މިނިސްޓްރީގެ ތެރެއިން ޒިންމާ އުފުލަން ޖެހޭ ބޭފުޅުން އެ ޒިންމާ އުފުލިނަމަ މިއަދު މާލެ މިއޮތް ހާލަތުގައި ނޯންނާނެ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންސް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ސަންގަށް ދެއްވި އިންޓަވިއުގައި މިނިސްޓަރ އަމީން ވިދާޅުވީ ރައްޔިތުން މިނިސްޓްރީން ދެމުން އައި ހިދުމަތާއި މެދު ޝައްކު އުފައްދާކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އެކަން އެހެން ވުމަށް ވަރަށް ބައިވަރު ސަބަބުތައް ހުރި ކަމަށާއި އޭގެތެރެއިން، ގާނޫނާއި ގަވާއިދާއި ހިލާފަށް ކަންކަން ހިނގުމާއި އަދި އުސޫލުގެ ތެރެއިން ނުވެ ހުރުމުން ކަމަށް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ގާނޫނާއި ގަވާއިދުގެ ދަށުން ހިނގާފައިވަނީ ބައެއް ކަންކަން ކަމަށާއި އެއީ ހުރިހާ ކަމެއް ނޫން ކަމަށެވެ. އޭގެތެރޭގައި ވަރަށް ބޮޑަށް އުޅަނދުތައް އޮޕަރޭޓް ކުރުމާއި ރަޖިސްޓްރީ ކުރުމުގައި ގާނޫނުތަކާއި ހިލާފަށް އަމަލުތައް ހިނގާފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.
މިނިސްޓްރީގެ ހިދުމަތަށް ބަލާއިރު ވައިގެ ހިދުމަތް ފަދަ ކަންކަން ކުރިއަށް ގެންގޮސްފައިހުރީ ރަނގަޅަށް ކަމަށް އަމީން ވިދާޅުވިއެވެ. ސިވިލް އޭވިއޭޝަނ ދާއިރާއަކީ ވަރަށް ރެގިއުލޭޓެޑް ދާއިރާއަކަށް ވާތި އެކަންކަން ރަނގަޅަށް ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.
މިފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި ނިމިދިޔަ އަހަރުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.
”މީގެތެރެއިން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރޭ މިހާރު ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރެއިން ގާނޫނާއި ގަވާއިދާއި ހިލާފަށް ކަންތައްތައް ނުކުރެވޭނެ ކަމަށް. މީގެން ދެން ދިމާވާ އެހެން މައްސަލައެއް، ގިނަ މުައްދަތެއްގެ ތެރޭގައި އުސޫލުން ބޭރުން ކަންތައްތައް ކުރަމުންގެންދިޔަ ފަރާތްތަކަށް ހުއްޓުމަކަށް އައިމަ އަންނަ ހިންހަމަ ނުޖެހުމެއް އޮންނާނެ. އެއީ އެކަމު ނިސްބަތުން ބަލާއިރުގައި ވަރަށް މަދު ފަސެންޓެއް. މިދެންނެވި ގާނޫނާއި ގަވާއިދާ ހިލާފަށް ގަރާޖު ކްރިއޭޓުކޮށްގެން ގަރާޖު ސިޓީ ނެރެގެން ނޫނިއްޔާ ވަގު ނަމްބަރު ޕްލޭޓް އަޅުވައިގެން، ވަގު ޑޮމެއިން ހަދައިގެން މިކަހަލަ ކަންކަން ކުރާނީ ވަރަށް މަދު ޕަސެންޓޭޖެއްގެ ބައެއް ނިސްބަތުން ދިވެހީންގެ ތެރޭގައި“
އަމީން ވިދާޅުވީ މިހާރު މި ސަރުކާރު ވެރަކަމާއި ހަވާލުވުމަށްފަހު ޓްރާންސްޕޯޓް މިނިސްޓްރީން ހުރިހާ ކަމެއްވެސް ކުރަނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކަމަށެވެ. ރާއްޖޭގެ ކޮންމެ ރަށަކަށް ބެލި ނަމަވެސް މާލެ އަކީ އެންމެ އުޅަނދު ގިނަ ސިޓީ ކަމަށް އަމީން ފާހަގަކުރެއްވިއެވެ. އަދި އެކަމުގެ ސަބަބުން މަގުމަތީގެ ރައްކާތެރިކަން ގެއްލިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ގާނޫނައި ގަވާއިދުގެ ތެރެއިން ކަންކަން ކުރިނަމަ ނުވަތަ މިކަންކަމުގައި ޒިންމާ އުފުލަން ތިއްބެވި ބޭފުޅުން އެކަންކަން އެހެން ކުރެއްވިނަމަ މިއަދު މާލެ ހާލަތު މިއަށްވުރެ ރަނގަޅުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

