2025 ވަނަ އަހަރު އާބާދީގެ އެންމެ ނިކަމެތި 20 އިންސައްތައަށް މަހަކު 2،450 ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
މި މަޢުލޫމާތު ހާމަވެފައިވަނީ މިނިސްޓްރީ އޮފް ފިނޭންސްއިން ޢާންމުކުރި ބަޖެޓުގެ ތަފްޞީލީ ރިޕޯޓުންނެވެ.
އާ ސަބްސިޑީ ސިޔާސަތު އެކުލަވާލުމުގައި އަމާޒުކުރެވިފައިވަނީ އެންމެ ނިކަމެތި ފަރާތްތަކަށް އޭގެ މަންފާ ލިބޭނެ ގޮތަށެވެ. މިގޮތުން، އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށް ބަޖެޓުގައި 900 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިހާރު ސަބްސިޑީގެ 43 އިންސައްތަ ލިބެނީ އެންމެ މުއްސަނދި އާބާދީގެ 40 އިންސައްތައަށެވެ. އަދި އެންމެ ނިކަމެތި އާބާދީގެ 20 އިންސައްތައަށް ލިބެނީ ސަބްސިޑީގެ 17 އިންސައްތައެވެ.
މި އައު ބަދަލުތައް ތަންފީޛުކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގައެވެ. މި ބަދަލާއެކު، އެންމެ ނިކަމެތި ގޭބީސީތަކަށް މަހަކު 2،450 ރުފިޔާ ޖަމާކުރެވޭއިރު، އާބާދީގެ ގާތްގަނޑަކަށް 60 އިންސައްތައަށް ސަބްސިޑީގެ އެހީތެރިކަން ލިބޭނެއެވެ. ވަކިވަކި ގޭބީސީތަކަށް ސަބްސިޑީ ދިނުމަށް ހަމަޖެހިފައިވަނީ އެ ގޭބީސީއެއްގެ އާމްދަނީ ވަޒަންކުރުމަށްފަހުގައެވެ.
މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދެމުން، މިނިސްޓްރީ އޮފް ފިނޭންސްއިން ވިދާޅުވީ މި ބަދަލާއެކު އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ޚާއްޞަ އިސްކަމެއް ދެވޭނެ ކަމަށެވެ. އައު ނިޒާމުގެ ދަށުން ސަބްސިޑީއަށް އެދި ހުށަހަޅަންޖެހޭނީ އަމިއްލައަށް ކަމަށާއި، މިކަން ކުރިއަށް ގެންދާނީ ކައުންސިލްތަކާ ގުޅިގެން ފަސޭހަ ނިޒާމެއްގެ ތެރެއިން ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއްވިއެވެ.

