ޕީޕީއެމް އުވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ފަށައިފިއެވެ.
އީސީއިން އާންމުކުރި އިއުލާނެއްގައި ބުނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ އަސާސީ ގަވާއިދުގެ 61 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ޕާޓީ އުވާލުމަށް އެ ޕާޓީގެ ސެނެޓުން ނިންމާފައިވާތީ، ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެމަތީން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އުވާލުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރަމުންދާކަމަށެވެ.
އެހެންކަމުން، ޕާޓީގެ ނަމުގައި އެއްވެސް ސިޔާސީ ޙަރަކާތެއް ހިންގުމާއި، ޕާޓީ އުވާލުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމަށް ކުރެވޭ މުޢާމަލާތްތައް ފިޔަވައި އިތުރު އެއްވެސް މުޢާމަލާތެއް ކުރުމުގެ އިޚްތިޔާރު އެ ޕާޓީއަށް ލިބިގެން ނުވާކަމަށް އީސީއިން ވަނީ ބުނެފައެވެ. އަދި ޕާޓީއާ ގުޅިގެން ނިންމަންޖެހޭ އެއްވެސް ކަމެއްވާނަމަ، އުވާލުމުގެ މަރުޙަލާ ނިމުމުގެ ކުރިން އެ ޕާޓީއާ ގުޅިގެން ކުރިއަށް ގެންދެވުމަށް ވަނީ އެދިިފައެވެ.
ޕީޕީއެމަކީ ރާއްޖޭގައި ސިޔާސީ ބޮޑު ތާރީހެއް އޮތް ޕާޓީއަކަށްވާއިރު، އެ ޕާޓީ އުފައްދާފައި ވަނީ ޑީއާރުޕީގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާއި ފެކްޝަންތަކަށް ފަހު ރައީސް މައުމޫން އަބްދުލްޣައްޔޫމެވެ.
2011 އޮކްޓޯބަރުގައި ޕީޕީއެމް ރެޖިސްޓްރީ ކުރުމަށް ފަހު ޕާޓީގެ ލީޑާޝިޕާއި ހަވާލުވެ ހުންނެވީ ރައީސް މައުމޫނެވެ. އަދި އެއަށް ފަހު 2013 ގެ ރިޔާސީ އިންތިހާބުގައި ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވާދަކޮށް ވެރިކަމަށް ވަޑައިގަތެވެ. އެހެން ނަމަވެސް އެތެރޭގައި އަނެއްކާވެސް ޖެހުނު މައްސަލަތަކާއި އެކު ރައީސް ޔާމީން ޕީޕީއެމްގެ ބާރުތައް ނެންގެވީ އެވެ.
އޭގެ ފަހުން 2018 ގައި ވެރިިކަން ކާމިޔާބު ނުވުމުން، ރައީސް ޔާމީން ޕީއެންސީ އުފެއްދެވީ ރައީސް މައުމޫނަށް އެ ޕާޓީ ލިބިވަޑައިގެންފާނެކަމަށް ބެލެވޭ ހާލަތްތަކާއި ހުރެ އެވެ.
2023 ގައި ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ޕީޕިއެމްގެ ޓިކެޓުގައި ވާދަ ނުކުރެވުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވީ އެވެ.

