ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮސްޓްރޭލިއާގައި ކުޑަކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ބިލެއް ފާސްކޮށްފި

އޮސްޓްރޭލިއާގެ މަޖިލިސް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އޮސްޓްރޭލިއާގެ ޕާލަމެންޓުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ބިލެއް ފާސްކޮށްފިއެވެ.

ބައިނަލްއަޤްވާމީ މީޑިއާތަކުގެ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި، އޮސްޓްރޭލިއާގައި ސޯޝަލް މީޑިއާ ހަނިކުރުމާ ގުޅޭ ބަހުސަކީ މުޅި ޤައުމުގެ ސަމާލުކަން ލިބުނު މައުޟޫއެކެވެ. މި ނިންމުމާއެކު، މިފަދަ ފިޔަވަޅުތައް އެޅުމަށް ޝައުޤުވެރިވާ އެހެން ޤައުމުތަކަށް މިންގަނޑުތަކަކާއި އޮނިގަނޑެއް އެކުލަވާލެވިފައިވާއިރު، މިއީ މިހާތަނަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ހިންގާ ކުންފުނިތައް ޒިންމާދާރުކުރުވުމަށް އެޅިފައިވާ އެންމެ ހަރުދަނާ އެއް ފިޔަވަޅު ކަމުގައި ބެލެވެއެވެ.

މި ޤާނޫނުގެ ދަށުން، ފޭސްބުކް، އިންސްޓަގްރާމް އަދި ޓިކްޓޮކް ފަދަ ބޮޑެތި ކުންފުނިތަކުން ކަނޑައެޅިފައިވާ އުމުރުން ދަށުގެ ކުދިން މި ޕްލެޓްފޯމްތައް ބޭނުންކުރުން ހުއްޓުވުމަށް ފިޔަވަޅު އަޅަންޖެހޭނެއެވެ. އެނޫން ގޮތަކަށް ޢަމަލުކޮށްފިނަމަ، 32 މިލިއަން ޑޮލަރާ ހަމައަށް ޖޫރިމަނާކުރެވިދާނެއެވެ. 2025 ވަނަ އަހަރުގެ ޖަނަވަރީ މަހު މި ޤާނޫނު ތަންފީޛުކުރަން ފެށޭއިރު، އެންމެ އެކަށީގެންވާ ގޮތްތައް ދެނެގަތުމުގެ މަރުޙަލާއަކާއެކު މަސައްކަތްތައް ކުރިއަށް ގެންދެވޭނެއެވެ. އަދި އެއް އަހަރުގެ މުއްދަތެއްގެ ތެރޭގައި މި ޤާނޫނު ފުރިހަމައަށް ތަންފީޛުކުރުމަށް ވަނީ ކަނޑައެޅިފައެވެ.

ސޯޝަލް މީޑިއާ ބޭނުންކުރުމަށް އެންމެ ދަށް އުމުރު ކަނޑައެޅުމަށް އޮސްޓްރޭލިއާއިން ފާސްކޮށްފައިވާ މި ޤާނޫނަކީ އެހެން ޤައުމުތަކަށް މި ދާއިރާގެ ތަޖުރިބާ ހޯދުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ. ގިނަ ޤައުމުތަކުގެ ސަރުކާރުތަކުން މިފަދަ ފިޔަވަޅުތަކަށް ޝައުޤުވެރިކަން ފާޅުކޮށްފައިވެއެވެ. މީގެ މައިގަނޑު ސަބަބަކީ ސޯޝަލް މީޑިއާގެ ސަބަބުން ޒުވާނުންނާއި ކުޑަކުދިންގެ ނަފްސާނީ ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރުތައް ފާހަގަކުރެވެމުންދިއުމެވެ.

ފްރާންސް އަދި އެމެރިކާ ފަދަ ޤައުމުތަކުން ވަނީ މައިންބަފައިންގެ ހުއްދަ ނެތި ކުޑަކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ޤާނޫނުތައް ފާސްކޮށްފައެވެ. ނަމަވެސް އޮސްޓްރޭލިއާގެ އައު ޤާނޫނުގެ ދަށުން އެފަދަ ފުރުޞަތެއް ނުލިބެއެވެ. އެމެރިކާގެ ފްލޮރިޑާގައި 14 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މުޅިން މަނާކުރުމަށް ނިންމި ނިންމުމާ ދެކޮޅަށް ޝަރުޢީ ކޯޓުތަކުގައި މައްސަލަ ހިނގަމުންދާކަން ފާހަގަކުރެވެއެވެ. މި ފިޔަވަޅަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދެކޭކަންވެސް މީޑިއާ ރިޕޯޓުތަކުން އެނގެއެވެ.

އޮސްޓްރޭލިއާއިން މި ފިޔަވަޅުތައް އެޅުމުގެ ކުރިން ދިގު ބަހުސްތަކަކާއި ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރެވިފައިވެއެވެ. މީގެ ތެރޭގައި، ސޯޝަލް މީޑިއާގައި ގޯނާކުރެވުމުގެ ސަބަބުން ނަފްސާނީ ހާލަތު ގޯސްވެ، އަމިއްލަ ނަފްސަށް ގެއްލުން ދިން ކުޑަކުދިންގެ މައިންބަފައިން އެ ޤައުމުގެ ޕާލަމެންޓުގައި ހެކިބަސް ދީފައިވެއެވެ. އަދި އެ ޤައުމުގެ މީޑިއާތަކުންވެސް މިކަމަށް އެއްބާރުލުން ދީ، ”ލެޓް ދެމް ބީ ކިޑްސް“ ގެ ނަމުގައި ފުޅާ މީޑިއާ ކެމްޕެއިނެއް ކުރިއަށް ގެންގޮސްފައިވެއެވެ.

ބޮޑެތި ސޯޝަލް މީޑިއާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ވެރިންވެސް މިކަމާމެދު ޚިޔާލު ފާޅުކޮށްފައިވެއެވެ. އެކްސްގެ ވެރިޔާ އީލޮން މަސްކް ދެކޭގޮތުގައި މިއީ އިންޓަރނެޓުގެ ޚިދުމަތް ކޮންޓްރޯލްކުރުމަށް ހުޅުވިގެންދާ ދޮރެކެވެ. މެޓާގެ ފަރާތުން ބުނެފައިވާ ގޮތުގައި ފޭސްބުކުން އޮސްޓްރޭލިއާގެ ނިންމުމަށް އިޙްތިރާމްކުރާ ކަމަށާއި، ނަމަވެސް މި މަސައްކަތްތަކާމެދު ކަންބޮޑުވުންތައް ހުރި ކަމަށެވެ. މައިގަނޑު ސަބަބަކީ ޕާލަމެންޓުގެ މަސައްކަތްތަކާއި ޤާނޫނު ފަރުމާކުރުން އަވަސްއަރުވާލައިގެން ކުރިއަށް ގެންދިޔަ ކަމަށް ދެކޭތީއެވެ. އެހެންނަމަވެސް މި ޤާނޫނު ތަންފީޛުކުރެވިގެންދިއުމުގެ މުހިންމުކަން އެ ކުންފުނިންވެސް ޤަބޫލުކުރާކަން އެ ކުންފުނީގެ މަންދޫބުގެ ބަހުން އެނގެއެވެ.

ސްނެޕްޗެޓުން ވަނީ މި ޤާނޫނަށް ތަބާވާނެކަން ހާމަކޮށްފައެވެ. ނަމަވެސް ޤާނޫނު ފަރުމާކޮށްފައިވާ ގޮތާމެދު ކަންބޮޑުވުންތައް ހުރި ކަމަށް ބުނެފައިވެއެވެ. އެގޮތުން ޤާނޫނާމެދު ގިނަ ސުވާލުތައް އުފެދިފައިވީނަމަވެސް، ތަންފީޛުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށާއި، ސަރުކާރާއެކު މައްސަލަތައް ޙައްލުކުރުމަށްޓަކައި ގާތުން މަސައްކަތްކުރަމުންދާނެ ކަމަށް ބުނެފައިވެއެވެ. ޓިކްޓޮކް އަދި އެކްސްގެ ފަރާތުން މި މައްސަލައާ ގުޅޭގޮތުން ރަސްމީކޮށް އެއްވެސް ބަޔާނެއް ދީފައިނުވާކަންވެސް މީޑިއާތަކުން ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: