އިންޑިއާއިން ދިވެހިރާއްޖޭގެ ދިފާއީ ޤާބިލިއްޔަތު އިތުރުކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ދިފާއީ ވަސީލަތްތަކެއް ހަވާލުކޮށްފައިވާކަމަށް އެ ޤައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
އިންޑިއާގެ ”ވޯލްޑް އިޒް ވަން“ ނޫހުން ހާމަކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖެއާއި އިންޑިއާގެ ދެމެދު ދިފާއީ ގުޅުން ހަރުދަނާކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ފަހަކަށްއައިސް ދިވެހިރާއްޖޭގެ ދިފާއީ ވަޒީރު އަލްފާޟިލް ޣައްސާން މައުމޫނާއި އިންޑިއާގެ ދިފާއީ ވަޒީރު ރާޖްނާތް ސިންގް ވަނީ ބައްދަލުކުރައްވާފައެވެ. އިންޑިއާގެ ވެރިރަށް ދިއްލީގައި ބޭއްވުނު މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެވިފައިވަނީ ދެ ޤައުމުގެ ދެމެދުގައި ދިފާއީ ގޮތުން ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ މައްޗަށެވެ. ޚާއްޞަކޮށް، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން، މަޢުލޫމާތު ބަދަލުކުރުން އަދި ދިވެހިރާއްޖޭގެ ދިފާއީ ޤާބިލިއްޔަތު އިތުރުކުރުމަށްޓަކައި ތަމްރީނުތައް ކުރިއަށް ގެންދިއުން ފަދަ ކަންކަމަށް އިސްކަންދީފައިވާކަމަށް ބަޔާންކޮށްފައިވެއެވެ.
ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި، އިންޑިއާއިން ވަނީ ދިވެހިރާއްޖޭގެ އެދުމުގެ މަތިން 4 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އަގުބޮޑު ދިފާއީ ވަސީލަތްތަކެއް ދިވެހިރާއްޖެއާ ހަވާލުކޮށްފައެވެ. މީގެ ތެރޭގައި ޔޫޓިލިޓީ ވެހިކަލްތަކާއި ކަނޑުއަޑީގައި ހަރަކާތްތެރިވުމަށް ބޭނުންވާ އާލާތްތައް ހިމެނެއެވެ. އިންޑިއާ ސަރުކާރުން ޢާންމުކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން، ދިފާއީ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅުންހުރި ގިނަ މައްސަލަތަކެއްގެ މައްޗަށް ބައްދަލުވުމުގައި މަޝްވަރާކުރެވިފައިވެއެވެ. އަދި ދިވެހިރާއްޖޭގެ އަސްކަރީ ޤާބިލިއްޔަތު އިތުރުކުރުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދިނުމާ މެދުވެސް މަޝްވަރާކުރެވިފައިވާކަން ފާހަގަކޮށްފައިވެއެވެ. މިކަމުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
މި ބައްދަލުވުމުގައި އުތުރުތިލަފަޅުގައި ކުރިއަށްގެންދާ އެކްތާ ހާބަރ ޕްރޮޖެކްޓުގެ މަސައްކަތްތައް އަވަސްކުރުމަށްވެސް އެއްބަސްވެފައިވާކަމަށް ނޫހުން ރިޕޯޓުކޮށްފައިވެއެވެ. މިއީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ދިވެހިރާއްޖޭގައި ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫޢުކަމަށްވާއިރު، ނޭވަލް ޑޮކްޔާޑެއް ޤާއިމުކުރުމުގެ މަސައްކަތްތައް މި ޕްރޮޖެކްޓުގައި ހިމެނެއެވެ. މިއީ ދިވެހިރާއްޖޭގެ ކޯސްޓްގާޑުގެ ޤާބިލިއްޔަތު އިތުރުވެގެންދާނެ މުހިންމު މަސައްކަތެއްކަމަށް ފާހަގަކޮށްފައިވެއެވެ.
އިތުރުން، އުތުރުތިލަފަޅުގައި ކުރިއަށްގެންދާ އެކްތާ ހާބަރ ޕްރޮޖެކްޓަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ ޤާބިލިއްޔަތު އިތުރުކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫޢެއްކަން އެނގެއެވެ. މި މަޝްރޫޢުގެ މަސައްކަތްތައް އަވަސްކުރުމަށް ދެ ޤައުމުން އެއްބަސްވެފައިވުމަކީ، މި ދާއިރާއަށް ދެވޭ އިސްކަމުގެ ހެއްކެކެވެ.

