ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތަޅުމުގައި ވާހަކަ ދައްކަވަން ވާނީ ހަގީގަތުގެ މައްޗަށްކަމަށާއި، ފުލޯކު ވާހަކަތައް ނުދެއްކެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް މިފަދައިން ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަނަށް ރައީސާއި ނައިބު ރައީސަކު ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭގޮތަށް ހުށަހަޅާފައިވާ އިސްލާހުގެ ކޮމިޓީ ރިޕޯޓުގެ ބަހުސްގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ދެއްކެވި ވާހަކައަކާއި ގުޅިގެންނެވެ.
ރިޕޯޓަށް ބަހުސަށް ހުޅުވާލުމުން، އޭސީސީގެ ހިންގުން ހަރުދަނާކޮށްގެން ނޫން ގޮތަކަށް ކޮރަޕްޝަން ނައްތާ ނުލެވޭނެކަމަށް މަޖިލީހުގެ ނައިބު ރައީސް މުހައްމަދު ނާޒިމް ވިދާޅުވި އެވެ. އަދި ސަރުކާރުން ކޮރަޕްޝަން ނައްތާލުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށް ކުރިއެރުން ވެސް ލިބެމުންދާކަމަށް ވިދާޅުވި އެވެ.
ނާޒިމްގެ ވާހަކަ ނިމުމާއި އެކު، ބަހުސްގެ ފުރުސަތަކަށް އެދިވަޑައިގެން މައުރޫފް އެންމެ ފުރަތަމަ ވެސް ވިދާޅުވީ ޕާޓީން ވަކި ނުކުރާނެކަމަށް ކަނޑައަޅާ ލިސްޓަށް ނާޒިމްގެ ނަން ހިމެނި ފާސްވެފައިވާކަމަށެވެ. އަދި އޭނާގެ ގޮނޑި ނުގެއްލޭނެކަމަށް ވެސް ވިދާޅުވި އެވެ.
މައުރޫފް އެ އިޝާރާތް ކުރެއްވީ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާއި އެކު ސިޔާސީ ޕާޓީއަކުން ބޭނުންވުމުން މެބްރަކަށް ފިޔަވަޅު އަޅައި ގޮނޑި ގެއްލުވާލެވޭނެކަމަށް އުފެދިފައިވާ ބަހުސެވެ. ސިޔާސީ ގޮތުން ޕާޓީގެ ތެރޭގައި މައްސަލައެއް ޖެހުމުން، ގޮނޑި ގެއްލުވާލެވޭނެތީ މެމްބަރުން ދެން އުޅުއްވަން ޖެހޭނީ ސަރުކާރަށް ސަނާ ކިއުމުގައިކަމަށް މައުރޫފް ވިދާޅުވި އެވެ.
މައުރޫފް ވަނީ މަޖިލީހުގެ ކުރިޔަށް އޮތް ޖަލްސާތަކުގައި އޭނާ ވާހަކަ ދައްކަވަން ފައްޓަވާނީ، އެ ނުކުތާ ފާހަގަކުރެއްވުމަށް ފަހުކަމަށް ވިދާޅުވެފަ އެވެ.
މައުރޫފް ވިދާޅުވީ ސަރުކާރުން ގާނޫނަށް އިސްލާހު ހުށަހެޅީ އޭސީސީގައި އެންމެ ގިނަ މައްސަލަތައް އޮތީ ރައީސް މުއިއްޒުގެކަމަށްވާތީ ކަމަށެވެ.
މިއަދު ބަހުސް ކުރެވެމުން މިދާ ކޮމިޓީ ރިޕޯޓުގެ ބަހުސް ކުރެވުނު ކަންކަމަށް ބަލާއިރުގައި، މަޖިލީހުގެ ރައީސް ފާސްވެއްޖެ.. ކަނޑައެއްނުލާނަން.. ޕާޓީން ކަނޑާލާނަމަ ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހަކީ އަޅުގަނޑު ކަންބޮޑުވާ އިސްލާހެއް.. އެއީ ދެން ފައްޓާއިރުގައި ދެން އަޅުގަނޑު ކޮންމެ ދުވަހަކު ވެސް ބުނެލާފައި ފައްޓަން އަޅުގަނޑު މި ގަސްދު ކުރަނީ..
މައުރޫފް ވާހަކަ ކުރިޔަށް ގެންދަވަނިކޮށް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި ރައީސަށް ކުރައްވާ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތްކަމަށް ވިދާޅުވެފަ އެވެ. އަދި މަޖިލީހުގެ ތަޅުމުގައި ސާބިތު ނުހިފޭ ވާހަކަތައް ދެކެވިގެން ނުވާނެކަމަށް ވިދާޅުވި އެވެ.
އެއީ ނިޒާމީ ނުކުތާއެއްކަމަށް ބަލައިގަނެ އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގައި ވާހަކަ ދައްކަވަން ވާނީ ހަގީގަތުގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި ފުލޯކު ވާހަކަތައް ނުދެއްކެވުމަށް އިލްތިމަސް ކުރެއްވި އެވެ.
އަޅުގަނޑު ހަމަ ތަކުރާރުކޮށް ކޮންމެ ދުވަހަކު ވެސް ދަންނަވަން، މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަން ވާނީ ހަގީގަތުގެ މައްޗަށް ބިނާކޮށޭ.. ފުލޯކު ވާހަކަ ދައްކައި، ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދެއްކުމަކީ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުން ކުރައްވައިގެންވާނެކަމެއް ނޫން..
މިއަދު ކުރިޔަށް ދިޔަ އޭސީސީގެ އިސްލާހަށް އެމްޑީޕީގެ މެމްބަރުން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި މި ބަދަލު ގެންނަނީ ސަރުކާރުން ކޮމިޝަންތަކަށް ނުފޫޒު ފޯރުވުމަށްކަމުގައި ތުހުމަތު ކުރި އެވެ.

