ހއ. އިހަވަންދޫގައި ޑޮކްޔާޑެއް ތަރައްޤީކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއީ އިހަވަންދޫ ކައުންސިލާއިއެކު އެކުލަވާލި އެއްބަސްވުމެކެވެ.މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީ.އީ.އޯ މުހައްމަދު ވަޖީހް އިބްރާހީމެވެ. އަދި އިހަވަންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް އަޙުމަދު ސަބާހުއެވެ.
މި އެއްބަސްވުމާއި ގުޅިގެން އެމްޕީއެލްގެ ސީއީއޯ އިބްރާހީމް ވަޖީހު ވިދާޅުވީ، މި ސަރުކާރުން ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފެށުމާއެކު މި ސަރަހައްދުން ދަތުރުކުރާ ބޭރުގެ އުޅަނދުތަކުގެ ފަރާތުން ޓެކްނިކަލް އެކިއެކި ކަންކަމަށް ރިކުއެސްޓް ލިބޭކަމަށެވެ. މި ޑޮކްޔާޑް ވެގެންދާނީ އެ އުޅަނދުތަކަށް ޓެކްނިކަލް ސަޕޯޓް ލިބޭ ތަނަކަށްކަމަށެވެ.
މި ޑޮކްޔާޑްގެ އަމަލީ މަސައްކަތް ފެށުމަށް އަމާޒު ހިފާފައިވަނީ އަންނަ އަހަރަށެވެ. މި ޑޮކްޔާޑުން މަސްވެރިންނަށް ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ގިނަ މަސްވެރި އުޅަނދުތަކުން އެދެމުންދާ ކަމަށް ވަޖީހު ވިދާޅުވިއެވެ.
މި ޑޮކްޔާޑުގެ މަސައްކަތް ނިމި 6 މަސްދުވަހުގެ ތެރޭގައި ޚިދުމަތްދޭން ފެށޭނެ ކަމަށް އެކުންފުނިން މައުލޫމާތު ދެއްވައެވެ.

