ބޮޑު ދެ އިންތިހާބަކުން ލިބުނު ނާކާމިޔާބީއާއި ގުޅޭގޮތުން ތައްޔާރު ކުރި ދިރާސާ ރިޕޯޓުގެ މައްޗަށް މަގު ޗާޓެއް އެކުލަވާލާފައިވާކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލި، އޭގެ ފަހުން އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕާޓީ ކުރިމަތިލާން ޖެހުނީ ހީވެސް ނުކުރާހާ ބޮޑު ބައްޔަކާ އެވެ. މަޖިލީހުގައި ލިބުނު އެންމެ 12 ގޮނޑިއާއި އެކު ޕާޓީގެ އަޑު އިއްވުމަށް ވެސް ދަތިތައް ދިމާވެފައިވާއިރު، ލީޑާޝިޕްގެ ހިންގުމަށް ގިނަ ބަދަލުތައް އަންނަން ޖެހޭކަމަށް ގިނަ ބަޔަކު ދެކެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމި ދިރާސާ ރިޕޯޓު ގޮސްފައިވާ ހިސާބަކީ ކޮބައިތޯ ސުވާލު ކުރުމުން ފައްޔާޒް ވިދާޅުވީ ރިޕޯޓުގައިވާ އިރުޝާދުތަކާއި އެއްގޮތަށް މަގު ޗާޓެއް އެކުލަވާލުމުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން މިދިޔަ ހަ މަސް ދުވަހު ކުރި މަސައްކަތްތަކުގައި، ރިފޯމް އެޖެންޑާގެ ދަށުން ޕާޓީގެ ހިންގުމަށް ވެސް ބަދަލުތައް ގެނައުން ހިމެނޭކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ ޕާޓީގެ ހިންގުމާއި ގުޅޭ މަސައްކަތުގައި، އަސާސީ ގަވައިދަށް ބަދަލު ގެނައުން ހިމެނޭކަމަށެވެ. އަދި އެ އިސްލާހުތައް ދެން އޮންނަ ކޮންގްރެސްއަކަށް ހުށަހަޅައިގެން ކުރިޔަށް ގެންދާނެކަމަށް ވިދަޅުވި އެވެ.
”އަޅުގަނޑުމެން މިހާރު އެ ރިޕޯޓުގައި އޮތް ގޮތާ އެއްގޮތަށް، ރޯޑުމެޕެއް ވޭތުވެ ދިޔަ ހައެއްކަ މަހުގެ ތެރޭގައި މި ދަނީ މަސައްކަތް ކުރަމުން.. އެހެންވީމަ ދެން އޭގައި ހުރި ރިފޯމް އެޖެންޑާގެ ބައިވަރު ކަންތަކެއް.. ޕާޓީއަށް ގެންނަ ބަދަލުތައް އިމްޕްލިމެންޓު ކުރަމުން މިދަނީ.. އަދި އަސާސީ ގަވައިދަށް ގެންނަން ޖެހޭ ބަދަލުތައް ވެސް އެބަހުރި.. އެކަންތައްތައް އަޅުގަނޑުމެން ދެން އޮންނަ ކޮންގްރެސްއެއްގައި އެކަންކަން ކުރިޔަށް ގެންދަނީ..“ ފައްޔާޒް ވިދާޅުވި އެވެ.
2023 ގެ ރިޔާސީ އިންތިހާބާއި، 2024 ގެ މަޖިލިސް އިންތިހާބަށް ފަހު ދެން އެންމެ އަވަހަށް އޮންނާނީ 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބެވެ.
ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ވެސް، ޕާޓީގެ އެތެރޭގެ ގިނަ މަސައްކަތްތައް ކުރަން ހުރިއިރު މިވަގުތު ވެސް އެމްޑީޕީ ދަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށާއި، ފެންމަތިވާ އެކި މައްސަލަތަކާއި ގުޅުވައި ޖަލްސާތައް ބާއްވަމުންނެވެ.

