މިއަދުގެ ހެނދުން ފެށިގެން މާލެއަށް ކުރި ބޯ ވިއްސާރައިގައި ފެންބޮޑުވެ، ގެތަކާއި ފިހާރަތަކަށް ފެންވަދެފައިވާތީ ފުލުހުންނާއި ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރަމުންދާތީ، މޫސުމާއި ބެހޭ ގައުމީ އިދާރާ ވަނީ ބައެއް އަތޮޅުތަކަށް އޮރެންޖު އެލާޓު ވެސް ނެރެފައެވެ. އަދި ބައެއް ރަށްތަކަށް ވަރަށް ބޮޑަށް އުދަ އަރައި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
މާލެއަށް ކުރި ވިއްސާރައިގައި، މާފަންނާއި ހެންވޭރުގައި ވެސް ވަނީ ފެންބޮޑުވެފައެވެ. އަދި މާފަންނުގެ ގެތަކަށް ފެނުގެ އަސަރުކޮށް ހިފާ ގެންގުޅޭ ސާމާނަށް ވަނީ ގެއްލުންވެފައެވެ.
އާންމުކޮށް ފެނުގެ އަސަރުކުރާ ސަރަހައްދުތަކުގައި މިހާރު ވެސް ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ކުރަމުންދާއިރު، ގެތަކަށް ވެސް ފެންވަދެ ފުލުހުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުންނާއި އެމްއެންޑީއެފް ބުނެފައި ވަނީ ގޭގެއާއި ފިހާރަތަކަށް ފެން ވަނުން ހުއްޓުވުމަށް އެ ތަންތަނުގައި ވެލި ބަސްތާތައް ޖެހުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ފެންބޮޑުވެފައިވާ ތަންތަނުން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދާކަމަށް މައުލޫމާތު ދިނެވެ.
މީގެއިތުރުން ގޭގެއަށް ފެން ވަދެގެން އެހީތެރިކަން ބޭނުންވާނަމަ، އިމަޖެންސީ ހޮޓްލައިން 911 ގުޅުމަށް ފުލުހުން ވަނީ އެދިފައެވެ.

