ގާނޫނު އަސާސީއަށް އިސްލާހު ގެނައީ އެމްޑީޕީގެ އަޑު މަޖިލީހުގައި އިއްވުމަށް އެއްވެސް ފުުރުސަތެއް ނުދީކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.
މިއަދު އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނަށް އިސްލާހު ގެނައިރު، އެމްޑީޕީއަށް އެ ޕާޓީއިން ދައްކަން ބޭނުންވީ ވާހަކަތައް މަޖިލީހުގެ ތަޅުމުގައި ދެއްކުމުގެ ފުރުސަތު ނުލިބުނުކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި ބައެއް ޕާޓީތައް ތަމްސީލު ކުރުމަށްޓަކައި އެންމެ މެންބަރަކުވެސް އެބަހުރިކަމަށް ފާހަގަކޮށް ނާޒިލް ވިދާޅުވީ އެ ޕާޓީތަކަށް 10،000 މެންބަރުން ހަމަނުވެގެން ޕާޓީ އުވާލާ ހާލަތެއް އަތުވެއްޖެނަމަ ދެން އެ މެންބަރުގެ ގޮނޑިއަށް ވެގެންދާނެ ގޮޮތެއް ގާނޫނުގައި ނެތްކަމަށެވެ.
މިކަހަލަ ގިނަ ކަންތައްތަކެއްގެ ޖަވާބު ނުލިބުނުކަމަށާއި، އެއީ އެކަށީގެންވާ މަޝްވަރާކޮށްފައިނުވާތީކަމަށް އޭނާ ވިދާޅުވިއެވެ.
ގާނޫނު އަސާސީއަށް އިސްލާހު ގެނައީ ވަރަށް އަވަސް އަރުވާލައިގެންކަމަށާއި، އެ ބިލުގެ މަސައްކަތަށް 3 ގަނޑިއިރު ހޭދަ ނުކުރާކަމަށް ނާޒިލް ވިދާޅުވިއެވެ.
މި ވަރަށް ކުޑަ ކުޑަ މިސާލެއް، ވަރަށް ފަސޭހައިން ރައްޔިތުންނަށް މިކަންކަމުގެ ވާނުވާ އެބަ އިނގޭ. ފުރުސަތެއް ނުލިބުނު އަޅުގަނޑުމެންނަކަށް ބަހުސްގައިވެސް، ކޮމިޓީ ބަހުސްގައިވެސް، ވަގުތު ކަނޑައަޅާފައި އޮތް ގަނޑިއިރެއްހާއިރު ތެރޭގައި ނިންމާލީ.
ނާޒިލް ވިދާޅުވިއެވެ.
ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ވާނީ މިކަންކަމަށް ހައްލު ހޯދައިގެންކަމަށެވެ. އެމްޑީޕީއިން ކަންކަން ކުރި ގޮތާއިމެދު ސުވާލު އުފައްދާއިރު، އެމްޑީޕީއިން އެކަން ކުރީ ކަންވާނެ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށް ދިނުމަށްފަހުގައިކަމަށެވެ. އެގޮތުން ޕާޓީއިން އަމަލު ކުރާ ގޮތަކުން ގޮނޑި ގެއްލިއްޖެ ހާލަތެއްގައި ދާއިރާގެ ރައްޔިތުންނަށް ހައްގުތަކެއް އޮންނާނެކަމަށް ވިދާޅުވިއެވެ.
މިވަގުތު މަޖިލީހުގައި ތިބީ ރައްޔިތުންގެ މެންބަރުން ނޫންކަމަށާއި، ޕާޓީގެ މެންބަރުންކަމަށެވެ. ގާނޫނު އަސާސީ ބައްޓަން ކޮށްފައި އޮތީ އެހެންކަމަށް ނާޒިލް ވިދާޅުވިއެވެ. އަދި ވިދާޅުވީ މެންބަރުންގެ އަމިއްލަ މިނިވަންކަން ނެތްކަމަށާއި، ކަން ކުރަން ދެން ޖެހޭނީ ޕާޓީއިން އަންގާ ގޮތަށްކަމަށެވެ.

