ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަރުވާން އެހީތެރިވާ ގާނޫނަކާއި ގުޅޭގޮތުން އިނގިރޭސި މަޖިލީހުގައި ބަހުސްކުރަނީ

ބިލަށް ތާއީދުކޮށް ކުރިއަށް ގެންދިޔަ ސިޔާސީ ހަރަކާތެއް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް ތަހައްމަލުކުރަމުންދާ މީހުންނަށް އަމިއްލަ ފުރާނަ ނަގާލުމުގައި އެހީތެރިވެދިނުމާއި ގުޅޭ ބިލަކަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި އިނގިރޭސިވިލާތުގެ މަޖިލީހުގައި ވޯޓުލާން ކަނޑައެޅިފައިވާކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ރިޕޯޓުތަކުގައިވާގޮތުން އިނގިރޭސި މަޖިލީހުގައި ބަހުސްކުރަމުންދާ މި ބިލަކީ 6 މަސް ދުވަހަށްވުރެ ކުރު މުއްދަތެއް ދުނިޔޭގައި ހުންނާނެކަމަށް ބެލެވޭ މީހުންނަށް އަމިއްލައަށް ފުރާނަ ދޫކޮށްލުމަށް އެދި ހުށައެޅުމަށް ފުރުސަތު ފަހިކޮށްދިނުމާއި އެކަމުގައި ސަރުކާރުން އެހީތެރިވެދިނުމަށްޓަކައި އިންތިޒާމުތައް ކަނޑައެޅުމަށްޓަކައި ފަރުމާކުރެވިފައިވާ ބިލެއްކަމަށެވެ.

މި ބިލާއި ގުޅިގެން އެ ގައުމުގެ މަޖިލީހުގެ މެމްބަރުންގެ ތެރޭގައި ބޮޑެތި ބަހުސްތައް ކުރެވިފައިވާއިރު ބައެއް މެމްބަރުންދަނީ މިކަމަށް ގޮވާލާ ފަރާތްތަކާއި އާންމު ރައްޔިތުންނާއިއެކު ބައްދަލުވުންތައް ކުރިއަށް ގެންގޮސް މަޝްވަރާ އާއި ހިޔާލު ހޯދުމުގެ މަސައްކަތްތައް ކުރަމުންކަން ބައެއް ނޫސްތަކުން ފާހަގަކުރެއެވެ. މިގޮތުގެ މަތިން އަމަލުކުރަމުންދާ މައިގަނޑު ސަބަބަކީ މިކަމަކީ ސިޔާސީ ދާއިރާގެ އާންމު މަސައްކަތްތަކާއި ދުރު ކަމަކަށް ވުމެވެ.

ބިލަށް ތާއީދުކުރާ ފަރާތްތަކުން ބުނާގޮތުން މި ގާނޫނު ވުޖޫދުކުރެވިއްޖެ ހާލަތެއްގައި މަރުވުމާއި ގާތްވެފައިވާ މީހުންނަށް ގަދަރުވެރިކަމާއިއެކު ދުނިޔެ ދޫކޮށް ދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި އިތުރު ވޭންތަކެއް ތަހައްމަލުކުރަން ނުޖެހޭނެކަންވެސް ސަޕޯޓަރުން ފާހަގަކުރެއެވެ. ބިލާ ދެކޮޅު ފަރާތްތަކުން ބުނާގޮތުން މިކަމުގެ ސަބަބުން ނަފްސާނީ ހާލަތު އެންމެ ރަނގަޅު ނޫން ފަރާތްތަކަށް ނޭދެވޭ އަސަރުތައް ކުރުން ފަދަ ފުރުސަތުތައް އޮވެއެވެ. އަދި ބައެއް އުމުރުން ދުވަސްވީ މީހުންވެސް އާއިލާތަކަށް އިތުރު ދަތިތަކެއް ޖެހެމުންދާކަމަށް ދެކި މި މަގުން ކުރިއަށް ދިއުމަށް ނިންމުމުގެ ފުރުސަތުތައްވެސް އޮތްކަމަށް އިޝާރާތްކޮށްފައިވެއެވެ.

ނޫސްތަކުން ބުނާގޮތުން މިބިލާއި އެއްކޮޅަށް މަޖިލީހުގެ އަގުލަބިއްޔަތުން ވޯޓު ދީފި ހާލަތެއްގައި އިތުރު ބަހުސް އަދި ދިރާސީ މަރުހަލާއެއް ކުރިއަށް ގެންދާނެއެވެ. އެހެންނަމަވެސް ދެކޮޅަށް ވޯޓު ދީފި ހާލަތެއްގައި މި ބިލުގެ މަސައްކަތްތައް އެ ހިސާބުން ހުއްޓާލާނެކަމަށެވެ. އަދި 2015 ވަނަ އަހަރުގެ ތެރޭގައި ކުރެވުނު މިފަދަ މަސައްކަތްތަކެއް ފެއިލްވުމާއިއެކު މަޖިލީހުން އިތުރަށް މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މިހާތަނަށް މަސައްކަތްކޮށްފައިނުވާކަމަށެވެ.

ރިޕޯޓުތަކުގައިވާގޮތުން، 150 އަށްވުރެ ގިނަ މެމްބަރުން މި ބިލަށް ބަހުސްކުރާނެއެވެ. އަދި މި ބަހުސް ފަސް ގަޑިިިއިރަށްވުރެ ދިގު ދެމިގެންދާނެކަމަށް ލަފާކުރެވޭއިރު ވޯޓު ނެގުންވެސް ކުރިއަށް ގެންދާނެކަމަށް ބެލެވޭކަމަށެވެ. މި ފަހަރު މިބިލު ހުށައަޅާފައިވަނީ ވެރިކަން ކުރާ ޕާޓީގެ ފަރާތުންކަމަށްވާއިރު ސަރުކާރުގެ ފަރާތުން މިކަމަށް ބާރު އެޅުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ފާހަގަކުރެވެއެވެ. ބޮޑުވަޒީރު ސްޓާރމާރ މީގެ ކުރިން ހުންނެވީ އެސިސްޓެޑް ޑައިންގް މަސައްކަތްތަކާއި ދެކޮޅަށް ކަމަށްވާއިރު މި ފުރުސަތުގައި ސަރުކާރުން ވަކި ކޮޅަކަށް ނުޖެހޭނެކަން ހާމަކުރައްވާފައިވެއެވެ.

އޭނާ ވިދާޅުވީ، ވޯޓު ދެއްވާނެ ގޮތުގެ ސިއްރިއްޔާތު ހިފަހައްޓަވާނެކަމަށެވެ. އެހެންނަމަވެސް އިނގިރޭސި ކެބިނެޓުގެ ބައެއް މެމްބަރުން މި ބިލަށް ތާއީދުކުރާކަން ހާމަކޮށްފައިވާއިރު ބައެއް ފަރާތްތަކުން ފާޅުގައި މިކަމާއި ދެކޮޅު ހަދާފައިވާކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ. އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ގޯރޑަން ބްރައުން އަދި ކުރީގެ އިތުރު ތިން ބޮޑުވަޒީރަކުވެސް މިކަމާއި ދެކޮޅުކަން މީޑިއާތަކަށް ހިއްސާކުރައްވާފައިވެއެވެ. ނަމަވެސް އެ މީހުންނަކީ މަޖިލީހުގައި ތިއްބަވަނާ ބައެއް ނޫންކަމަށްވުމުން ވޯޓުގެ ނަތީޖާއަށް އެ ހިޔާލުތަކުން ބަދަލެއް ނާންނާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: