ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ރާއްޖޭގެ ގައުމީ އެއަރލައިން މޯލްޑިވިއަންއަށް ވެގެންދިޔަ ގޮތަކި ފޮތެއް ލިޔެ ކުރިމަގު ރައްކައުތެރިކުރުމަށްޓަކައި އަންނަނިވި ޖީލުތަކަށް ކިޔައިދޭންޖެހޭ ކަންކަން ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ސަރުކާރަށް އަހަރު ފުރުމާއިއެކު، ސަންގުޓީވީއަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި މިނިސްޓަރު އަމީންވަނީ ދިވެހިރާއްޖޭގެ ސަރުކާރުގެ ބެލުމުގެ ދަށުގައި އޮންނަ އެންމެ ވަރުގަދަ އެއް ކުންފުނި، މޯލްޑިވިއަން ނިމިދިޔަ ސަރުކާރުގެ ދައުރުގައި ހީނަރުވެގެން އައިސްފައިވާކަމުގެ މައުލޫމާތު ދެއްވާފައެވެ. އަމީން ވިދާޅުވީ، ރާއްޖެއަށް ގިނަ އަދަދެއްގެ ބައިނަލްއަގުވާމީ އެއަރލައިންތަކުން ދަތުރުކުރާކަމަށްވުމުން ދިވެހި ގައުމީ އެއަރލައިންވެސް ދުރު މަންޒިލުތަކަށް ދަތުރުކުރަން ވަރަށް ގިނަ އަދަދެއްގެ މީހުން އެދޭކަމަށެވެ. ހާއްސަ ގޮތެއްގައި އެއީ ގައުމީ އެއަރލައިންކަމަށްވުމުން އެ ކުންފުނި ކުރިއަރައިގެން ދިއުމަކީ ކޮންމެ ރައްޔިތަކަށްވެސް ލިބޭ ޝަރަފެއްކަމަށާއި ކޮންމެ ގައުމަކަށް ބެލިނަމަވެސް އެކަން އޮތީ އެގޮތަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އެއަރލައިން އުފެދުނީއްސުރެ 2018 ވަނަ އަހަރުގެ ނިޔަލަށްވެސް ދުވަހަކުވެސް އެ ކުންފުނި ގެއްލުމުގައި އޮތްކަމަށް ފެންނަން ނެތްކަމަށާއި އެ ކުންފުނިން އައީ ދައުލަތުގެ ހިއްސާއަށްވާ ފައިސާ ދައްކަމުންކަމަށެވެ. އެހެންނަމަވެސް 2018 ވަނަ އަހަރާއި 2023 ވަނަ އަހަރާއި ދެމެދު 2 ބިލިއަންއަށްވުރެ ބޮޑު އަދަދެއްގެ ގެއްލުންވެފައިވާކަމަށާއި އެހެންކަމުން އެކަމުގެ ތެރޭގައި މައްސަލަތަކެއް ހުރިކަމަށް ގަބޫލުކުރައްވާކަމަށެވެ.
އަމީން ވިދާޅުވީ، ކޮވިޑްގެ އާލަމީ ވަބާ ކުރިމަތިވިކަން ގަބޫލުކުރައްވާ ކަމަށްވީނަމަވެސް ކޮވިޑް އައީ ހަމައެކަނި މޯލްޑިވިއަން ކުންފުންޏަށް އެކަނި ނޫންކަމަށާއި ރާއްޖޭގެ އެތެރޭގައި ހަރަކާތްތެރިވާ ބައެއް އެހެން ކުންފުނިތައް ހުރިއިރު މޯލްޑިވިއަންއަށް ވެގެންދިޔަ ގޮތް ދިމާނުވާކަމަށެވެ. އަދި ހަގީގަތަށް ބަލާއިރު މައްސަލަތަކެއް އުފެދިގެން އައިސްފައިވަނީ ޕްރޮފެޝަނަލް މީހުން އެއްފަރާތްކުރުމަށްފަހު ސިޔާސީ މީހުންގެ އަތްމައްޗަށް ކުންފުނި ދޫކޮށްލުމުންކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، މޯލްޑިވިއަން ފަދަ ޓެކްނިކަލް މަސައްކަތްތައް ކުރާ ކުންފުނިތައް ހިންގަންޖެހޭނީ އެފަދަ މަސައްކަތްތަކުގެ ތަމްރީނާއި ތައުލީމު ލިބިވަޑައިގެންފައިވާ މީހުންކަމަށާއި ކަމުގެ އެއްވެސް ތަޖުރިބާއެއް ނުވަތަ ކަމާއި ގުޅުން ހުރި މައުލޫމާތުތައް ނޭނގޭ މީހުން މަގާމުތަކަށް ލުމުން ވެގެންދާނެ ގޮތުގެ މިސާލެއްގެ ގޮތުގައި މޯލްޑިވިއަންގެ ހާލަތު ފެނިގެންދާކަމަށް ފާހަގަކުރެއްވިއެވެ.
އަމީން ވިދާޅުވީ، ނިމިދިޔަ ފަސް އަހަރު މޯލްޑިވިއަންއަށް ވެގެންދިޔަ ގޮތާއިމެދު ފޮތެއް ލިޔަން ޖެހޭކަމަށާއި ދައުލަތުގެ މުއައްސަސާތަކުގެ ތެރެއަށް ސިޔާސީ ފިކުރު ނުވެއްދުމަށްޓަކައި ސުކޫލުތަކުގައި މޯލްޑިވިއަންއަށް ކުރިމަތިވި ދަތުރާއި ބެހޭގޮތުން ކިޔަވައިދޭންވެސް ރަނގަޅުކަމަށެވެ.
މި ސަރުކާރު ވެރިކަމަށް އައިސް އަހަރެއް ފުރިފައިވާއިރު، މޯލްޑިވިއަން ކުންފުނި އޮތީ ރީސްޓްރަކްޗާ ކުރެވިފައިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން ނިޒާމުގެ ތެރޭގައި ހުރި މައްސަަލަތައް ހައްލުކުރުމުގެ ގޮތުން ބަދަލުތައް ގެނެސް ކުރަމުން އައި ބޭކާރު ހަރަދުތައް ނިމުމަކަށް ގެނެވިފައިވުމާއިއެކު ގެއްލުންވަމުންދިއުން ހުއްޓި މި އަހަރުގެ ފުރަތަމަ ދެ ކުއާޓާރގައިވެސް ކޮންމެވެސް ވަރެއްގެ ފައިދާތަކެއް ވެފައިވާކަމަށެވެ.

