މި އަހަރުގެ ޑިސެމްބަރު 19 ވަނަ ދުވަހު ނިޔަލަށް އާމްދަނީގެ ގޮތުގައި 32.7 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސްއިން މިނިސްޓްރީއިންވަނީ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓުން ބޭނުންކުރެވިފައިވާ ގޮތާއި ދިވެހިރާއްޖޭގެ މާލީ ނިޒާމުގެ ތެރޭގައި ކުރެވިފައިވާ މަސައްކަތްތަކުގެ ތަފްސީލު ހަފްތާގެ ތަފާސް ހިސާބުގައި ހިއްސާކޮށްފައެވެ. މިނިސްޓްރީއިން މައުލޫމާތު ދީފައިވާގޮތުން އެ މުއްދަތުގެ ނިޔަލަށް ބަޖެޓުން ހަރަދުކުރެވިފައިވަނީ 45.98 ބިލިއަންކަމަށެވެ. އަދި ޖުމުލަ އާމްދަނީގެ ގޮތުގައި 32.69 ބިލިއަން ލިބިފައިވާކަން ހާމަކޮށްފައިވެއެވެ.
ތަފާސް ހިސާބުގައިވާގޮތުން ޖުމަލަ ހޭދައިގެ ތެރެއިން ރިކަރެންޓު ހަރަދުގެ ގޮތުގައި ބޭނުންކޮށްފައިވަނީ 32.06 ބިލިއަން ރުފިޔާކަމަށެވެ. ނިމިދިޔަ އަހަރުގެ މި މުއްދަތަކުގައި ރިކަރެންޓު ހަރަދުގެ ގޮތުގައި ބޭނުންކޮށްފައިވަނީ 30.23 ބިލިއަން ރުފިޔާއެވެ. ނިމިދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ ތެރޭގައި މުސާރައާއި އިނާޔަތްތައް ދިނުމުގެގޮތުން ކޮށްފައިވާ ހަރަދުތައް އިތުރުވެފައިވާކަމަށް ފެނިގެންދާއިރު އިދާރީ މަސައްކަތްތަކުގެ ގޮތުގައި ކޮށްފައިވާ ހަރަދުތައްވެސް އިތުރުކަން ފާހަގަކުރެވެއެވެ. ނަމަވެސް ކެޕިޓަލް ހަރަދުތައް ހުރީ ނިމިދިޔަ އަހަރާއި އަޅާ ބަލާއިރު ދަށުގައިކަން ފެނިގެންދެއެވެ.
މި އަހަރުގެ މި މުއްދަތުގައި މުސާރައާއި އިނާޔަތްތައް ދިނުމުގެ ގޮތުން ހަރަދުކޮށްފައިވަނި 12.43 ބިލިއަން ކަމަށްވާއިރު ނިމިދިޔަ އަހަރުގެ މި މުއްދަތުގައި ހަރަދުކޮށްފައިވަނީ 11.02 ބިލިއަނެވެ. އިދާރީ މަސައްކަތްތަކަށް ކޮށްފައިވާ ހޭދަ މި އަހަރު 19.49 ބިލިއަންގައި ހުރިއިރު ނިމިދިޔަ އަހަރުގެ މި މުއްދަތުގައި ހަރަދުކޮށްފައިވަނީ 18.75 ބިލިއަންކަން ފާހަގަކުރެވެއެވެ. ކެޕިޓަލް ހަރަދުގެ ގޮތުގައި މި މުއްދަތުގައި ހޭދަކޮށްފައިވަނީ 13.92 ބިލިއަން ރުފިޔާކަމަށްވާއިރު ނިމިދިޔަ އަހަރުގައި މި ހަރަދުތައް ހުރީ 14.11 ބިލިއަންގައިކަން ފާހަގަކުރެވެއެވެ.
ލޯނުތައް އަދާކުރުމުގެ ގޮތުން މި މުއްތަކުގެ ތެރޭގައި 2.31 ބިލިއަން ހޭދަކޮށްފައިވާއިރު ސޮވަރެއިން ޑިވެލޮޕްމެންޓު ފަންޑަށް 1.09 ބިލިއަން ޖަމާކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ޖުމުލަ އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސް ފައިސާގެ ގޮތުގައި ލިބުނު އާމްދަނީއިންކަމަށްވާއިރު މި އަހަރުގެ ތެރޭގައި މިގޮތުން ލިބުނު އާމްދަނީގެ އަދަދުތައް ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފައިވެއެވެ. އެގޮތުން ނިމިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީހުރީ 22.81 ބިލިއަންގައިކަމަށްވާއިރު މި އަހަރު 24.85 ބިލިއަނަށް އަރާފައިވެއެވެ. އެހެންކަމުން މި މުއްތަކުގައި މިގޮތުން ލިބުނު އާމްދަނީ 2.04 ބިލިއަން އިތުރުވެފައިވާކަން ފެނިގެންދެއެވެ.
ޓެކްސް ނޫން އެހެނިހެން ގޮތްގޮތަށް ލިބިފައިވާ އާމްދަނީގެ އަދަދުތައް ނިމިދިޔަ އަހަރާއި އަޅާ ބަލާއިރު ދަށެވެ. އެގޮތުން ނިމިދިޔަ އަހަރުގެ މި މުއްދަތުގައި 8.14 ބިލިއަން ރުފިޔާ ލިބިފައިވާއިރު މި އަހަރު ލިބިފައިވަނީ 7.26 ބިލިއަން ރުފިޔާއެވެ. މި އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީގެ ގޮތުގައި ހަރަދުކޮށްފައިވަނީ 10.32 ބިލިއަން ރުފިޔާއެވެ. ނިމިދިޔަ އަހަރުގެ މި މުއްދަތުގައި 11.45 ބިލިއަން ހަރަދުކޮށްފައިވެއެވެ.
މި އަހަރު ޕީއެސްއައިޕީ ބަޖެތުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ޓްރާންސްޕޯޓު ދާއިރާއަށެވެ. އެއަށްފަހު ބިން ހިއްކުމާއި މަގު ހެދުމުގެ މަސައްކަތްތައް ފާހަގަކުރެވޭއިރު، ތިންވަނައަށް ހަރަދުކޮށްފައިވަނީ ރާއްޖޭގެ ވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށެވެ. ދެން އެންމެ ބޮޑު އަދަދެއް ފާހަގަކުރެވަނީ ހައުސިންގް އަދި އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށެވެ. ޓްރާންސްޕޯޓު ދާއިރާއަށް މި އަހަރުގެ މި މުއްދަތުގައި 4.15 ބިލިއަންގެ ހޭދައެއްކޮށްފައިވާއިރު ބިން ހިއްކުމުގެ މަސައްކަތްތަކަށް 2.66 ބިލިއަން ހޭދަކޮށްފައިވެއެވެ. ތިމާވެށި ރައްކައުތެރިކުރުމުގެ މަސައްކަތްތަކަށް ހޭދަކޮށްފައިވަނީ 1.08 ބިލިއަންކަމަށްވާއިރު ހައުސިން އަދި އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށްޓަކައި ހޭދަކޮށްފައިވަނީ 775.4 މިލިއަން ރުފިޔާއެވެ.

