އުރީދޫ މޯލްޑިވްސްގެ ”ފަން ރަން“ ގައި ރަޖިސްޓްރީ ވުމުގެ އެންމެ ފަހު ތާރީހަކީ 16 ނޮވެމްބަރ 2024 ކަމަށް އުރީދޫއިން ބުނެފިއެވެ.
އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ކުރިއަށް ގެންދަމުންދާ އެންމެ އުފާވެރި ދުވުން ”ފަން ރަން“ މި ޑިސެމްބަރ މަހު 20 ވަނަ ދުވަހު ހުޅުމާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އުރީދޫ ފަން ރަން ބައިވެރިވުމަށް އުރީދޫ ފަން ރަން ލިންކް މެދުވެރިކޮށް ރަޖިސްޓްރީވެވޭނެއެވެ.
އުރީދޫ ފަން ރަން އަކީ ކޮންމެ އަހަރަކު އުރީދޫއިން ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މަޖާ މި ހަރަކާތްތަކުގައި 5000 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައެވެ. 6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެކެވެ.
އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.
އުރީދޫ ފަން ރަން – ކިޓްތައް ލިބެން ހުންނަ 2 ކެޓަގަރީ އަކީ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ކެޓަގަރީ އެވެ. ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭ އިރު އަގަކީ 100 ރުފިޔާއެވެ. 210 ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި، ފޮތި ދަބަސް، އައިނު އަދި ބަންޑާނާ ހިމެނެއެވެ. އަދި ބިބް ކަސްޓަމައިޒް ކުރުން ސްޓެންޑަޑް ކިޓާއެކު 150 ރ، ފަން ކިޓާއެކު 260 ރ އަށް ލިބިގެންދާނެއެވެ. އުރީދޫ ފަން ރަން – ހުޅުމާލެ އެޑިޝަންގައި ރަޖިސްޓްރީވުމަށް އުރީދޫގެ ލިންކު މެދުވެރިކޮށް ރަޖިސްޓަރ ކޮށްލެވޭނެއެވެ.

