މާލެއަށް ކުރި ބޯވިއްސާރައިގައި ގޭބީސީތަކަށް ފެނުގެ އަސަރު ކޮށްފައިވާތީ 8 ގޭބީސީއަކުން 32 މީހުން ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށްފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓުން ބުނެފިއެވެ.
އެ މީހުންނަށް ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖައްސައިފައިވަނީ އެއް ދުވަހަށް ކަމަށް ވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ. މި ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖެއްސީ ކައްކައި ކައިބޮއެ ހެދުމަށާއި ނިދައި ފާޚާނާ ކުރެވޭނެ ގޮތެއް ނެތުމާއި ވަގުތީ ގޮތުން އެތަންތަނުގައި ދިރިއުޅެވޭނެ ހާލަތެއް ނެތުމުގެ ސަބަބުން އެންޑީއެމްއޭއިން ބުންޏެވެ.
މީގެ އިތުރުން ފެން ކޮންޓްރޯލް ކުރުމަށް ސިފައިންނާއި ސިޓީ ކައުންސިލާ ގުޅިގެން 47 ތަނެއްގައި 229 ވެލިބަސްތާ ޖަހައިފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
މި ދުވަސްވަރަކީ ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭ ދުވަސްވަރަށް ވުމާއެކު މި ދުވަސްވަރު އާންމުކޮށް ކޮޅިގަނޑުތައް އުފެދޭ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. އަދި ރާއްޖެއާ ކައިރީގައި ދެ ކޮޅިގަނޑެއް އުފެދިފައިވާތީ، މި ދުވަސްތަކުގައި މޫސުން ގޯސްވާނެ ކަމަށްވެސް މީގެ ކުރިން މެޓް އޮފީހުން ވަނީ ބުނެފައިވެއެވެ.

