ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމާއި ހަވާލުވުމަށްފަހު، ދަޢުލަތުގެ ޙަރަދުގައި 50 ފަޤީރުން ހައްޖަށް ފޮނުވައިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
އެ ވުޒާރާއިން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މައުލޫމާތުގައި ބުނެފައިވަނީ ދަޢުލަތުގެ ޚަަރަދުގައި ޙައްޖަށް ގެންދިއުމަށް ރައީސްވި ވައުދު ފުައްދައުފައިވާ ކަމަށެވެ. އެގޮތުން، ހައްޖާއި ގުޅުންހުރި ކަންކަން ހަރުދަނާ ކުރެއްވުމުގެ އިތުރުން ޙައްޖުގެ އަޅުކަން އަދާކުރުމުގެ ކެރިފޯރުންތެރިކަން ލިބިފައިނުވާ 1000 ރައްޔިތުން، އެމަނިކުފާނުގެ ޒަޢާމަތުގެ ފުރަތަމަ 5 އަހަރުގެ ތެރޭގައި، ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުއްވައިދެއްވުމަކީ ރައީސްގެ ރިޔާސީ ވަޢުދެއް ކަމަށެވެ.
އެމަނިކުފާނު މިކަން އިއުލާންކޮށްފައިވަނީ 18 އޮގަސްޓް 2023 ވަދަ ދުވަހު ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގެ ކެމްޕޭނުގައި، މ. މުލަކު ރައްޔިތުންނާ މުޚާޠަބުކުރައްވަމުން ނެވެ. އެގޮތުން ދަޢުލަތުގެ ޚަަރަދުގައި ޙައްޖަށް ގެންދާނެ މީހުން ކަނޑައެޅުމަށް ފަގީރުންގެ ލިސްޓުގައި 2023 ވަނަ އަހަރު ތިބި މީހުންގެ ތެރެއިން ޝަރުތު ހަމަވާ 982 މީހުންނާއި އިންޓަވިއުކޮށް، އޭގެ ތެރެއިން ފުރަތަމަ 50 މީހުން ފޮނުވައިފައިވާނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
ޙައްޖުގެ ކަންކަން ހަރުދަނާކުރެއްވުމަށް ރައީސްވި ވަޢުދުގެ ދަށުން، ދިވެހިރާއްޖެއަށް ލިބޭ ހުރިހާ ރަސްމީ ޙައްޖު ކޯޓާއެއް މިއަހަރު ދަޢުލަތުގެ ޙައްޖު ކުންފުނި، ޙައްޖު ކޯޕަރޭޝަނާއި ހަވާލުކޮށްފައިވާއިރު، ޙައްޖު ފަންޑު ޝަރީޢާ ހުއްދަކުރާ ދާއިރާތަކުގައި އިންވެސްޓްކޮށް، ލުއި އަގެއްގައި ޙައްޖަށް ދިޔުމުގެ މަގު ފަހިކުރުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޛުކުރުމުގެ ގޮތުން، ކެބިނެޓް ކަރުދާހެއް ރައީސްގެ އޮފީހަށް 08 އޮގަސްޓް 2024 ގައި ހުށަހަޅައިފައިވާނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
ރާއްޖޭގައި އިސްލާމީ ނޫރާއި ދީނީ އަޤީދާ ވަރުގަދަކުރެއްވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އޭގެ ތެރޭގައި ޒުވާނުން ތަމްރީނުކުރުމުގެ ޕްރޮގުރާމްތައްވެސް ކުރިއަށް ގެންދެއެެވެ.

