ސްކޫލުތަކަށް ޓެބްލެޓު ފޯރުކޮށްދިނުމުމުގެ ޕްރޮޖެކްޓަށްވާ ފައިސާ އެޑިއުކޭޝަން މިނިސްޓްރީން މެކްސްކޮމް ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑަށް ނުދީ ހިފަހައްޓާފައިވަނީ ގޯސްކޮށްކަމަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ.
މިއީ 71،400 ޓެބްލެޓް ސަޕްލައިކޮށްދިނުމަށް މެކްސްކޮމް ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުމަކާ ގުޅޭ މައްސަލައެކެވެ. އެގޮތުން އެއްބަސްވުމުގައިވާގޮތަށް ޓެބްލެޓުތައް ސަޕްލައިކޮށްދީފައިވާނެ ކަމަށާއި، އަދި އެއްބަސްވުމުގައި ބުނާ މުއްދަތަށް މަސައްކަތްކޮށް ނިންމުމަށް ލަސްވީ ދައުލަތުން އަދާކުރަންޖެހޭ ޒިންމާ އަދާނުކުރުމުގެ ސަބަބުންކަމަށ މެކްސްކޮމްއިން ހުށަހެޅި ދައުވާގައި ބުނެފައިވެއެވެ.
އެހެންކަމުން މެކްސްކޮމްއިމް ވަނީ ކޮންޓްރެކްޓުގެ ޖުމުލަ އަގުގެ 15 އިންސައްތައަށްވާ 23 މިލިއަން ރުފިޔާ ދައުލަތުން ހިފަހައްޓާފައިވަނީ ކޮންޓްރެކްޓުގެ އުސޫލުތަކާ ޚިލާފަށްކަމަށް ބަޔާންކޮށް، އެ ފައިސާ ހޯދުމަށް އެދިފައެވެ.
އެ ދައުވާއާ ގުޅިގެން ދައުލަތުން ބުނެފައިވަނީ، އެއްބަސްވުމުގައި ބުނެފައިިވާ މުއްދަތަށް މެކްސްކޮމްއިން މަސައްކަތް ނިންމާފައިނުވާތީ ލިކުއިޑޭޓެޑް ޑެމޭޖް ގޮތުގައި މަސައްކަތުގެ އަގުގެ 15% އަށްވާ ފައިސާ ދައުލަތުން އުނިކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ޤަވާއިދާ އެއްގޮތަށް ކަމަށެވެ.
އެހެންނަމަވެސް މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ދައުލަތުން ފައިސާ ދައްކަންޖެހޭ ތާވަލާ އެއްގޮތަށް ފައިސާ ދައްކާފައިނުވާކަން އެނގެން އޮވެއެވެ. އެކަމުގެ ސަބަބުން މުދާ ފޯރުކޮށްދިނުމުގައި ލަސްވެގެންދިޔަކަންވެސް މެކްސްކޮމްއިން ވަނީ ފާހަގަކޮށްފައެވެ.
އޭގެ އިތުރުން، 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ފުރަތަމަ ބެޗުގެ 30،000 ޓެބްލެޓުު ލިބުމުން އެ ޓެބްލެޓުތައް ޑެލިވަރީކުރަންވީ ސްކޫލުތަކުގެ ލިސްޓެއް ހޯދުމަށް އެދި ތަކުރާރުކޮށް އީމެއިލް ކުރުމުންވެސް އެ ލިސްޓު ފޯރުކޮށްދިނުން ވަނީ ލަސްވެފައެވެ. އެކަމުގެ ސަބަބުން ޓެބްލެޓުުތައް ޑެލިވަރކުރުން ލަސްވެ، އަދި މެކްސްކޮމްއަށްވެސް އެތަކެތި ގުދަން ކުރުމުގައި އިތުރު ޚަރަދުތަކެއް ހިނގިކަމަށް ވަނީ ފާހަގަކޮށްފައެވެ.
ކަން އެހެން ހުރުމާއެކު ސިވިލް ކޯޓުން މި މައްސަލައިގައި އިއްވި ޙުކުމުގައިި ބުނެފައިިވަނީ، ކޮންޓްރެކްޓުގެ ޖުމުލަ އަގުގެ 15 އިންސައްތައަށްވާ 23 މިލިއަން ރުފިޔާ ދައުލަތުން ހިފަހައްޓާފައިވަނީ ކޮންޓްރެކްޓުގެ އުސޫލުތަކާ ޚިލާފަށްކަމަށެވެ. އެހެންކަމުން އެ ފައިސާ 1 ޑިސެމްބަރު 2024 ގެ 12:00 ގެ ކުރިން ދެއްކުމަށް ސިވިލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.

