ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އެ ޕާޓީގެ އެތެރޭގެ އިންތިޚާބު މި މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
އިންތިޚާބު އަސްލު ތާވަލުކުރެވިފައިވަނީ މިދިޔަ އޮކްޓޯބަރު 19 ވަނަ ދުވަހަށެވެ. ނަމަވެސް، ފަހުން އެ ތާރީޚު މި މަހުގެ 9 ވަނަ ދުވަހަށް ބަދަލުކުރެވުނެވެ. އިންތިޚާބު ފަސްކުރަން ޖެހުނު ސަބަބެއްގެ ގޮތުގައި ޕީއެންސީން ހާމަކޮށްފައިވަނީ، ޖުމްހޫރީ ދުވަހާ ގުޅިގެން މި މަހުގެ 10 ވަނަ ދުވަސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމާ ގުޅިގެންނެވެ.
ދިގު ހަފްތާ ބަންދުގައި ގިނަ ބަޔަކު ރަށުން ބޭރަށް ދަތުރުކުރުމަށް ރޭވިފައިވާތީ، މެންބަރުންނަށް ވޯޓުލުމުގައި ދަތިތަކާ ކުރިމަތިވެދާނެކަމަށް ބެލެވުނެވެ. މި ބަދަލު ގެނެވިފައިވަނީ ކެންޑިޑޭޓުންނާއި މެންބަރުންގެ އެދުމުގެ މަތިންނެވެ.
އިންތިޚާބުގެ ތާރީޚަށް އައި ބަދަލާ ގުޅިގެން، އިންތިޚާބު ބާއްވާ ދާއިރާތަކާއި ރަށްރަށް އަދި ކެންޑިޑޭޓުންގެ ނަންތަކާއި ވޯޓުލެވޭ މީހުންގެ ލިސްޓު މި މަހުގެ 10 ވަނަ ދުވަހު އާންމުކުރާނެ ކަމަށް ޕީއެންސީން އިޢުލާނުކޮށްފައިވެއެވެ.
މި އިންތިޚާބުގައި ޕާޓީގެ އެތެރޭގެ 59 ދާއިރާއަކަށް މެންބަރުން އިންތިޚާބުކުރެވޭނެ ކަމަށް ޕީއެންސީން ހާމަކޮށްފައިވެއެވެ. މީގެ އިތުރުން، އިންތިޚާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް މިހާރު ވަނީ އާންމުކޮށްފައެވެ.

