މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް 44.6 ބިލިއަން ރުފިޔާ 2024 ވަނަ އަހަރުގެ ބަޖެޓުން ބޭނުންކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހަފްތާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ސަރުކާރުންވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ޖުމުލަ ބަޖެޓު 84 އިންސައްތައަށްވުރެ އިތުރު އަދަދެއް ބޭނުންކޮށްފައެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުން މި މުއްދަތުގެ ތެރޭގައި ހިލޭ އެހީ ހިމެނޭހެން އާމްދަނީގެ ގޮތުގައި 23.37 ބިލިއަން ލިބިފައިވެއެވެ. މިއީ ނިމިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ އިތުރު އަދަދެއްކަމަށެވެ. ނިމިދިޔަ އަހަރުގެ މި މުއްދަތުގައި ހިލޭ އެހީ އަދި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 31.50 ބިލިއަންއެވެ.
މި އަހަރުގެ ތެރޭގައި ޖުމުލަ ހަރަދުތައްވެސް އިތުރުވެފައިވެއެވެ. އެގޮތުން ނިމިދިޔަ އަހަރުގެ މި މުއްދަތުގައި ޖުމުލަ ހަރަދުތައް ހުރީ 45.68 ބިލިއަންގައިކަމަށްވާއިރު މި އަހަރުގެ ހަރަދުތައް ހުރީ 46.92 ބިލިއަން ރުފިޔާގައެވެ. މީގެ ތެރެއިން ކެޕިޓަލް ހަރަދަކީ 13.19 ބިލިއަންކަމަށްވާއިރު ރިކަރެންޓު ހަރަދުތައް 31.44 ބިލިއަނަށް އަރައެވެ. ރިކަރެންޓު ހަރަދުތައް ނިމިދިޔަ އަހަރާއި އަޅާ ބަލާއިރު އިތުރުވެފައިވާއިރު ކެޕިޓަލް ހަރަދުތައް ދަށްވެފައިވާކަން ފާހަގަކުރެވެއެވެ. ނިމިދިޔަ އަހަރުގެ މި މުއްދަތުގައި ރިކަރެންޓު ހަރަދުތައް ހުރީ 29.66 ބިލިއަންގައިކަމަށްވާއިރު ކެޕިޓަލް ހަރަދުހުރީ 13.86 ބިލިއަންގައެވެ. މި އަހަރު ކެޕިޓަލް ހަރަދުގެ ގޮތުގައި ބޭނުންކޮށްފައިވަނި 13.19 ބިލިއަން ރުފިޔާއެވެ.
މުސާރައަށް ކޮށްފައިވާ ހޭދަތައް އިތުރުވެފައިވާއިރު އިދާރީ މަސައްކަތްތަކަށް ކޮށްފައިވާ ހޭދަވެސް އިތުރުވެފައިވެއެވެ. އެގޮތުން ނިމިދިޔަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް މުސާރައިގެ ގޮތުގައި ހޭދަކޮށްފައިވަނީ 11.02 ބިލިއަންއެވެ. މި އަހަރު މި ހަރަދުތައް ހުރީ 12.42 ބިލިއަންގައެވެ.
މި އަހަރުގެ ތެރޭގައި އާމްދަނީ އިތުރުވުމަށް ދިމާވެފައިވަނީ ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމާއި ގުޅިގެންނެވެ. ނިމިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 22.56 ބިލިއަންކަމަށްވާއިރު މި އަހަރުގެ ތެރޭގައި 24.62 ބިލިއަން ލިބިފައިވެއެވެ. ޓެކްސް ނޫން އެހެނިހެން ގޮތްގޮތުން ލިބިފައިވާ އާމްދަނީ މި އަހަރުގެ ތެރޭގައި ދަށްވެފައިވާކަން ފިނޭންސްގެ ތަފާސް ހިސާބުތަކުން ފެނިގެންދެއެވެ. ނިމިދިޔަ އަހަރުގެ ތެރޭގައި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މި މުއްދަތުގެ ތެރޭގައި ލިބިފައިވަނީ 7.96 ބިލިއަންކަމަށްވާއިރު މި އަހަރުގެ ތެރޭގައި ލިބިފައިވަނީ 7.17 ބިލިއަނެވެ.
ނިމިދިޔަ އަހަރާއި އަޅާބަލާއިރު ޕީއެސްއައިޕީ ހަރަދުތައްވެސް ދަށްވެފައިވާކަން ފާހަގަކުރެވެއެވެ. މި އަހަރުގެ ތެރޭގައި މި މަސައްކަތްތަކަށް ޖުމުލަކޮށް ހޭދަކޮށްފައިވަނީ 9.61 ބިލިއަންއެވެ. ނިމިދިޔަ އަހަރުގެ ތެރޭގައި ޕީއެސްއައިޕީގެ ގޮތުގައި 11.26 ބިލިއަން ހަރަދުކޮށްފައިވެއެވެ. ނިމިދިޔަ އަހަރާއި އަޅާބަލާއިރު ޕީއެސްއައިޕީގެ ގޮތުގައި ކޮށްފައިވާ ހަރަދު އިތުރުވެފައިވަނީ ދެ ދާއިރާއަކުންނެވެ. ހަރަދުތައް އިތުރުވެފައިވާ ދާއިރާތަކަކީ ތިމާވެށި ހިމާޔަތްކުރުމާއި ޓްރާންސްޕޯޓު ދާއިރާއެވެ. މި އަހަރުގެ މި މުއްދަތުގައި ތިމާވެށި ހިމާޔަތްކުރުމަށްޓަކައި 962.9 މިލިއަން ހަރަދުކޮށްފައިވާއިރު ޓްރާންސްޕޯޓު ދާއިރާގެ މަސައްކަތްތަކަށް 3.73 ބިލިއަން ހޭދަކޮށްފައިވެއެވެ.

