އުމްރާވެރިންތަކެއް އުމްރާއަށް ފޮނުވަންކަމަށް ބުނެ ފޮނުވި ޗެކް ބައުންސްވި މައްސަލައިގައިގައި، ޖިނާއީ ތަހުގީގެއް ހިންގުމަށް ފަހު އެ ކުންފުނީގެ މައްޗަށް ދައުވާކޮށްދޭން އެދި ހުށަހަޅައިފިއެވެ.
މީޑިއާ ގުރޫޕަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، މަޝްއަރު ޓުއާސް އުމްރާވެރިންތަކެއް އުމްރާއަށް ފޮނުވަންކަމަށް ބުނެ ފޮނުވި ޗެކްތަކެއް ބައުންސްވެފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުކަމަށެވެ. އަދި މައްސަލައިގެ ތަހުގީގު ނިންމައި، ދައުވާކޮށް ދޭން އެދި މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް މައުލޫމާތު ދިނެވެ.
ޓިކެޓް ފައިސާގެ ޗެކް ބައުންސްވެގެން އެ ކުންފުނީގެ ފަރާތުން ރޯދަ މަހު އުމްރާއަށް ދިޔަ 50 އަށް ވުރެ ގިނަ އުމްރާވެރިން ސައުދީގައި ތާށިވި އެވެ. އޭރު ކުންފުނިން ވަނީ އެނބުރި އައުމުގެ ޓިކެޓުގެ ފައިސާއާއި އެކު، ކެއުމާއި ހުރުމުގެ ހުރިހާ ހަރަދެއް ވެސް ހޯދާފައެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހެޅީ، އިސްލާމިކް މިނިސްޓްރީންނެވެ.
މައްސަލަ ފެންމަތިވެ ފަހުން އެނގުނު ގޮތުގައި، އެ ކުންފުނިން ގިނަ އަދަދެއްގެ ބަޔަކު އުމްރާއަށް ގެންދިއުމަށް ފައިސާ ނަގާފައި ވަނީ ހުއްދަ ބާތިލުކޮށްފައި ވަނިކޮށް ވަކި އޭޖެންސީއެއް ހަދައި އޮޅުވާލައިގެންނެވެ. 2023 ގައި އެ ހުއްދަ ވެސް ބާތިލު ކުރީ އުމްރާވެރިންގެ ޓިކެޓަށް ފައިސާ ނުދައްކައި ލަސްކޮށް ޗެކް ބައުންސްވި މައްސަލައިގަ އެވެ.
ޓްރެވެލް އޭޖެންސީގެ ނަމުގައި އުފައްދާފައިވާ އެ ކުންފުނި، ޓޫރިޒަމް މިނިސްޓްރީގައި ވެސް ރެޖިސްޓްރީކޮށްފައި ނުވެއެވެ.

