ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤާނޫނު އަސާސީއަށް ގެނައި އިޞްލާޙުތަކަކީ ހަމަޖެހުން ޤާއިމުކުރުމަށް ވަރަށް މުހިންމު އިޞްލާޙުތަކެއް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން މަޖިލީހުން ފާސްކޮށް ޤާނޫނު އަސާސީއަށް ގެނައި އިޞްލާޙުތަކަކީ، ރައްޔިތުންނަށާއި، ޤައުމަށް ވަރަށް މުހިންމު އިޞްލާޙުތަކެއްކަމަށާއި، މި އިޞްލާޙުތަކުގެ ސަބަބުން ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަށް ބާރުއަޅައި، ޤައުމުގައި ހަމަޖެހުން ޤާއިމުކުރުމަށް މަގުފަހިވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބުދަ ދުވަހުގެރޭ ދެއްވި ވީޑިއޯ މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ ސަރަޙައްދަށް ބަދަލެއް ގެންނަ ނަމަ މީގެ ކުރިން އޮންނަނީ، ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތުން ފާސްވުންކަމުގައި ފާހަގަކުރައްވާއެވެ.

އެހެންނަމަވެސް މިހާރު ގެނެސްފައިވާ އިޞްލާޙާއެކު އެކަން އިތުރަށް ވަރުގަދަވެ، ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައިގެ ތަނަވަސް އަޣްލަބިއްޔަތަކުން ފާސްކުރަން ޖެހޭގޮތަށް ކަނޑައެޅުނީ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މި އިޞްލާޙާއެކު ރާއްޖޭގެ ކަނޑުގެ ސަރަޙައްދު އެކްސްކުލޫސިވް އިކޮނޮމިކް ޒޯން (އީ.އީ.ޒެޑް) އާ ހަމައަށް ކަނޑައެޅޭނެ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އެގޮތަށް ކަނޑައަޅާ ސަރަޙައްދަކަށް ބަދަލު ގެނެވޭނީވެސް ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައިގެ ވޯޓު ލިބި، އަދި އޭގެ އިތުރަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއްވެސް ނަގައިގެންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، މަޖިލީހުން ޤާނޫނުއަސާސީއަށް ގެނައި އިޞްލާޙުތަކާއެކު ރާއްޖޭގައި ބޭރުގެ އެއްވެސް ސިފައިންގެ މީހެއް، ޢަމަލީ ގޮތުން ޙަރަކާތްތެރި ވާނަމަ، އެކަމަށް މަޖިލީހުން ރުހުންލިބި ފާސްވާންޖެހޭކަމަށް ކަނޑައަޅާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމުގެ މާއްދާއަކީވެސް ރައްޔިތުންގެ މަޖިލީހުން ބަދަލު ގެނެވޭގޮތަށް މީގެ ކުރިން އޮތް މާއްދާއެއްކަމުގައި ފާހަގަކުރައްވާ، މި ގެނައި އިޞްލާޙަށްފަހު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނަގާ ކަންކަމަށް ބަދަލު ގެނެވޭނީވެސް އެ ބަދަލު ގެނައުމަށްޓަކައި ރައްޔިތުންގެ ރުހުން އޮތްތޯ ބަލަން ވޯޓަކަށް އެހުމަށްފަހުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމަ އެއާއެކު، ޤައުމުގެ ހަމަޖެހުން ޤާއިމުކުރުމަށްޓަކައި ’އެންޓި ޑިފެކްޝަން‘ ޤާނޫނު އަސާސީގައި ހިމެނުމަކީވެސް ރައްޔިތުންގެ މަޖިލީހުން ނިންމެވި ވަރަށް މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި އިޞްލާޙުތަކުގެ ތެރޭގައި ރާއްޖޭގެ ތަރައްޤީއަށް ކުރު މެދު އަދި ދުރު ރާސްތާގެ ޕްލޭންތައް ހެދުން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނިގެން ހިނގައްޖެކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވީޑިއޯ މެސެޖު ނިންމަވައިލައްވަމުން، އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހުންގެނައި އިޞްލާޙުތަކަކީ ރާއްޖޭގެ ރައްޔިތުންގެ ޙައްޤުގައި ރާއްޖޭގެ މިނިވަންކަމާ، ސިޔާދަތާ، ތަރައްޤީއާ، ހަމަޖެހުމަށްޓަކައި، ނުހަނު ޖޯޝާއެކު ޤައުމީ ރޫޙުގައި ނިންމެވި ވަރަށް މުހިންމު ނިންމެވުންތަކެއްކަމުގައި ވިދާޅުވެފައެވެ. އަދި އެފަދަ ނިންމެވުމެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނިންމެވީތީ، އެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: