ހިޔާ ފްލެޓުގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނު ކުރި މައްސަލައިގައި ހައްޔަރު ކުރި 12 މީހުންގެ ގުރޫޕު ބަންދުން ދޫކޮށްލައި އެ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު އެއްކޮށް ނިމިފައި ވާތީ ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ހުށަހެޅީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. އެ އެންމެންގެ މައްޗަށް ދައުވާ އުފުލިއިރު، ކޯޓުން 12 މީހުން ވެސް ދޫކޮށްލާފައިވާކަމަށް ފުލުހުން ބުންޏެވެ.
ހިޔާ ފްލެޓުގެ އެޕާޓްމަންޓެއްގައި ރަހީނުކޮށްފައި ހުރި މީހަކު ސަލާމަތްކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހު އެވެ. އިންޓެލިޖެންސް ރިޕޯޓު ލިބި ހަރަކާތްތެރިވި ފުލުހުން، H9 އިމާރާތުގެ 20 ވަނަ ފަންގިފިލާގެ 11 ވަނަ އެޕާޓްމަންޓަށް ބާރުގެ ބޭނުންކޮށް ވަދެ މީހާ ސަލާމަތް ކުރިއިރު އޭނާއަށް ހުރީ އެކިވަރުގެ އަނިޔާތައް ދީފަ އެވެ. އެގޮތުން ބޯ ބޭލުވުމަށް ފަހު، އެ މީހުން ތައްޔާރުވަމުން ދިޔައީ އޭނާގެ އިނގިލިތައް ބުރިކޮށްލުމަށްކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
ރަހީނުކޮށްފައި އިން މީހާއަށް ނަފްސާނީގޮތުން އަސަރުތަކެއް ކޮށްފައިވާ ކަމަށާއި، އެވަގުތު އެތަނުން އެމީހާ ރައްކާތެރި މާހައުލަކަށް ގެންގޮސް ކައުންސެލިން ދީފައިވާނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެ މީހާ ރަހީނުކޮށް ބަހައްޓާފައި ހުރި އެޕާޓްމަންޓު ބައެއް ނޫސްވެރިންނަށް ވެސް ދައްކާލާފައި ވެއެވެ.
12 މީހުންގެ ގުރޫޕެއް މައްސަލައިގައި އެ އެޕާޓްމަންޓުން ހައްޔަރު ކުރި، އެންމެންގެ ބައިވެރިވުން މިކަމުގައި ޝާމިލުވާކަން ތަހުގީގުގައި ނިންމިކަން ސާފެއް ނޫނެވެ.
އެ އެޕާޓްމަންޓަކީ ބަލާބެލުމަށް މަސްތުވާތަކެތީގެ އައްޑާއެކެވެ.
ހިޔާ ފްލެޓުގެ އެ އެޕާޓްމަންޓަކީ އެނގިފައިވާ ގޮތުން މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި މީގެ ކުރިން ވެސް ބަލައި ފާސްކޮށްފައިވާ ތަނެކެވެ. ހައްޔަރު ކުރި މީހުންނާއި، ރަހީނުކޮށްފައި ހުރި މީހާއާއި ގުޅެނީ ކޮން ގޮތަކުންކަމާއި ޖެހުނީ ކޮން މައްސަލައެއްކަން ފުލުހުން ހާމައެއް ނުކުރެ އެވެ.
ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅެމުންދާ ހުޅުމާލެ ފޭސް ދޭއްގައި ކުށް ގިނަވާ މައްސަލަ ވަނީ ގޯސްވެފަ އެވެ. އަދި ހިޔާ ޓަވަރުގައި ދިރިނޫޅެ ކުށް ކުރުމށް ބައެއް އެޕާޓްމަންޓުތައް ބޭނުން ކުރާކަން ވަނީ ފާހަގަކުރެވިރިފަ އެވެ. ރަހީނު ކުރުމުގެ މައްސަލަތަކާއި، ބިރު ދައްކައި ނުވަތަ އޮޅުވާލައިގެން މީހުން އެޕާޓްމަންޓުތަކަށް ވައްދައި ފައިސާ ފޭރޭ މައްސަލަތައް ވެސް ގިނަ އެވެ.

