އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަނީ ފުރަތަމަ ކުއާޓަރ ނިމުމުގެ ކުރިން އީފާސް މެދުވެރިކޮށް ޕާޓީއަށް ވަދެވޭނެ ގޮތް ހަދަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ސަންގު ޓީވީއަށް މައުލޫމާތު ދެއްވަމުން އީސީގެ މެމްބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ މިހާރު ޕާޓީއިން ވަކި ވުމާއި، ޕާޓީއަށް ވަނުން ފިޔަވާ ހުރިހާ މައުލޫމާތެއް އީފާސް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށެވެ. އީސީން ދޭ ހިދުމަތްތައް ޑިޖިޓަލައިސްކޮށް ޝަކުވާ ހުށަހެޅުމުގެ ކަންކަންވެސް މިހާރު ވަނީ ބަދަލުކޮށްފައި ކަމަށް ޒަކަރިއްޔާ ވަނީ ވިދާޅުވެފައެވެ.
ޒަކަރިއްޔާ ވިދާޅުވީ އީފާސް މެދުވެރިކޮށް މެމްބަރުން ޕާޓީއަށް ވަދެވޭނެގޮތް ހެދުމަށް މަޝްވަރާތައް ކުރައްވަމުން ގެންދަވާ ކަމަށާއި ފުރަތަމަ ކުއާޓާގެ ކުރިއަށް އެމަަސައްކަތް ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މީގެ ދުވަސްކޮޅެއް ކުރިން ވަނީ ސިޔާސީ ޕާޓީތަކަށް މެންބަރުން ވައްދާއިރު އޮޅުވާލައިގެން މީހުން ވެއްދުމާއި، އާއްމުންނަށް އެނގުމަކާއި ނުލާ އެ މީހުން އެއް ޕާޓީ އިން އަނެއް ޕާޓީއަށް ބަދަލުކުރުމުގެ މައްސަލަ ފެންމަތިވެފައެވެ. އީފާސް މެދުވެރިކޮށް މެމްބަރުން ޕާޓީތަކަށް ވަދެވޭނެ ގޮތް މަގުފަހިވުމުން ވަގު ފޯމު ހުށަހަޅާ މައްސަލައަށް ހައްލެއް ލިބިގެންދާނެއެވެ.
ޕާޓީތައް އުފެދުނީއްސުރެ ވަގު ފޯމު ހުށަހަޅާ މައްސަލަ ޖެހޭ ކަމަށާއި އަދި ފޯމުތަކަށް އެތައް ފީޗާއެއް އިތުރުކުރި ނަމަވެސް ވަގު ފޯމް ހުށަހެޅުން ނުހުއްޓޭ ކަމަށް އިސީން ފާހަގަކުރެއެވެ. އެހެންވެ ކުރިއަށް އޮތް ދެ މަސް ތެރޭ އީފާސް މެދުވެރިކޮށް ޕާޓީއަށް ވައްދާ ގޮތަށް އުސޫލުތަކާއި ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.

