ހއ. މުރައިދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ %92 ނިމިފައިވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
އެމްޓީސީސީއިން ހިއްސާކުރެއްވި މައުލޫމާތުގައި ބުނެފައިވަނީ މުރައިދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ ބާކީހުރި މަސައްކަތްތަކަށް ބޭނުންވާ ބޮޑު ހިލައިގެ ޝިޕްމެންޓްތައް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ރިވެޓްމެންޓް ޕްރޮފައިލިންގ މަސައްކަތުގެ 50 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 32،721 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 3،817 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ނެރު ފުންކުރުމާއި، 232 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާއި 395 މީޓަރުގެ ސަރަހައްދެއްގައި ބެރުތޮށިލުމާއި، 202 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓްޖެހުމުގެ މަސައްކަތް ހިމެނެއެވެ.
މީގެ އިތުރުން، 50 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 1،933 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓު ހެދުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ބުރިޖެއް ހެދުމާއި، ނެރުބައްތިއާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 34.28 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

