ފްރާންސް އަދި ޖަރުމަނުވިލާތުގެ ފޮރިން މިނިސްޓަރުން ސީރިޔާގެ އައު ވެރިންނާއި ބައްދަލުކުރުމަށް އެ ގައުމަށް ޒިޔާރަތްކޮށްފިއެވެ.
ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން ޖަރުމަނުވިލާތާއި ފްރާންސްގެ ހާރިޖީ ވުޒާރާގެ އިސްވެރިން ދިމިސްކަށް ވަޑައިގަތުމަކީ ބައްޝާރުލް އަސަދުގެ ވެރިކަން ނިމުމަށް ފަހު މިގޮތުގެ މަތިން ޔޫރަޕިއަން ޔުނިއަންގެ އިސްވެރިން އެ ގައުމަށް ޒިޔާރަތްކުރި ފުރަތަމަ ފަހަރުކަމަށެވެ. އެގޮތުން ޖާރމަނީގެ އެނަލީނާ ބެއަރބޮކްގެ އިތުރުން ފްރާންސްގެ ޖޯން ނޮއެލް ބެރޯ ސީރިޔާގެ ވެރިޔާގެ މަގާމުގައި ހުންނެވި އަހުމަދު އަލް ޝަރާ އާއި އެކު މަޝްވަރާތައް ކުރިއަށް ގެންދަވާނެކަމަށް ބުނެފައިވެއެވެ.
މި ޒިޔާރަތުގެ ކުރިއަށް ހުޅަނގުގެ ސަރުކާރުތަކުންވަނީ އަލް ޝަރާ ނިސްބަތްވެވަޑައިގަންނަވާ އެޗްޓީއެސް ޖަމާއަތާއި ދެމެދު މުއާމަލާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އަދި އެ ޖަމާއަތަކީ ޓެރަރިސްޓުންގެ ގޮތުގައި ކަނޑައެޅިފައިވުމަށް ބަދަލުތަކެއް ގެނައުމާއި ގުޅޭގުން ބަހުސްތައް ކުރެވެމުންދާކަމަށް ރިޕޯޓުތަކުގައިވެއެވެ.
ފްރާންސްގެ ހާރިޖީ ވަޒީރު ޖޯން ނޮއެލް ވިދާޅުވީ، ފްރާންސް އަދި ޖަރުމަނުވިލާތުންވެސް ސީރިޔާގެ ރައްޔިތުންނާއި އެއްބައިވަންތަކަމަށާއި ބާރުތައް ބަދަލުވެގެންދިއުމުގެ މަރުހަލާ ސުލްހަވެރިކަމާއިއެކު ކުރިއަށް ގެންދިއުމުގެ އިތުރުން ސަހަރައްދީ ހަމަޖެހުމަށްވެސް އެއްބާރުލުން ދޭނެކަމަށެވެ.
މި ދަތުރުގެ ކުރިން ޖަރުމަނުވިލާތުގެ ހާރިޖީ ވަޒީރުވެސްވަނީ ސޯޝަލްމީޑިއާގައި ޕޯސްޓެއްކުރައްވާފައެވެ. އެގޮތުން އައު ސިޔާސީ ފެށުމެއްގެ ވާހަކަ ޕޯސްޓުގައި ހިއްސާކުރެއްވިއިރު އެ ގައުމުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގެ އިޝާރާތްތަކެއްވެސް ކުރެއްވިއެވެ.

