ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮޅިގަނޑުގެ ބާރުދަށްވެ ކުރިއަށް އޮތް ހަފްތާގައި މޫސުން ރަނގަޅުވާނެ: މެޓް

މާލެއަށް ކުރި ވިއްސާރަ--- ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި ގާތުން އުފެދުނު ކޮޅިގަނޑުގެ ބާރު ދަށްވެސް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.

ސަންގު ޓީވީގެ ފުރަމެންދުރު ޕްރޮގްރާމްގައި މެޓް އޮފީހުން މައުލޫމާތު ދެމުން ބުނެފައިވަނީ އަހަރުގެ މި ދުވަސްވަރަކީ ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭ ދުވަސްވަރު ކަމަށެވެ. އެހެންކަމުން ހުޅަނގު މޫސުމުގެ ވައި މަޑުވެ އިރުވައި މޫސުމުގެ ވައި ހިފަހައްޓަން ފަށާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

”ކުރީގެ ނަކަތް ކަލަންޑަރަށް ބަލާ ކަމުގައި ވަނީނަމަ، މިއީ ހަޅަ ޖަހާ ދުވަސްވަރޭ މިކިޔަނި. އޭގެ މާނަޔަކީ އިރުން ބާރަށް ވައި ހިފެހެއްޓުން. ދެން ވައިގަދަވާ ދުވަސް ވަރުގައި ދެކޮޅުން ވައި އައިސް އެއްކޮޅުން ވައި ގަދަވާން ހިފާ ދުވަސް ވަރުގައި މިވާގޮތަކީ ސާކިއުލޭޝަންތައް މި އުފެދެނީ. ދިވެހި ބަހުން ވެއްޖިއްޔާ ކޮޅިގަނޑޭ މި ކިޔަނި. ކޮންމެ އަހަރެއްގައިވެސް މިދުވަސްވަރުގައި މި ސަރަހައްދުގައި ކޮޅިގަނޑުތައް އެބަ އުފެދޭ. މިއަހަރުގައި ގާތްގަނޑަކަށް 30 ޑިސެމްބަރުގައި ލަންކާގެ ދެކުނުން ކޮޅިގަނޑެއް އުފެދުނީ“

މެޓުން ބުނެފައިވަނީ ލަންކާގެ ދެކުނުން ކޮޅިގަނޑެއް އުފެދުނު ކަމަށާއި އެހިސާބުން 3 ކަމެއް ވެދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ދިމާވެދާނެ އެއް ހާލަތަކީ ބަންގާޅު ކަނޑާ ދިމާލަށް ދިއުން ކަމަށާއި، އަނެއް ގޮތަކީ ރާއްޖެއާއި ދެކުނު އިންޑިއާ އާއިދޭތެރެއިން އަރަބި ކަނޑަށް ދިއުންކަމަށާއި އަދި ވުން ނާދިރު ކަމަކީ ރާއްޖެއާއި ދިމާލަށް ކޮޅިގަނޑު އައުން ކަމަށް މެޓުން ވަނީ ބުނެފައެވެ. އެހެންނަމަވެސް މިފަހަރު ވެގެން ދިޔައީ އެކަހަލަ ގޮތެއް ކަމަށް މެޓުން ވަނީ ބުނެފައެވެ.

މެޓުން ބުނީ ކުރިން ލަފާ ކުރެވުނީ ރާއްޖެ ހުރަސްކޮށް ދާނެ ކަމަށެވެ. އެހެންނަމަވެސް ރާއްޖެއާއި ވަރަށް ކައިރިވެފައި ހަރަކާތް މާބޮޑަށް ނެތި މަޑުމަޑުން ބާރު ދަށްވަމުން ދިޔައީ ކަމަށް މެޓުން ވަނީ ބުނެފައެވެ.

30 ވަނަ ދުވަހު ގާތް ގަނޑަކަށް ކޮޅިގަނޑު އުފެދުނުކަން ފާހަގަކުރެވި 31 ވަނަ ދުވަހު މަޑު މަޑުން ރާއްޖެއާއި ދިމާލަށް ޖެހެމުން ދާކަން ފާހަގަ ކުރެވުނު ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ. އެހެންކަމުން 1 ޖެނުއަރީ އިން ފެށިގެން 5 ވަނަ ދުވަހަށް މޫސުން ގޯސް ވާނެ ކަމަށް ލަފާ ކުރެވުނު ކަމަށްވެސް ވަނީ ބުނެފައެވެ. 1 ޖެނުއަރީ އިން ފެށީގެން 3 އަކަށް ބަލާއިރު އެންމެ ގިނައިން ވާރޭ ވެހުނީ މާލެއަށް ކަމަށާއި އެއީ 24 ގަޑިއިރަށް ބަލާއިރު 161.9 މިލިލީޓަރު ކަމަށްވެސް މެޓުން ބުނެފައިވެއެވެ. އޭގެތެރެއިން 3 ގަޑިއިރު ތެރޭގައި 109 މިލިލީޓަރު ވެހުނު ކަމަށް ވަނީ މައުލޫމާތު ދީފައެވެ.

ކުރިއަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު އޭރު އުފެދުނު ކޮޅިގަނޑުގެ ބާރު ވަނީ ދަށްވެފައި ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ. އެހެންކަމުން މަޑުމަޑުން މޫސުން ދަނީ އަލި ވަމުން ކަމަށާއި، އެލާޓް ތަކަށް  ބަލާއިރުވެސް އެކަން ފާހަގަކުރެވޭ ކަމަށާއި، މެދު ރާއްޖެއަށް މިހާރު އެލާޓެއް ނުނެރޭ ކަމަށްވަނީ ފާހަގަކޮށްފައެވެ. އުތުރުން ށ އިން ފެށިގެން ބ އާއި ދެމެދު މޫސުން ކޮންމެސް ވަރަކަށް ގޯސްކަމަށް ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ކުރިއަށް އޮތް ހަފްތާގެ ތެރޭގައިވެސް މޫސުން ރަނގަޅުވަމުން ދާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: