ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމުގެ ނަމުގައި މި ސަރުކާރުން ފައިސާ ޗާޕު ނުކުރާނެކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ސަރުކާރުގައި ފައިސާ ޗާޕު ކުރުމުގެ ސަބަބުން އިންފްލޭޝަނާއި އެކު ތަކެތީގެ އަގު އިންތިހާއަށް އުފުލިގެން ދިޔަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެކަން ފާހަގަކުރައްވައި މި ސަރުކާރުން ގައުމުގެ އިގްތިސާދީ ހާލަތުން އަރައިގަތުމަށް މަސައްކަތް ކުރާނީ ފައިސާ ޗާޕުނުކޮށްކަމަށް ވިދާޅުވެފަ އެވެ.
ސަރުކާރުގެ ސިޔާސަތުތަކާއި ގުޅޭގޮތުން ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ނަސީރު ވިދާޅުވެފައި ވަނީ، ރާއްޖެފަދަ ކުޑަ އިގްތިސާދެއް އޮތް ގައުމެއްގައި ފައިސާ ޗާޕު ކުރަންޖެހުމަކީ އަންނާނެ ހާލަތެއް ނޫންކަމަށެވެ. އެމްޑީޕީގެ ސަރުކާރުގައި އެއްވެސް ހިންގުންތެރިކަމެއް ނެތުމުގެ ސަބަބުން ފައިސާ ޗާޕު ކުރިއިރު ވިސްނުމެއް ހުރި ބަޔަކު ގައުމުގެ ބޮޑެތި އެސެޓުތައް މޯގޭޖުކޮށް ގައުމުގެ ދެބައިކުޅަ އެއްބައި ވިއްކާނުލާނެކަމަށް ނަސީރު ވިދާޅުވި އެވެ.
ނަސީރު ވިދާޅުވި ގޮތުގައި މިއީ ވެރިކަން ވެރިކަން ކުރަން ނޭނގުމުގެ ނަތީޖާ އެވެ. އޭނާ ވިދާޅުވީ ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ގައުމު ހިންގުމުގެ ސިޔާސަތެއް އޮވެގެން ކަމަށެވެ. އަދި ރައީސް މުއިއްޒު ގައުމަށް ދިމާވެފައިވާ އިޖްތިމާއީ މައްސަލަތައް ހައްލުކޮށް، މާލީ ގޮންޖެހުންތަކުން ގައުމު އަރައިގަތުމުގެ މަސައްކަތް ކާމިޔާބު ކުރައްވާނެކަމަށް ވިދާޅުވި އެވެ. ނަސީރު ވިދާޅުވީ ޕީއެންސީއާއި ގައުމު ހަވާލުކޮށްފައި ވަނީ، އެ ސަބަބުތަކާއި ހުރެކަމަށެވެ.
ނަސީރު ވިދާޅުވީ، ޕީއެންސީއަކީ ދިވެހިރާއްޖެ ކޮޅަށް ޖަހާނެ ޕާޓީކަމަށާއި މިހާރު މަސައްކަތްކުރަމުންދާ މަގުން ގޮސް ރައްޔިތުންނަށް ފެނިގެންދާނީ ވަރަށް ތަނަވަސް ފުރުސަތުތަކެއް އުފެދިގެންދާ މަންޒަރުކަމަށެވެ. ސަރުކާރު ހިންގުމަށް ދަތިތައް ދިމާވެ، ހުއްޓުމެއް އައިސްފައި ވަނީ ވެސް އެމްޑީޕީން އުފެއްދި ދަރަނީގެ ސަބަބުންކަމަށް ނަސީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގޮތުގައި އިދިކޮޅު އޮތީ ސަރުކާރަށް ދަތިތައް ދިމާވެ ގައުމު ބަނގުރޫޓުވާނެކަމަށް ބަލައިގެންނެވެ. އެހެން ނަމަވެސް ރައީސް މުއިއްޒު ކުރެއްވި މަސައްކަތުން އެ ހާލަތަށް ގޮސްފައި ނުވާތީ، އިދިކޮޅު އެކަމަށް ވެސް ކަންބޮޑުވާކަމަށް ވިދާޅުވި އެވެ.
ނަސީރު ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ ފަޅިގައި ތިބެގެން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ރައްޔިތުންނަށް ފެންނަން ފަށާފައިވާކަމަށާއި ޑޮލަރުގެ މައްސަލައަށް ހައްލެ ލިބުމާއި ގާތަށް ވެސް ގޮސްފައިވާކަމަށެވެ. ރައްޔިތުންގެ ހިތުގައި ސަރުކާރާއި މެދު ޝައްކު އުފައްދައި، ބިރުވެރިކަން އުފެއްދުމަށް އިދިކޮޅުން އަނެއްކާވެސް މަސައްކަތް ފަށާފައިވާކަމަށް ތުހުމަތު ކުރައްވައި ނަސީރު ވިދާޅުވީ ދިވެހި ރައްޔިތުންނަކީ ވަރަށް ވިސްނުންތެރި ބައެއްކަމަށެވެ. އަދި ރަނގަޅަށް ހުރިހާ ކަމެއްގެ ދެކޮޅު ބެލުމަށްފަހު ނޫނީ ރައްޔިތުން ފިޔަވަޅު ނާޅާނެކަމަށްވެސް ވިދާޅުވިއެވެ.
ނަސީރު ވިދާޅުވި، ރައްޔިތުން އެދެނީ އަމާންކަމާއި ލުއިފަސޭހަކަމާއިއެކު ދިރިއުޅެވޭނެ މަގެއް ފެނުމަށްކަމަށާއި ޕީއެންސީއިން ރާއްޖޭގެ ކަންކަން ބައްޓަންކުރަމުން ދަނީ އެގޮތުގެމަތިންކަމަށެވެ. އެހެންކަމުން އެމަގަށް ރާއްޖޭގެ ކަންކަން ބައްޓަންކުރެވިގެންދާކެމަށާއި މިހާރުގެ ލީޑަޝިޕަކީ ރައްޔިތުންނަށް އެންމެ ފަސޭހަ މަގު ދައްކައިދޭނެ ލީޑަރުންކަމަށެވެ. އެހެންކަމުން އެކަމާއިމެދު ރައްޔިތުން ކަންބޮޑުވާން ނުޖެހޭނެކަމުގެ ޔަގީންކަން ދެއްވިއެވެ.

