މަސްވެރިންނަކީ ރައީސްގެ ގެދޮރުވެރިކަމުގެ ސިނާއަތުން މަޙުރޫމު ނުވާނެ ބަޔަކަށް ހައްދަވާނެކަމަށް ފިޝަރީޒް މިނިސްޓަަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ހައުސިންގ ލޯނު ސްކީމްތަކުގައި މަސްވެރިންނަށް ބައިވެރިވެވޭ ގޮތް ހެދުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
އެކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ މަސްވެރިންނަކީ ރައީސްގެ ގެދޮރުވެރިކަމުގެ ސިނާއަތުން މަޙުރޫމު ނުވާނެ ބަޔަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހެދުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި، އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެ ލަނޑުދަނޑި ޙާސިލު ކުރުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ޝިޔާމް އިތުރަށް ވިދާޅުވީ، މަސްވެރިންނަކީ ދައުލަތް ބަލައިގަންނަ ބަޔަކަށް ހައްދަވާނެ ކަމަށާއި، ސަރުކާރުގެ އެހެން މުވައްޒަފުންނެކޭ އެއްފަދައިން އިނާޔަތްތަކާއި ސްކީމްތަކަށް މަސްވެރިންނަށްވެސް ވަދެވޭނެ ގޮތް ހައްދަވާނެކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެފައިވާނެ ކަމަށެވެ. އެހެންކަމުން މިއަހަރުގެ ފެބްރުއަރީ މަހު މަސްވެރިންގެ ދަފްތަރެއް އިފްތިތާޙުކޮށްފައިިވަނީވެސް އެ ލަނޑުދަނޑިތައް ޙާސިލު ކުރުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިިދާޅުވީ، ބޭންކުތަކާއި ކުންފުނިތަކުން ތައާރަފްކުރާ ފެސިލިޓީތަކާއި ލޯން ސްކީމްތަކަށް ކުރިމަތިނުލެވޭކަމުގެ ޝަކުވާ މަސްވެރިން އަބަދުވެސް ކުރަމުންދާ ކަމަށާއި، މިއީ މީގެ ކުރިން ސަރުކާރުތަކުގައި ޙައްލު ހޯޯދިފައިނުވާ މައްސަލައެއް ކަމަށެވެ.
މަސްވެރިން އެ ސްކީމްތަކުން، އެ ޙައްޤުތަކުން މަޙުރޫމުވާ ވާހަކަ މިއީ އެންމެ ބޮޑަށް އަބަދުވެސް މަސްވެރިން ސަރުކާރުތަކުގައި ކުރާ ޝަކުވާއެއް، އެހެންނަމަވެސް އެއްވެސް ސަރުކާރަކަށް މިކަމަށް ޙައްލެއް ހޯދައިނުދެވި މިއަދާ ހިސާބަށްވެސް މިދިޔައީ
މިނިސްޓަރ ވިދާޅުވީ، ރައީސްގެ ވިސްނުންފުޅާއި އިރުޝާދާއެކު މިހާރު އެ މައްސަލައަށް ޙައްލު ހޯދުމުގެ އަލި މަގު ފެނިފައިވާކަމަށެވެ. އެގޮތުން މަސްވެރިންގެ ދަފްތަރު އޮންނަންޖެހޭނެކަމާއި، މަސްވެރިންގެ އިޖުތިމާއީ ރައްކާތެރިކަން ކަށަވަރު ކޮށްދެން ޖެހޭނެކަމަށް މަސްވެރިިކަމާބެހޭ ޤާނޫނުގައިވެސް ސާފުކޮށް ބަޔާންކޮށްފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

