ދިވެހިރާއްޖޭގެ ތާރީހަށް ބަލާއިރު ޒަކާތަށް އެންމެ ގިނައިން ފައިސާ ދައްކަފައިވަނީ މި އަހަރު ކަމަށް އިސްލާމީ ކަންތައްތަކާއި ވުޒާރާގެ ވަޒީރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލިހުގެ އިޖްތިމާއީ ކޮމެޓީގައި އެ ވުޒާރާއިން ކޮށްފައިވާ މައުލޫމާތައް ހިއްސާ ކުރައްވަމުން ވަޒީރު ވިދާޅުވީ، ދިވެހިރާއްޖޭގައި އިސްލާމީ ކަންތައްތައް ކުރިއެރުވުމަށް ރައީސް އަންގަވާފައިވާ މަސައްކަތްތައް އަކުރުން އަކުރަށް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޒަކާތަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން ވޭތުވެދިޔަ 20 އަހަރު ނުކުރެވޭހާ މަސައްކަތް މިއަހަރު ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ދިވެހިރާއްޖޭގެ ތާރީހަށް ބަލާއިރު ޒަކާތަށް އެންމެ ގިނައިން ފައިސާ ދައްކަފައިވަނީ މި އަހަރު ކަމަށެވެ. އެގޮތުން މިއަދާއި ހަމައަށް 90 މިލިއަނަަށް ވުރެ ބޮޑު އަދަދެއް ޖަމާވެފައިވާ ކަމަަށް ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ޑިސެންބަރ މަސް ނިމޭއިރު، 100 މިލިއަން ޒަކާތު ފަންޑަށް އިތުރުކޮށ،ް ޒަކާތު ފަންޑު ކުރިއެރުވޭނެ މަގުތައް ހޯދައި އިސްލާމީ ޝަރީއަތް ހުއްދަކުރާ އުސޫލުން ކުރިއަށް ގެންދިއުން ކަމަށެވެ.
“ އަޅުގަނޑުމެންގެ އަމާޒަކީ ޑިސެންބަރ މަސް ނިމިގެންދާއިރު 100 މިލިއަން ޒަކާތު ފަންޑަށް އިތުރުކޮށް ފަންޑު ޑިވެލޮޕް ކުރެވޭނެ މަގުތައް ހޯދައި އިސްލާމީ ޝަރީއަތް ހުއްދަކުރާ އުސޫލުން ކުރިއަށް ގެންދިއުން“ ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ތެލެސީމިއާ ބަލި ތަހައްމަލު ކުރާ ފަރާތްތަކަށް ބޯންމެރޯ ޙިދުމަތް ދެމުންދަނީ ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން ކަމަށާއި ބޯންމެރޯ ޙިދުމަތް އެންމެ ކާމިޔާބު ކަމާއެކު ނިންމާލައިފައިވަނީ ޒަކާތު ފަންޑުގެ އެހީއާއެކު ކަމަށެވެ. އަދި މިއަދާއި ހަމައަށް 40 އާއި ގާތްކުރާ އަދަދަކަށް ބޯންމެރޯ ޙިދުމަތް ހޯދައިފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މިއަހަރު 10 ކުއްޖަކަށް 10 މިލިއަން ރުފިޔާ ޒަކާތު ފަނޑުން ޙަރަދު ކޮށްފައިވާ ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ.
މީގެ އިތުރުން، ޒަކާތު ހައުސް ޑިވެލޮޕް ކުރުމަށްޓަކައި ބޭރުގެ އެހީތެރިކަން ހޯދަމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖޭއާއި މެލޭޝިއާގެ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއެކު ޒަކާތު ފަންޑު ހަރުދަނާ ކުރުމަށް މަސައްކަތް ފަށާފފައިވާނެ ކަމަށް ވަނި ފާހަގަކުރައްވައިފައެވެ. އަދި އެކަމަށްޓަކައި ރާއްޖޭގެ ޓީމެއް މެލޭޝިއާގެ ޙަރަދުގައި ގެންގޮސް ތަމްރީނު ޕްރޮގުރާމް ތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވިއެެވެ.
ދިވެހިރާއްޖޭގައި ހުރި ޒަކާތު ހައުސްއަކީ މި ސަރަހައްދުގައި ހުރި އެންމެ ޒަމާނީ އަދި އެންމެ ފާހަގަކޮށްލެވޭ މުއައްސަސާއަކަށް ހެދުމަކީ ރައީސްގެ އަމާޒެއް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

