ރާއްޖޭގައި ދެކުނުން އުތުރަށް ޕްރޮޖެކްޓްތައް ހިންގާފައިވާއިރު، އެ ޕްރޮޖެކްޓްތައް ހިންގި މީހުން މިހާރު ތިބީ މިލިއަނަރުންނަށް ވެފައި ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރ ސައުދުﷲ ޙިލްމީ ވިދާޅުވެއްޖެއެވެ.
2025 ވަނަ އަހަރަަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަމުން މެމްބަރ ވިދާޅުވީ، ނިމިދިޔަ އަހަރު ތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ޕްރޮޖެކްޓްތައް ހިންގާފައިވާ ކަމަށެވެ. އަދި އެ ޕްރޮޖެކްޓްތައް ހިންގި މީހުން މިހާރު ތިބީ މިލިއަނަރުންނަށް ވެފައި ކަމަށާއި އެ ބަޔަކަށް ރާއްޖޭގެ ބަޖެޓު ސިފަކުރެވިފައިވަނީ ގުދުރަތުން ދެއްވި ހަޒާނާއެއް ގޮތުގައި ކަމަށް މެމްބަރ ވިދާޅުވިއެވެ. 15 މިލިއަނަށް ނިންމާލެވޭ ޕްރޮޖެކްޓްތައް 100 މިލިއަން ރުފިޔާއަށް އަރާއިގެން ދިޔައިރު ދިވެހިންގެ ހައްޤާއި މެދު އެއްވެސް ވަރަކަށް ވިސްނާ ނުލާ ކަމަށް މެމްބަރ ވިދާޅުވިއެވެ.
“ ރާއްޖޭގެ އިރުން ހުޅަނގަށް ދެކުނުން އުތުރަށް ޕްރޮޖެކްޓްތައް ހިންގެވި ވާޙަކަ ބައެއް ބޭފުޅުން ދެއްކެވި އިރު، އެ ޕްރޮޖެކްޓްތައް ހިންގެވި ބޭފުޅުން މިހާރު ތިބީ މިލިއަނަރުންނަ ވެފަ، ރާއްޖޭގެ ބަޖެޓު އެ ބޭފުޅުންނަށް ފެނުނީ ގުދުރަތުން ދެއްވި ބޮޑު ހަޒާނާއެއް ގޮތުގައި“ މެމްބަރ ވިދާޅުވިއެވެ.
މެމްބަރ ވިދާޅުވީ، އިޤްތިސާދީ ހާލަތުން ރާއްޖެ އަރައިގަނެ، ޤައުމު ކޮޅަށް ތެދުވެ ހިނގާގަނެވޭނީ ރާއްޖޭގައި ދިމާވެފައިވާ މައްސަލަތައް އިސްލާހު ކުރުމަށް ރައީސް ޑރ. މުއިއްޒު އަށް ވަގުތުކޮޅެއް ދީގެން ކަމަށެވެ. އަދުގެ ސަރުކާރުން ޤައުމުގެ މަސައްކަތްތައް އައު ފެށުމަކުން ފަށަން ޖެހިފައިވާ ކަމަށާއި، ކުރީ ސަރުކާރުން ބަޖެޓަށް އެކަށީގެން ނުވާ ވަރަށް ޕްރޮޖެކްޓްތައް ފަށާއިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ހުއްޓިފައިވާ ޕްރޮޖެކްޓްތަަކަށް ހައްލެއް ލިބެންޖެހޭ ކަމަށާއި ރާއްޖޭގެ އިޤްތިސާދީ ހާލަތު މިހާރު އޮތީ ވަރަށް ދަށްވެފައި ކަމަށް މެމްބަރ ވިދާޅުވިއެވެ. އަދި މިއަދާއި ހަމައަށް އައިރު އެއްވެސް ސަރުކާރަކުން ޤައުމަށް ފައިދާވާ ގޮތަކަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް މެމްބަރ ވަނީ ވިދާޅުވެފައެވެ.

