ފުޅާދާއިރާ އެއްގައި ހަށި ވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ 7 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުން ހައްޔަރު ކޮށްފިއެވެ.
އިމިގްރޭޝަނުން އެކްސް ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ މި 7 މީހުން ހައްޔަރު ކޮށްފައިވަނީ، ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިއަ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މި މަހު ކުރިއަށް ގެންދިޔަ ޙާއްސަ އިންސްޕެކްޝަން އެއް ކަމަށެވެ.
އިމިގްރޭޝަނުން ބުނެފައިވަނީ، އެގޮތުން 05 މައްސަލައަކާއި ގުޅިގެން ބިދޭސީ 05 އަންހެނަކު އަދި އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރަމުންދިއަ ބިދޭސީ 02 ފިރިހެނަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށެވެ. މި މައްސަލަތައް ތަހުގީގު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މީގެތެރެއިން 3 ބިދޭސީ އަންހެނަކު މިހާރު ވަނީ ޑީޕޯޓުކޮށްލައިފައެވެ. އަދި ބާކީ 4 ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުން ދާ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ރާއްޖޭގައި ޤަވައިދާ ޙިލާފަށް އުޅެމުން އަންނަ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން އަންނަނީ ކަމާ ގުޅުހުންހުރި މުއައްސަސާތަކާއެކު މަސައްކަތް ކުރައްވަމުންނެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކޮށް އެއް ޑޭޓާ ބޭސްއަކަށް ގެނެއުމެވެ.

