އެމްޑީޕީއިންވަނީ މިވެރިކަމަށްވުރެ ނުރައްކާތެރި ވެރިކަންތަކާއި ކުރިމަތިލާފައިކަމަށާއި ރާއްޖެ އެކަންކަމުން ސަލާމަތްވެސް ކޮށްފައިވާނެކަމަށް އާރްޑީސީގެ ކުރީގެ އެމްޑީޕީ މުސާ އަލީ މަނިކު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ސޯޝަލް އެކްޓިވިސްޓަކު ފުލުހުންގެ މުއައްސަސާއަށް ހާޒިރުކުރުމާއިއެކު އެ ޕާޓީން ކުރިއަށް ގެންދިޔަ ސިޔާސީ ހަރަކާތުގެ ހަވާސާގައި ސަންގުޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މުސާ ވިދާޅުވީ، މި މަހުގެ 10 ވަނަ ދުވަހު އެމްޑީޕީން ކާނިވާ ސަރަހައްދަށް ޖަމާވާނެކަމަށާއި ސަރުކާރުގެ ފަރާތުން ފެންނަމުންދާ އަމަލުތަކާއި ދެކޮޅަށް މަގުމަތީގެ ސިޔާސީ ހަރަކާތްތައް ފަށާނެކަމަށެވެ.
އޭނާ ވިދާޅުވީ، މިހާރު އެމްޑީޕީއިންވަނީ ހަރުގެ ޖަލްސާތައް ފަށާފައިކަމަށާއި ސަރުކާރާއި ރީތިގޮތުގައި މުއާމަލާތްކުރުމަށްވެސް މަސައްކަތްތައް ކޮށްފައިވާނެކަމަށެވެ. ނަމަވެސް ސަރުކާރުން އެކަންކަން ބަލައިގަނެފައިނުވާކަމަށެވެ. މޫސާ ވިދާޅުވީ، އެމްޑީޕީއިންވަނީ ސަރުކާރުން ރައްޔިތުން ބަސް އެހުމަށާއި ރައްޔިތުންނަށް ދަތިވެގެންދާފަދަ އަމަލުތައް ނުހިންގުމަށް އިލްތިމާސްކޮށްފައިކަމަށާއި ސަރުކާރަށް އެ ވާހަކަތައް ނީވުނުކަމަށެވެ. އެހެންކަމުން ދެން އެމްޑީޕީއިން މަސައްކަތްކުރާނީ އަޑުއިވިގެންދާނެ އެންމެ ރަނގަޅު ގޮތުގެ މަތިންކަމަށެވެ.
މޫސާ ވިދާޅުވީ، އެމްޑީޕީއިން އަބަދުވެސް އޮންނާނީ ރައްޔިތުންގެ ހައްގުތަކުގެ ހިމާޔަތުގައިކަމަށާއި ސިޔާސީ މައިދާނުގައި ކުރަން ނުކެރޭކަމެއް ދިމާނުވާނެކަމަށެވެ. އަދި އެމްޑީޕީއިން ބިރުގަނެ ފަސްޖެހިދާނެކަމަށް ސަރުކާރުން ގަބޫލުކުރަމުންދިއުމަކީ ހެއްވާ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެއީ ގޯހެއްކަމަށާއި އެމްޑީޕީގައި އިންސާނުންދެކެ ބިރުގަންނާނެ ބަޔަކު ނުތިބޭނެކަމަށެވެ.
އޭނާ ވިދާޅުވީ، އެމްޑީޕީ އޮތީ ބިރު ފަހަނައަޅާ ގޮސްފައިކަމަށާއި މިއަށްވުރެ ނުރައްކާތެރި ވެރިކަންތަކާއި ކުރިމަތިލައި ރައްޔިތުން އެކަންކަމުން ސަލާމަތްކޮށްފައިވާކަމަށެވެ. މޫސާ ވިދާޅުވީ، އެމްޑީޕީގެ އެ ތާރީހު އެބައޮތްކަމަށާއި ހިތްވަރުވެސް ހުރިކަމަށެވެ. އޭނާ ވިދާޅުވީ، އެމްޑީޕީއިން މަޑުޖައްސާލައިގެން ތިބީ ބައިވެރިން ނުވާނެތީ ނޫންކަމަށާއި ރައްޔިތުންގެ ގާތުގައި މަގުތަކަށް ނުކުނާނާނެ ގޮތަށް ބުނަންވެސް އެ ޕާޓީއަށް އެނގޭކަމަށެވެ. އަދި ރައީސް މުއިއްޒުގެ އަނިޔާވެރިކަން އިތުރުވެގެންދާ ވަރަކަށް އެމްޑީޕީގެ ސަފުތައް ވަރުގަދަވެގެންދާނެކަމަށެވެ.

