ސަރުކާރުގެ ވަައުދާއި އެއްގޮތަށް ގަވައިދާއި އުސޫލުގެ ތެރެއިން ފްލެޓު ލިބިފައިވާ އެއްވެސް މީހަކަށް ފްލެޓު ނުގެއްލި ރޯދަ މަހުގެ ތެރޭގައި ލިސްޓު އާންމު ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ގޯއްޗާއި ފްލެޓުތަކުގައި ބޮޑެތި އޮޅުވާލުންތައް ހިމެނޭކަމަށް ތުހުމަތު ކުރެވެއެވެ. އަދި ރިޔާސީ އިންތިހާބަށް ފަހު އާންމު ކުރި އެ ލިސްޓާއި އެކު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިނގާފައިވާ ގިނަ މައްސަލަތަކެއް ފެންމަތިވެގެން އައެވެ. އެގޮތުން މާލޭގައި އުޅޭތާ 15 އަހަރުވިކަމަށް ދެއްކުމަށް ދޮގު ލިޔެކިއުންތަކެއް ކައުންސިލްތައް މެދުވެރިކޮށް އުފެއްދިކަމުގެ ވާހަކަތައް ދެކެވުނެވެ.
މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ތަހުގީގު ކުރަމުންދާއިރު، މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް ދައުވާކޮށްދިނުމާއި މެދު ގޮތެއް ނިންމުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި އެކު ރަސްމީކޮށް ކޮމިޝަނުން ވަނީ ޑިއުޓީ ޕްރޮސެކިއުޝަން ފަށާފައެވެ.
މައްސަލައިގެ ތެރެއަށް އޭސީސީ ވަދެ ހިންގި ތަހުގީގަށް ފަހު ބުނެފައި ވަނީ ލިސްޓުގައި ނަން ހިމެނޭ ގިނަ މީހުންނަކީ އޮންނަ އުސޫލުން ފްލެޓު ލިބުނު މީހުން ނޫން ކަމަށެވެ. މި މައްސަލައިގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުން ބުނެފައިވަނީ ފުލެޓަށް އެދި ހުށައަޅާފައިވާ ފޯމުގައި ޝަރުތުހަމަ ނުވާ އެތައް ބައިތަކަކަށް ޕޮއިންޓު ދީފައިވާކަމަށާއި ޕޮއިންޓު ދީފައި ވަނީ ކޮން އަސާސްތަކެއްގެ މައްޗަށްކަން ސާފުނުވާކަމަށެވެ.
ކުރީގެ ސަރުކާރުން ފުލެޓު ދޭން ނިންމާފައިވާ މީހުންގެ ތެރެއިން 60 އިންސައްތަ މީހުންގެ ޝަރުތު ހަމަނުވާކަމަށް އޭސީސީން ބުނެފައިވެއެވެ.
މި މައްސަލައިގައި ރައީސް މުއިއްޒު މީގެ ކުރިން ވެސް ތަކުރާރުކޮށް ވިދާޅުވެފައި ވަނީ، އެމަނިކުފާނު ރައްޔިތުންނަށް ދޭން އޮތް ޔަގީންކަމަކީ ހައްގުން ލިބިފައި އޮތް ފްލެޓެއް ވެސް އެއްވެސް މީހަކަށް ނުގެއްލޭކަމަށެވެ. މިކަމުގައި ވަގުތު ނަގާތީ ކުރާ ސުވާލުތަކަށް ވެސް ރައީސް ދެއްވާ ޖަވާބަކީ އެއީކަމަށެވެ.
ރައީސް މުއިއްޒު އެންމެ ފަހުން ހުވަދު އަތޮޅުތެރެއަށް ކުރެއްވި ދަތުރުފުޅުގައި މީޑިއާތަކާއި ވާހަކަ ދައްކަވަމުން ވިދާޅުވީ މިދިޔަ އަހަރެއްގެ ތެރޭގައި މަސައްކަތް ކުރެވުނީ ބޯހިޔާވަހިކަމާއި ގުޅުން ހުރި މައްސަލަތައް ހައްލުކޮށް ފްލެޓު ލިސްޓު ރިވިއު ކުރުމަށް ކަމަށެވެ. އަދި ނުގަވައިދުން އުސޫލުން ބޭރުން ލިބިފައިވާ ފްލެޓެއް ނުވަތަ ގޯއްޗެއް ނޫނީ ގެއްލުމުގެ ފުރުސަތެއް ނެތްކަމަށް ރައީސް ވިދާޅުވިއެވެ.
އަޅުގަނޑު ވައުދުވީ އެއްވެސް ރައްޔިތަކަށް ދީފައިވާ ގޯއްޗެއް ފްލެޓެއް އަޅުގަނޑުމެން އަތެއްނުލާނަމޭ.. ދެން އަބަދުވެސް އޮންނަ ހަމައެކޭ އެންމެ ކުރީއްސުރެވެސް ނުގަވައިދުން މަކަރު ހަދައިގެން، ދޮގު ހަދައިގެން ފްލެޓެއް ގޯއްޗެއް ހޯދާފައި އޮތް ނަމަ އެ މީހެއްގެ އަތުން ކެންސަލް ވާނެއޭ.. މިއީ އިސްތިސްނާއެކޭ.. އެހެންވީމަ އެކަ
އަދި މަސައްކަތް ކުރެވުނީ އެމަނިކުފާނު ވައުދުވި ގޮތަށް އެއްވެސް ރައްޔިތަކަށް ލިބިފައިވާ ފްލެޓެއް ގޯއްޗެއް ފްލެޓެއް އަތުނުލުންކަމަށް ވިދާޅުވި އެވެ.ރައީސް ވިދާޅުވީ ވީހާވެސް އަވަހަށް ފްލެޓުތައް ވީހާވެސް އަވަހަށް އިއުލާނު ކުރުންކަމަށެވެ.
ފްލެޓު ލިސްޓު އާންމު ކުރެވޭނެ ތާރީހަކާއި ގުޅޭގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް ވިދާޅުވީ ރޯދައިގެ ކުރިޔަށް އިއުލާނު ކުރެވޭނެކަމަށެވެ.
މީގެ ކުރިން ވެސް އެތައް މައްސަލައެއް ފެންމަތިވެގެން އައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެއްވެސް ފޯމެއް ހުށަހަނާޅައި ވެސް ފްލެޓުތައް ދޫކޮށްފައިވާކަމަށް ރައީސް މީގެ ދުވަސްތަކެއް ކުރިން ވިދާޅުވި އެވެ. އެ މީހުންނަށް ފްލެޓުތައް ދޫކޮށްފައި ވަނީ ރައީސް ވިދާޅުވި ގޮތުގައި ސިޔާސީ ގޮތުން ނުފޫޒު ގަދަ އާއިލާއަކަށް ވީތީ ނުވަތަ ސިޔާސީ ގޮތުން މަންފާ ނެގޭ ފަދަ މަގާމެއްގައި ހުރުމުގެ ސަބަބުންނެވެ.
ފްލެޓު ދޫކުރުމަށް ގޮވާލައި، އެމްޑީޕީ އިހުތިތާޖު ކުރަމުން ގެންދާތީ އެކަމަށް ރައްދު ދެއްވައި ރައީސް ވިދާޅުވީ ގޯސްތަކެއް ހަދައި ބޮޑެތި އޮޅުވާލުންތައް އޮޅުވާލީ ކުރީ ސަރުކާރުން ކަމަށެވެ. ޕޯޓަލްގެ ބެކްއެންޑުން މައުލޫމާތުތައް ބަދަލު ކުރުމަށް މަސައްކަތް ކުރުމާއި، ފްލެޓު ކޮމިޓީގައި ތިބި މެމްބަރުންނަށް ފައިދާވާނެ ގޮތަށް ޕޮއިންޓު ދީފައި ހުރިއިރު ރައީސް ސުވާލު އުފެއްދެވީ މިއަދު އެމްޑީޕީ ދައްކަމުން ދާ ވާހަކައާއި މެދުއެވެ.

