ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް އަކްރަމް ކަމާލުއްދީނާއި، ކުރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ މުހައްމަދު އާރިފް ހިމެނޭ ގޮތަށް އިތުރު ބައެއްގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.
އުސޫލުން ބޭރުން ގޯތި ދީފައިވާ މައްސަލައެއް ފެންމަތިވެ މި ސަރުކާރުގެ ބައެއް އިސްވެރިން ވެސް މިވަގުތު ތިބީ ސަސްޕެންޑުކޮށް ޕާސްޕޯޓު ހިފަހައްޓާފަ އެވެ. ގޯއްޗަށް ޝަރުތު ހަމަނުވީ ނަމަވެސް، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދުގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ފަޒީލް ރަޝީދު ހުޅުމާލެ ބިމެއްގައި ވަނީ އިންފާރު ރާނާފަ އެވެ. އަދި އޭނާގެ އަތުގައި ގޯތި ލިބުނުކަމުގެ ލިޔުމެއް އޮތް އިރު، ފުލުހުންގެ ތަހުގީގުގައި ބުނެފައި ވަނީ އެ ލިޔެކިއުން ލިބިފައި ވަނީ ޝަރުތު ހަމަނުވާތީ ޝަކުވާ ހުށަހެޅުމުން ބައްދަލުވުމުކަށް ގެންދިއުމަށް ފަހު ކަމަށެވެ.
މިއީ އަކްރަމާއި ބައްދަލުކޮށް ލިބުނު ލިއުމެއްކަމަށް ފަޒީލް ބުނި ނަމަވެސް، އެކަން އަކްރަމް ދޮގު ކުރެ އެވެ. އަދި ބުނެފައި ވަނީ ދެ މީހުން ދުވަހަކު ވެސް ބައްދަލުވެފައި ނުވާކަމަށެވެ.
ދައުލަތުގެ ކަމާއި ބެހޭ އެކި މުވައްސަސާތަކުން ތަހުގީގު ކުރަމުންދާ މި މައްސަލައިގައި، ކުރީ ސަރުކާރުގެ އިސްވެރިންގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން އެދިގެންނެވެ. އަކްރަމްއާއި، އާރިފްގެ އިތުރުން ދެން ޕާސްޕޯޓު ހިފަހައްޓާފައި ވަނީ އެމްޑީޕީ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ލިރުގާމް ވަހީދުގެ އެވެ.
މިއީ ބިންވެރިޔާ ސްކީމާއި، ގެދޮރުވެރިޔާ ސްކީމް ހިންގުމުގައި އިސްކޮށް އުޅުއްވި ބޭފުޅުންނެވެ.
މި މައްސަލައިގައި ފުލުހުން ކުރިޔަށް ގެންދާ ތަހުގީގާއި ގުޅޭގޮތުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވި ގޮތުގައި ފުލުހުން ދަނީ ލިއުންތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި ތިން ބިމެއްގެ ވަގު ލިޔުން ފުލުހުންގެ ސަމާލުކަމަށް އައިސް، މިހާތަނަށް ހަ މީހަކާއި ސުވާލުކޮށްފައިވާނެކަމަށް ވިދާޅުވި އެވެ.
ތަހުގީގުގައި އެ މީހުންނާއި ސުވާލު ކުރުމުން ބުނެފައި ވަނީ، މިއީ ކުރީ ސަރުކާރުން އެ މީހުންނަށް ދީފައިވާ ލިޔުންތަކެއް ކަމަށެވެ. އަދި އެ ލިޔުން އެ މީހުންނަށް ލިބިފައި ވަނީ ޝަރުތު ހަމަނުވާތީ ޝަކުވާ ހުށަހެޅުމުން، މިނިސްޓްރީގެ އިސްފަރާތްތަކުން ބޭއްވި ބައްދަލުވުމުގައިކަމަށް ބުނެފައި ވެއެވެ.
ތަހުގީގުގައި އޭސީސީއަށް މިހާތަނަށް އެއްކުރެވިފައިވާ މައުލޫމާތާއި ބެހޭ އެއްވެސް މައުލޫމާތެއް ކޮމިޝަނުން ހާމަކޮށްފައި ނުވެއެވެ. އޭސީސީ ދަނީ ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްތަކުގެ މައްސަލައިގައި ވެސް ތަހުގީގުތައް ހިންގަމުންނެވެ. އަދި މުޅި ސްކީމްގައި އޮޅުވާލުންތަކެއް ހުރުމުގެ ސަބަބުން އަކްރަމްއާއި، އާރިފް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ވެސް ހާޒިރުކޮށްފައި ވެއެވެ.

