މާލެއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް މަގުތަކަށް ނަޖިސް އެޅިފައި ހުރުމުން އެ މަގުތައް ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.
މާލެއަށް ކުރި ވިއްސާރާއިގައި އެންމެ ބޮޑަށް ފެން ބޮޑުވީ މާފަންނު ސަރަހައްދަށެވެ. އެ ސަރަހައްދުގެ މަގުތައް އާއްމު ހާލަތަށް ގެނެސްފައިވީ ނަމަވެސް މާފަންނު މިލިއަން ބުކްޝޮޕާއި އިންވެގެން އޮންނަ ގޯޅި ކަމަށްވާ އިޒުއްދީން މަގުގެ އެއްބައި ވަނީ ބަންދުކޮށްފައެވެ. އެ ސަރަހައްދުގައި ހަރަކާތްތެރިވާ ބައެއް ފުލުހުން ސަންގަށް މައުލޫމާތު ދިން ގޮތުގައި ޖަންކްޝަންތައް ފުރި މަގުތަކަށް ނަޖިހުގެ އަސަރު ވަނީ ކޮށްފައެވެ. އެހެން ކަމުން އާއްމުންގެ ސަލާމަތާއި ރަށްކާތެރިކަމަށްޓަކައި އެ މަގު ވަނީ ބަންދުކޮށްފައެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭ ސިޓީގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ފެންހިންދުމާއި، ވެލިބަސްތާ ޖެހުމުގައި ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ބެލުމުގެ ދަށުން ސިފައިން ވަނީ ރޭ ދަންވަރު 02:30 އިން ފެށިގެން ފެން ހިންދުމުގެ މަސައްކަތްފަށާފައެވެ. އެގޮތުން މާލޭގެ 6 ސަރަހައްދެއްގައި ޖުމްލަ 18 ޕަންޕު ބޭނުންކޮށްގެން ހުއްޓުމެއްނެތި ފެން ހިންދުމުގެ މަސައްކަތްކޮށް މިއަދު 13:35 ހާއިރު ވަނީ މާލޭގެ މަގުތައް އާންމު ހާލަތަށް ގެނެސް ދީފައެވެ.
މީގެ އިތުރުން މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ބައެއް އިމާރާތްތަކަށް ފެންވަންނަކަމުގެ މަޢުލޫމާތު ލިބުމުން، އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑްގެ ބެލުމުގެ ދަށުން ސިފައިން ވަނީ ވެލި ބަސްތާ ޖަހާދީފައެވެ. އެގޮތުން މިއަދު ހެނދުނު 06:12 އިން 15:15 އަށް ކުރި މަސައްކަތުން ސިފައިން ވަނީ 67 ގެއެއްގައި 304 ވެލިބަސްތާ ޖަހާދީފައެވެ.

