މާލޭގެ އެޕާޓްމެންޓެއްގައި ރަހުމްކުޑަކޮށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ އަލީ ސާހިލްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ. އެގޮތުން މި އަޑުއެހުމުގައި ކުރިއަށް ދިޔަ ކަންކަމުގެ މައުލޫމާތު ކްރިމިނަލް ކޯޓުން ވަނީ މީޑިއާތަކާ ހިއްސާކޮށްފައެވެ.
ކޯޓުން މައުލޫމާތު ދޭ ގޮތުުގައި މި މައްސަލައާ ގުޅިގެން ދައުލަތުގެ 9 ހެއްކެއްގެ ހެކިބަސް ސިއްރުން ނެގުމަށް ވަނީ ނިންމާފައެވެ.
އޭގެ އިތުުރުން، ސާހިލް ތަހުގީގަށް ދީފައިވާ ބަޔާން ބަލައިނުގަތުމަށް އޭނާގެ ފަރާތުން ހުށަހެޅި ނަމަވެސް އެ ބަޔާން ބަލައިގަތުމަށް ކޯޓުން ވަނީ ނިންމާފައެވެ.
އޭގެ އިތުރުން މި މައްސަލައިގެ އިބްތިދާއީ މަރުޙަލާ ވަނީ ނިިންމާލާފައެވެ. އެހެންކަމުން ދެން އޮންނާނީ މި މައްސަލައިގެ ޝަރީއަތް ފެށުމެވެ.
ސާހިލްގެ މައްޗަށް ކޮށްފައިވަނީ ތިން ދައުވާއެކެވެ. އެއީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާގެ އިތުރުން ކެނެބިސް ބޭނުން ކުރުމުގެ ކުށުގެ ދައުވާއެވެ. ސާހިލް ގެ މައްޗަށް ކުރެވޭ ބާކީ ދެ ދައުވާ އާއިލާ އަށް އިހްތިރާމް ކުރުމަށް ކަމަށްބުނެ ޕީޖީއިން ހާމަކޮށްފައެއް ނުވެއެވެ.

