގައި ”އޯނިންގ މައި ތޯޓްސް“ ގެ ނަމުގައި ތެރެޕިއުޓިކް ޖަރނަލްއެއް ނެރެފައިވާ ކަމަށެވެ. އޭގައި ބޮޑަށް އަލިއަޅުވާލައިފައިވެސް ވާނީ ލިޔުންތެރި ކަމަށާއި، ނުވަތަ ލިޔެގެން މީހާ ހިންހަމަ ޖެހުން އަމިއްލައަށް ހޯދުމަށް ކަމަށް ލީޝް ބުންޏެެވެ.

”އެކޯސް އޮފް ސަވައިވަލް“ އަކީ އެމީހާ ދިރިހުރުމަށްޓަކައި، ދިރިއުޅުމަކީ އުފާވެރި ބާއްޖަވެރި އެއްޗެކަށް ހެދުމަށްޓަކައި ބޮލިތެރެއަށް އަންނަ ހިޔާލުތައް ލިޔެލުން ކަމަށް ލީޝް ބުންޏެެވެ. ”އެކޯސް“ މާނަކޮށްފައި ވަނީ އެގަޑީގައި އޭނާގެ ބޮލަށް އަންނަ ހިޔާލުތައް ކަމަށާއި އަދި ސަވައިވަލްއަށް ޓަކައި އެމީހާގެ އިހުސާސްތައް ދަސްކުރުން ކަމަށް ލީޝް ބުންޏެވެ.

”އެކޯސް އޮފް ސަވައިވަލް“ ގެ ފޮތްތައް

”އެއްބައި މީހުންނަށް އެބަ ފަސޭހަވޭ ފޮތެއްގައި ލިޔެލީމަ. ވާހަކަ ދައްކާލީމަ. ފޮތެއް ކިޔާލީމަ. ހިނގާލަން ދިޔައިމަ. ދުވެލަން ދިޔައިމަ. އެހެންމެ އެކި ބޭފުޅުން އެކި ގޮތް ގޮތަށޭ ސަވައިވް މިވަނީ. ދިރިއުޅުމުގައި އަޅުގަނޑުމެން ވަރަށް ބުނަންތާ އަޑި ގަނޑަކަށް ފަހު އުސް ގަނޑެއް އަންނާނެއޭ، އުފާވެރިކަމަށް ފަހު ހިތާމަ ނުތަނަވަސްކަން، މިހުރިހާ ކަމެއް އަންނަ އިރު ހިނގާށޭ ދުޅަހެޔޮ ގޮތް ގޮތަށް އަޅުގަނޑުމެން މިކަންކަމާއި ކޯޕް ކުރަން“

ލީޝް ބުނީ ދިރިއުޅުމުގެ ހުރިހާ ކަމަކާއިވެސް އިހުސާސްތައް ވަނީ ގުޅިފައި ކަމަށާއި އެހެންކަމުން ނަފްސާނީ ދުޅަހެޔޮކަން ނުވަތަ ނަފްސާނީ ސިއްހަތަށް ފޮތުގެ ތެރެއިން ވަރަށް ބޮޑަށް ބަލާލައިފައިވާނެ ކަމަށެވެ. ޑިޕްރެޝަން، އެންޒައިޓީ ނުވަތަ ހާއްސަ ކަންބޮޑުވުންތައް ތަހައްމަލު ކުރާ މީހުން ނުވަތަ ދިރިއުޅުމުގައި ވަކި ހިސާބަކުން ގޮތް ހުސްވެ، މާޔޫސްވާ ހާލަތެއްގައި އެމީހެއްގެ ބޮލުތެރެއަށް އަންނާނީ ކޮންކަހަލަ ހިޔާލުތަކެއްތޯއާއި އަދި ފޮތުގައި ހުރި ޅެންތައް ކިޔާލުމުން އެމީހަކާއި ގާތް މީހެއްގެ މިފަދަ ކަންކަން ހުރި ނަމަ ދެނެގަންނަން ފަސޭހަ ވެގެންދާނެ ކަމަށް ލީޝް ބުންޏެެވެ.

”އިންނާނެ އަޅުގަނޑުގެ އެންމެ ފޭވްރިޓް އެއް ޕޮއެމް. ”ވޯކިން ވިތު ޔޫ، ވިތައުޓް ޔޫ“ އެއީ ކޮވިޑްގެ ތެރޭގައި ލިބުން ހަބަރެއް. ނޫސް ކިޔަނިކޮށް ލިބުނު ހަބަރެއް. ހަތަރު އަހަރުގެ ކުޑަކުޑަ ކުއްޖެއް ނިޔާވެގެންދިޔަ ހަބަރެއް. އަޅުގަނޑު ހިތަށްއެރީ އޭރު އަޅުގަނޑުގެ ވެސް ތިން ކުދިން ހުރީމަ، މަންމައެއް ކިހިނެތް ބާއޭ އިހުސާސް ކުރާނީ އެވަގުތަކު. އެހެންވީމާ އަޅުގަނޑު ވަރަށް ބޮޑަށް އެ މަންމަގެ އިހުސާސްތައް ގެނެސްދީފައި ހުންނާނެ. ”ވޯކިން ވިތު ޔޫ، ވިތައުޓް ޔޫ“ އަކީ ކުއްޖާ ނިޔާވުމަށްފަހުވެސް އޭނަ ދިރިއުޅުން ކުރިއަށްއެބަ ދެޔޭ. އެކަމަކު އޭނަ މިހިނގަނީ އެ ދަރިފުޅު ނުލަޔޭ“

ލީޝް ބުނެފައިވަނީ މުޅި ފޮތް ތައްޔާރު ކުރުމުގައި ވެސް އެންމެ ފަސޭހަވީ އެއްކަމަކީ ފޮތުގައިވާ ކުރެހުން ތައް ކަމަށެވެ. ފޮތުގައި ހުރި ޅެންތަކަށް ވަކީ ހާއްސަ ކުރެހުން ތަކެއް ކުރެހުމަށް ބުނެފައި ނުވާ ކަމަށާއި، ފޮތުގައި ކުރެހި ކުއްޖާ (އައިޝާ އަބްދުލް ހަލީމް) ގާތު އަމިއްލަ ވިސްނުމަށް ނުވަތަ ޅެންތައް ކިޔަމުން ދާއިރު އަމިއްލަ ސިކުނޑިއަށް އަންނަ ކަންކަން ކުރެހުމަށް ބުނެފައިވާ ކަމަށް ލީޝް ބުނެފައިވެއެވެ. ލީޝް ބުނެފައިވަނީ ފޮތުގެ ކުރެހުމާއި މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި އަދި އައިޝާގެ ކުރެހުންތައް ވަރަށް ކަމުދާ ކަމަށެވެ.

އައިޝާގެ ކުރެހުންތައް

ލީޝް ބުނެފައިވަނީ އެންމެ ބޮޑު މަގްސަދަކީ ދިވެހި ފަންނު ކުރިއެރުވުން ކަމަށެވެ. ލީޝް ބުނެފައިވަނނީ ދިވެހީންނަށްވެސް ބައިނަލްއަގުވީ ފެންވަރަށް ލިޔެވޭނެ ކަމަށާއި އަދި ދިވެހިންގެ އެ ހުނަރު ހުރިކަން ދައްކަން ބޭނުންވާ ކަމަށެވެ. ލީޝް ބުނެފައިވަނީ މިކަމުގެ އަނެއް މަގުސަދަކީ އިހުސާސްތަކާއި މެދު ފުޅާކޮށް ”އޯޕެންލީ“ ވާހަކަ ދެއްކުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: