އިންޑިއާއިން ރާއްޖެއަށް ދޫކޮށްފައިވާ ކާޑުގެ ބާވަތްތަކުގެ ކޯޓާގައި އުސޫލުން ބޭރުން ލަންކާއަށް ހަކުރު އެތެރެކުރާ މައްސަލައެއް ފެންމަތިވެފައިވީ ނަމަވެސް، ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކުރުމުގައި އެއްވެސް ދަތިކަމެއް ނުވާ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.
ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކުރުމަށް ދޫކޮށްފައިވާ ކޯޓާއިން އެހެން ގައުމަކަށް އެތެރެކުރަމުންދާ ކަމުގެ މައްސަލައެއް ފެންމަތިވެފައިވާކަން އެސްޓީއޯއިން ވަނީ މައުލޫމާތު ދެއްވައިފައެވެ. ނަމަވެސް މި މައްސަލައިގެ ސަބަބުން އިންޑިއާއިން ރާއްޖެއަށް ކާޑު އެތެރެކުރުމަށް އެއްވެސް ހުރަހެއް ދިމާވެފައި ނުވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކުރުމަށް ދޫކޮށްފައިވާ ކޯޓާގެ ދަށުން ލަންކާއަށް ހަކުރު ބޭރުކުރާ މައްސަލައެއް ފެންމަތިވެ، ކާޑުގެ ބާވަތްތަކުގެ ތެރެއިން އިންޑިއާއިން ރާއްޖެއަށް ހަކުރު ބޭރުކުރުން މަޑުޖެހިފައިވެއެވެ. އޭގެ ތެރޭގައި 64,494 ޓަނު ހަކުރު ހިމެނެއެވެ.
މީގެ ކުރިން އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުން ހުއްޓާލި ދުވަސްވަރު، އެސްޓީއޯއިން ވަނީ ރާއްޖެއަށް ފިޔާ އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި އޭރު އޮތް ފިޔާ ލިބުމުގެ ދަތިކަމަށް ހައްލު ހޯދައިދީފައެވެ. އިންޑިއާއަކީ ރާއްޖެއަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދޭ ފާހަގަކޮށްލެވޭ އެއް ގައުމެވެ.

