ތިން މިނިސްޓްރީއަކާއި، ދެ މުވައްސަސާއެއްގެ މަސައްކަތް ކުރަމުން ދިޔަ އިމާރާތުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގަށް އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމު ފުލުހުންނާއި އެކު ހަރަކާތްތެރިވާން ފަށައިފި އެވެ.
ޕޮލިސް ކޮމިޝަނަރ އަލީ ޝުޖާއުގެ ފަރާތުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމެއް ދިވެހި ފުލުހުންނާއި އެކު މިހާރު ހަރަކާތްތެރިވަމުންދާކަމަށެވެ.
ތަހުގީގުގައި ރާއްޖެއިން ބޭރުގެ ޓީމެއްގެ އެހީތެރިކަން ހޯއްދަވާނެކަމަށް ސީޕީ އެންމެ ފުރަތަމަ ހާމަކުރެއްވީ ހާދިސާއަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އަދި ރައްޔިތުންނަށް މިކަންކަމުގެ ފުރިހަމަ މައުލޫމާތު ހިއްސާ ކުރައްވާނެކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ، ފުލުހުންގެ ފޮރެންސިކް ޓީމުތަކުން އެ ސަރަޙައްދުގައި މަސައްކަތް ކުރަމުންދާ ކަމަށާއި، ސީސީޓީވީ ފުޓޭޖްތައް ހޯދައި އެނަލައިޒް ކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާ ކަމަށެވެ.
އޭގެ އިތުރުން، ޙާދިސާގެ މަންޒަރު އެންމެ ފުރަތަމަ ދުއް މީހުންގެ ބަޔާން ނެގުމުގެ މަސައްކަތާއި އެވަގުތު އެތަނުގައި ތިބި މީހުންގެ އިތުރުން، އިތުރު މީހުންގެ ފަރާތުންވެސް މައުލޫމާތު ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް ޝުޖާއު ވިދާޅުވިއެވެ.
މި ޙާދިސާއާ ގުޅޭ މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، އެ މައުލޫމާތެއް ހިއްސާ ކުރުމަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސަވައިދެއްވާނެކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
މި މަހުގެ 12 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 06:30 ހާއިރު އެންމެ ފުރަތަމަ ރިޕޯޓު ކުރީ ހައުސިން މިނިސްޓްރީގައި އަލިފާން ރޯވެފައިވާކަމަށެވެ. އޭގެ ފަހުން އެ އަލިފާންގަނޑު ވަރަށް ބޮޑަށް ފަތުރި ކޮންސްޓްރަކްޝަން މިނިސްޓްރީއާއި އެންވައިރޮމެންޓް މިނިސްޓްރީގެ ބްލޮކުގައި ވެސް ރޯވީއެވެ.
މުޅި އަލިފާންގަނޑު އެއްކޮށް ނިއްވާލުމަށް ހަތަރު ގަޑިއިރު ހޭދަވީއިރު، ރޯވުމަށް މެދުވެރިވި ސަބަބެއް އަދިވެސް ސާފެއް ނޫނެވެ. އެހެން ނަމަވެސް ލިބުނު ބައެއް މައުލޫމާތުތަކުން އެނގޭ ގޮތުގައި ބޮޑަށް ބެލެވެނީ ކަރަންޓު ސޯޓެއްވީކަމަށެވެ.
އަލިފާނުގެ ހާދިސާ ހިނގި އިމާރާތުގެ ބޮޑުބައެއްގައި ލަކުޑިއާއި، ޓިނު ބޭނުންކޮށްފައި ވެއެވެ. އަދި ޑެގު އަޅައި ފްލޯތައް ނަގާފައި ހުރިއިރު އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި ފެތުރުގެން ދިޔައީ އެ ސަބަބާއި ހުރެކަމަށް ބެލެވެ އެވެ.
މި އިމާރާތަކީ 2008 ވަނަ އަހަރު ހައުސިން މިނިސްޓްރީގެ މަސައްކަތްތަކަށް ވަގުތީ ގޮތުން އެޅި އިމާރާތެކެވެ.

