ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުމްރާވެރިން ހާލުގައި ޖެއްސި ހިޖްރަ ގްރޫޕުގެ ހުއްދަ ހިފަހައްޓައި، ކުންފުނީގެ މައްޗަށް ފިޔަވަޅު އަޅަނީ!

މީގެ ކުރީ އަހަރެއްގައި ހައްޖުވެރިން ހައްޖަށް ދިއުމަށް ފުރަން ވެލާނާ އެއާޕޯޓްގައި: ފޮޓޯ - މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިންތަކެއް އުމްރާއަށް ގެންދިއުމަށް ފަހު، ރާއްޖެ އަނބުރާ އައުމުގެ ޓިކެޓު ނުނަގައި ހާލުގައި ޖެއްސި އަލް ހިޖްރަ ޓްރެވެލް އެންޑް ޓުއާސްގެ ހުއްދަ ހިފަހައްޓައި ކުންފުންޏާއި ދެކޮޅަށް ބޮޑެތި ފިޔަވަޅުތައް އެޅުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ އޮންނަ އެ ކުންފުނިން 25 ދިވެއްސަކު އުމްރާއަށް ގެންދިއުމަށް ފަހު ހާލުގައި ޖެއްސި މައްސަލައެއް ފެންމަތިވީ ސޯޝަލް މީޑިއާގަ އެވެ. އުމްރާއަށް ދިޔަ އާއިލާތަކުގެ ކުޑަކުދިން ވެސް އޭގެ ތެރޭގައި ހިމެނޭއިރު، ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ހިއްސާ ކުރި ގޮތުގައި މައްސަލަތަކެއް ދިމާވެ އެއް ރޭ ހޮޓަލުން ވެސް ނިކުންނަން ޖެހުނެވެ.

މި މައްސަލަ ފެންމަތިވުމާއި އެކު އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ހާލުގައި ޖެހުނު ފަރާތްތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދީ އެ ކުންފުންޏާއި އެކު ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

އަލްހިޖްރަ ޓްރެވެލް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ފިޔަވަޅު އެޅުމާއި ގުޅޭގޮތުން މިނިސްޓްރީ ނެރުނު ބަޔާނުގައި އިސްލާމިކް މިނިސްޓްރީން ބުނީ ކުންފުނީގެ 2024 ޑިސެމްބަރު އުމްރާ ދަތުރުގައި ދިއުމަށް ހަމަޖެހިފައިވާ އުމްރާވެރިން ދަތުރަށް ފައިސާ ދައްކާފައިވީ ނަމަވެސް އެ ފައިސާއިން އުމްރާވެރިންގެ ދެކޮޅު ޓިކެޓު ހަމަނުޖައްސައި އެ ބޭނުންކޮށްފައިވާކަމަށް ކުންފުނިން އިއުތިރާފުވެފައިވާކަމަށެވެ. އަދި މައްކައިން ރާއްޖެ އައުމަށް ޓިކެޓު ނަގާފައި ނެތުމުގެ ސަބަބުން ރާއްޖެއަށް ނާދެވި އުމްރާވެރިން މިނިސްޓްރީގެ އެހީތެރިކަމަށް އެދިފައި ވާތީ އެ ފަރާތްތަކާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހަވާލުވެފައިވާކަމަށެވެ.

އަލްހިޖްރަ ކުންފުނިން މީހުން އުމްރާއަށް ގެންދިއުމުގެ އުސޫލާއި ހިލާފުވެފައި ވާތީ، ގަވައިދު ބުނާ ގޮތުގެ މަތީން އެ މީހުންނަށް ފިޔަވަޅު އެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކުންފުންޏަށް ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުމާއި، އެއްލަކަ ރުފިޔާއިން ޖުރިމަނާ ކުރުމުގެ އިތުރުން އަލްހިޖްރާ ކުންފުންނާއި ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏެއްގެ ވެސް ހުއްދަ ހިފެހެއްޓުމެވެ.

މީގެއިތުރުން އުމްރާއަށް ގޮސް ހާލުގައި ޖެހުނު ފަރާތްތަކާއި ހަވާލުވުމުން އެކަމަށް މިނިސްޓްރީ ކުރަން ޖެހުނު ހަރަދު ހޯދުން ވެސް ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެއެވެ.

މި މައްސަލައިގައި ހިމެނޭ ކުންފުންޏާއި މެދު ގާނޫނީ ފިޔަވަޅު އަޅައި، މައްސަލަ ތަހުގީގު ކުރުމަށް ފުލުހަށް ހުށަހެޅުމަށް ވެސް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާއި ހިލާފުވާ ކުންފުނިތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެކަމަށް މީގެ ދުވަސްތަކެއް ކުރިން ވެސް މިނިސްޓަރ ވިދާޅުވި އެވެ.

އުމްރާއަށް މީހުން ގެންދިއުމުގައި ކުންފުނިތަކުން މަކަރާއި ހީލަތް ހަދާ މައްސަލަތައް ވަރަށް ގިނައިން ފެންމަތިވެ އެވެ. އޭގެ ތެރޭގައި ފައިސާ ނަގައި، އެންމެ ފަހު ވަގުތު އިންތިޒާމުތައް ހަމަނުޖެހޭކަމަށް އެންގުމައި އެނބުރި އައުމަށް ޓިކެޓު ނަގާފައި ނެތުން ފަދަ ގިނަ މައްސަލަތައް ހިމެނެ އެވެ. އާންމުކޮށް މައްސަލައެއް ފެންމަތިވެގެން އަންނައިރު، އެ ކުންފުންޏަކާއި ގުޅޭގޮތުން ކުރީ އަހަރު ވެސް ޝަކުވާތައްކޮށްފައި ހުރެއެވެ.

މި މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ވަނީ ހާއްސަ އުސޫލެއް ހަދައި، އުމްރާއަށް ގެންދާ ކުންފުނިތަކުން މިނިސްޓްރީގެ ހުއްދައަށް އެދި ހުށަހަޅަން ޖެހޭ ގޮތަށް ބަދަލު ގެނެސްފަ އެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 25%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: