ނުރައްކާތެރި އަލިފާނުގެ ހާދިސާއާއިި ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީގެ ޙިދުމަތް ވަގުތީ ގޮތުން މެދުކަނޑައިލައިފައިވާ ކަމަށް އެ ވުޒާރައިން ވަނީ ބުނެފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީއާއި ހައުސިންގ މިނިސްޓްރީ އަދި އެންވަޔަރމެންޓް މިނިސްޓްރީ ހިންގަމުން އަންނަ އިމާރާތުގައި ވަނީ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. މި ހާދިސާއާއި ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އަލިފާނުގެ ހާދިސާގައި އެއްވެސް މުވައްޒަފަކަށް ގެއްލުން ލިބިފައިނުވާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އަލިފާނުގެ ހާދިސާގެ ސަބަބުން އިމާރާތަށް ބޮޑެތި ގެއްލުން ލިބިފައިވާތީ، މިވަގުތު އެ މިނިސްޓްރީން ދެމުން ގެންދާ އާންމު ޙިދުމަތް ވަގުތީގޮތުން މެދުކެނޑިފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި ޙިދުމަތްތައް އަލުން ފެށޭނެ ތާރީހެއް ކަނޑައެޅުމަށްފަހު، އެކަން މިނިސްޓްރީން އައުލާންކުރާނެ ކަމަށް ވަނީ މައުލުމާތުދެއްވައިފައެވެ.
މި ހާދިސާއާއި ގުޅުގެން ކަމާބެހޭ އިދާރާތަކުން ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް އެ ވުޒާރާއިން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް މަޢާފަށް އެދި، ވިހާވެސް އަވަހާއި ޙިދުމަތްތައް އަލުން ފެށުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ވަނީ ދެއްވައިފައެވެ.

