އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ވިލިމާލެ އާއި ހުޅުމާލޭގައި ފަށައިފި އެވެ.
ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ވަނީ ވިލިމާލެ އީ-ބްލޮކާއި ހުޅުމާލޭގެ އުމަރު ޒާހިރު ބިލްޑިންގްގެ އިތުރުން ހުޅުމާލެ ވިނަރެސް ޓަވަރު 2 ގެ ފުރަތަމަ ފަންގިފިލާއިން އައިޑީ ކާޑުގެ ހިދުމަތް ދޭން ފަށައިފަ އެވެ.
ޑީއެންއާރް އިން މިހާތަނަށް 174 ކަލެކްޓިން ސެންޓަރު ގާއިމުކޮށްފައިވާއިރު ފުރަތަމަ ފަހަރަށް އޮންލައިންކޮށް އައިޑީ ކާޑު ޙިދުމަތް ދިނުމުގެ މަަސައްކަތް ފެށީ ކޮވިޑްއާއި ގުޅިގެން 2021 ވަނަ އަހަރު އެވެ. ކުރިން ބޭނުން ކުރަމުން އައި އޮންލައިން ޕޯޓަލްގެ ބަދަލުގައި ޑީއެންއާރު އޮންލައިން ޕޯޓަލްއެއް ގާއިމުކޮށް، އަމިއްލައަށް ކާޑަށް ހުށަހެޅޭގޮތް ހަމަޖެއްސީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ.
ކާޑު ޕްރިންޓް ކުރުމަށް ފަހު، ޑީއެންއާރުން އެ މީހަކު ހުރި ރަށެއްގެ ކައުންސިލަށް ކާޑު ފޮނުވޭނެ ހިދުމަތް ތައާރަފުކޮށްފައިވަނީ މިއަހަރު އެވެ. އައިޑީ ކާޑު، ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް މިހާރު އަންނަނީ ދ. ކުޑަހުވަދު އާއި ގއ. ވިލިނގިލީގައި ދެމުންނެވެ. އަދި މި ހިދުމަތް އަންނަ އަހަރު މުޅި ރާއްޖެ އަށް ފުޅާކުރަން ސަރުކާރުން ވަނީ ނިންމައިފައެވެ.

